ރަފަހްގައި ތިބި ފަލަސްތީނުގެ ބަޔަކު މިދިޔަ ހަފްތާގައި ރޯދަވިއްލަނީ.
ދެކުނު ގާޒާގައިވާ ރަފަހް އަށް ނުވަނުމަށް ބައެއް ލީޑަރުން އިޒުރޭލަށް ގޮވާލަައްވައިފި
ގާޒާގެ ދެކުނުގައި އޮންނަ ރަފަހް ސިޓީއަށް ވަދެގަނެފި ނަމަ "ނުރައްކާތެރި ނަތީޖާތަކާ" ކުރިމަތިވާނޭ ކަމަށް ބުނެ ފްރާންސް، އުރުދުން އަދި މިސުރުގެ ލީޑަރުން އިޒްރޭލަށް އިންޒާރު ދީފި އެވެ.
މި ތިން ގައުމުގެ ލީޑަރުން ވިދާޅުވީ މިފަދަ އޮޕަރޭޝަނެއްގެ ސަބަބުން "އިތުރު މަރުތަކާއި ހިތާމަތަށް" ކުރިމަތިވެ، "ސަރަހައްދީ މަސްލަހަތު އިތުރު ގޯސްވެ ނުރައްކާތެރި" ވެގެން ދާނެ ކަމަށެވެ.
ފަލަސްތީނުގެ 1.5 މިލިއަނެއްހާ ރައްޔިތުން ތޮށްޖެހިފައިވާ ރަފަހްއަށް ވަދެގަތުމާ ދެކޮޅު ކަމަށް އެމެރިކާއިން ވެސް ވަނީ ބުނެފަ އެވެ.
ރަފަހްއަށް އިޒްރޭލު ސިފައިން ވަދެގަންނާނެ ތާރީހެއް މިހާރު ކަނޑައެޅިފައިވާ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އިތުރު ތަފްސީލެއް އޭނާ ދެއްވާފައެއް ނުވެ އެވެ.
"ކައިރޯގައި ކުރިއަށްދާ މަޝްވަރާތަކުގެ ތަފްސީލީ ރިޕޯޓެއް މިއަދު އަހަންނަށް ވަނީ ލިބިފައި. އަހަރުމެންގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް މެދުނުކެނޑި އަހަރުމެން މިދަނީ މަސައްކަތް ކުރަމުން. އެންމެ ފުރަތަމަ ކަމަކަށް އަހަރުމެންގެ ރަހީނުން މިނިވަން ކުރުމާއި ހަމާސްގެ މައްޗަށް ފުރިހަމަ ކާމިޔާބީއެއް ހޯދުން،" ނަތަންޔާހޫ އިއްޔެ ވިދާޅުވެފައިވެ އެވެ.
"މި ކާމިޔާބު ހޯދުމަށް ރަފަހްއަށް ވަދެގަނެ އެތަނުގައި ތިބި ޓެރަރިސްޓް ހަނގުރާމަވެރިންތައް ނައްތާލަން ޖެހޭ. އެކަން ވާނެ، ތާރީހެއް އެބަ އޮތް."
އަނެއްކޮޅުން އިޒްރޭލުގެ ދިފާއީ ވަޒީރު ޔޮއޭވް ގަލަންތު ވަނީ، މިއީ ރަހީނުން މިނިވަން ކުރުމަށް ރަނގަޅު ވަގުތެއް ކަމަށް ވިދާޅުވެފަ އެވެ. އޭނާ މިގޮތަށް ވިދާޅުވެފައި މިވަނީ ރަހީނުން މިނިވަންކޮށް ހަމަލާތައް ބަދަލުކުރުން ހުއްޓާލުމުގެ މަޝްވަރާތައް މިސްރުގެ ވެރިރަށް ކައިރޯގައި ކުރިއަށްދަމުން އަންނަ ދަނޑިވަޅެއްގަ އެވެ.
މި މަޝްވަރާތަކުގައި އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭގެ ޑިރެކްޓަރު ވިލިއަމް ބާންސް ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ. ބާންސް މި މަޝްވަރާތަކުގައި ބައިވެރިވުމުން އެއްބަސްވުމަކާ ހަމައަށް ދިޔުމަށް އެމެރިކާއިން އިޒްރޭލަށް ކުރަމުން އަންނަ ޕްރެޝަރުތައް ފާހަގަވެގެންދެ އެވެ.
ރޮއިޓާސް ނޫހާ ވާހަކަ ދެއްކެވި ހަމާސްގެ އޮފިޝަލެއް ވިދާޅުވީ އިޒްރޭލުގެ ހުށައެޅުން ހަމާސްގެ ޝަރުތަކަަށް ނުފެތޭ ކަމަށެވެ. އެހެންނަމަވެސް އެ ހުށައެޅުން ހަމާސް އިން އިތުރަށް ބަލާނެކަމަށް އޭނާ ވިދާޅުވި އެވެ.
"[އިޒްރޭލުން ކުރިމަތިކޮށްފައިވާ] އިސްތިއުމާރީ ހާލަތު ބަދަލުވާނެ އިޝާރާތެއް ނެތް. އެހެންކަމުން ކައިރޯގެ މަޝްވަރާތަކުގައި އެއްވެސް އާ ކަމެއް ނެތް،" ނަން ނުޖެހުމަށް އެދި މައުލޫމާތު ދެއްވި ހަމާސްގެ އޮފިޝަލް ވިދާޅުވި އެވެ. "[މަޝްވަރާތަކުގައި] އަދި ކުރިއެރުމެއް ނެތް."
މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް-ސީސީ އާއި ފްރާންސްގެ ރައީސް އެމެނުއެލް މެކޯން އަދި އުރުދުންގެ ރަސްގެފާން އަބްދުއްލާ ދެވަނަ ގުޅިގެން ނެރުއްވާފައިވާ ބަޔާނުގައި "ރަފަހްއަށް ވަދެގަތުމުން ބިރުވެރި ނަތީޖާތަކެއް ނުކުމެދާނެ ކަމަށް އަހަރުމެން އިޒްރޭލަށް އިންޒާރުދޭ" ކަމަށް ވިދާޅުވެފައިވެ އެވެ. އަދި ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށާއި ރަހީނުން މިނިވަން ކުރުމަށް ގޮވާލާ މިފަހުން އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރު "ފުރިހަމައަށް ލަސްތަކެއް ނުވެ ތަންފީޒު ކުރުމަށް" އެ ބަޔާނުގައި ގޮވާލާފައިވެ އެވެ.
"ގާޒާގައި ހިނގަމުން އަންނަ ހަނގުރާމަ އާއި އޭގެ ސަބަބުން ކުރިމަތިވަމުން އަންނަ ބޮޑެތި އިންސާނީ ގެއްލުންތައް މިހާރުން މިހާރަށް ނިމުމަކަށް ގެންނަން ޖެހޭ،" ކަމަށް މި ތިން ލީޑަރުން ވިދާޅުވެފައިވެ އެވެ. އަދި ގާޒާއަށް ވައްދަމުން އަންނަ އެހީ ވެސް ބޮޑުތަނުން އިތުރު ކުރުމަށް މި ލީޑަރުން ވަނީ ބާރުއަޅުއްވާފަ އެވެ.
ގާޒާއިން ލިބެމުން އަންނަ އެހެން ބައެއް ހަބަރުތަކަށް ބަލާލާ އިރު، ގާޒާއަށް ރެކޯޑު 419 ލޮރީގެ އެހީ އިއްޔެ ވައްދާފައިވާ ކަމަށް އިޒްރޭލުން ވަނީ ރިޕޯޓުކޮށްފަ އެވެ.