ކުރިން ސަރުކާރުގައި މަސައްކަތް ކުރެއްވި ޕެތަރް މަޖާރް (މެދު) ސަރުކާރާ އިދިކޮޅު އެކްޓިވިސްޓުންނާއި ސަޕޯޓަރުންނާ އެކު ވެރިރަށް ބުޑަޕެސްޓުގައި.

ހަންގޭރީ

ބޮޑުވަޒީރު އޯބާންއާ ދެކޮޅަށް ހަންގޭރީގައި އެތައް ހާސް ބަޔަކު އެއްވެއްޖެ

އިއްޔެގެ މުޒާހަރާގައި 10،000 އެއްހާ މީހުން ވަނީ ބައިވެރިވެފައި

ހަންގޭރީގެ ބޮޑުވަޒީރު ވިކްޓާ އޯރްބާންގެ ސަރުކާރާ ދެކޮޅަށް ވެރިރަށް ބުޑަޕެސްޓްގެ މަގުތަކަށް އެތައް ހާސް ބަޔަކު ނުކުމެ މުޒާހަރާކޮށްފި އެވެ.

އިއްޔެ އޮތް މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވެފައި ވަނީ ކުރިން ސަރުކާރުގައި މަސައްކަތް ކުރެއްވި އަދި މިހާރު ސަރުކާރަށް ފާޑުވިދާޅުވަމުން ގެންދަވާ 43 އަހަރުގެ  ޕެތަރް މަޖާރް އެވެ.

މަޖާރް އަކީ އޯބާން ސަރުކާރުގެ ޖަސްޓިސް މިނިސްޓަރަކަށް ކުރިން ހުންނެވި ޖޫޑިޓް ވާގާގެ ކުރީގެ ފިރިކަލުން ނެވެ.

ބުޑަޕެސްޓްގައި ހުންނަ ގާނޫނު ހަދާ މަޖިލީސް ދޮށަށް އެއްވި މީހުންނާ މުހާތަބުކޮށް ވާހަކަދައްކަމުން މަޖާރް ވިދާޅުވީ ހަންގޭރީގެ ކޮންޒަވޭޓިވް އާއި ލިބެރަލް ވިސްނުމުގެ މީހުން އެކުގައި މަސައްކަތް ކުރެވޭނެ ގޮތް ހެދުމަށް އާ ސިޔާސީ ފިކުރެއް އުފައްދަވާނެ ކަމަށެވެ. އަދި ބޮޑުވަޒީރު އޯބާންގެ ސިޔާސަތުތަކާ ގުޅިގެން އިދިކޮޅު ބައިބައިވެފައިވާ ކަމަށް މަޖާރް ފާހަގަ ކުރެއްވި އެވެ.

"ފިޔަވަޅަކަށް ފަހު ފިޔަވަޅަކާ އެކު، ކޮންމެ ގަލަކާ އެކު އަހަރުމެން މިދަނީ އަހަރުމެންގެ އަމިއްލަ ވަޒަން އަނބުރާ ނަގަމުން އަދި އާ ގައުމެއް ބިނާ ކުރަމުން، އަމިއްލަ އިސްތިގްލާލެއް އޮތް، ޒަމާނީ ޔޫރަޕަށް ނިސްބަތްވާ ހަންގޭރީއެއް،" މަޖާރް ވިދާޅުވި އެވެ.

މި މުޒާހަރާގައި ބައިވެރިވި ގިނަ މީހުން ތިބީ ހަންގޭރީގެ ދިދައިގައި ހުންނަ ރަތާއި ހުދާއި ފެހި ކުލައިގެ ހެދުން އަޅައިގެންނެވެ.

"މިއީ ހަންގޭރީގެ ގައުމީ ކުލަތައް، ސަރުކާރުގެއެއް ނޫން،" ދުރު ހިސާބަކުން ވެރިރަށަށް މުޒާހަރާގައި ބައިވެރިވުމަށް އައި 24 އަހަރުގެ މީހަކު ރޮއިޓާސް ނޫހަށް މައުލޫމާތު ދިނެވެ.

މި މުޒާހަރާގެ ބައިވެރިން ވަނީ "އަހަރުމެން ބިރު ނުގަންނާނެ" ކަމަށާއި "އޯބާން އިސްތިއުފާ" ދިނުމަށް ވެސް ގޮވާލާފަ އެވެ.

އާންމުންގެ މެދުގައި މަޖާރް މަޝްހޫރު ވެގެން ގޮސްފައި ވަނީ ހުސްވި ފެބްރުއަރީ މަހު ހަންގޭރީ ސަރުކާރާ ބެހޭ މައުލޫމާތުތަކެއް އޭނާ ލީކުކޮށްލުމުން ނެވެ. އަދި ސަރުކާރު ކުރީގެ ވަޒީރެއް މައްޗަށް އުފުލާފައިވާ ކޮރަޕްޝަންގެ މައްސަލައެއް ހިންދާލުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ އޯޑިއޯ ކްލިޕެއް ވެސް ވަޖާރް ވަނީ މިދިޔަ މަހު ލީކުކޮށްލާފަ އެވެ.

މި އޯޑިއޯއިން އޯބާން ސަރުކާރުގެ އެންމެ މަތީ އޮފިޝަލުންތައް ކޮރަޕްޓުކަން ހާމަވެގެން ދާކަމަށާއި މި ރެކޯޑިންގް ޕްރޮސެކިއުޓަރުންގެ އޮފީހަށް ހުށައަޅާފައިވާ ކަމަށް މަޖާރް ވަނީ ވިދާޅުވެފަ އެވެ.

މި ރެކޯޑިންގް ބަލާފާސްކޮށް އިތުރު ހެކި ހޯދާނެކަމަށް އެ އޮފީހުން ވަނީ ބުނެފަ އެވެ.

އިއްޔެ އޮތް މުޒާހަރާގައި މަޖާރް ވިދާޅުވީ "ހަންގޭރީގެ ރައްޔިތުން އެކަކު އަނެކަކާ ޖެއްސުމަށް އިންތިހާބުކޮށްފައިވާ ލީޑަރުން މަސައްކަތް ކުރަމުން އަންނަތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ" ކަމަށެވެ. 

އަދި "ގައުމުގެ ހާލަތު ރަނގަޅަށް ދިޔަކަމުގައިވީ ނަމަވެސް ނުވަތަ ބަނގުރޫޓުވުމާ ކައިރިއަށް ގޮސްފައިވީ ނަމަވެސް އެންމެން އެކުގައި މަސައްކަތް ކުރުމުގެ ބަދަލުގައި އެއްބަޔަކު އަނެއް ބަޔަކާ ވަނީ ޖައްސާފައި. މިކަމަށް ހަމަ މިހާރު ނިމުމެއް ގެނުވާނަން،" މަޖާރް ވިދާޅުވި އެވެ.

އިއްޔެ ހަންގޭރީގައި އޮތް މުޒާހަރާގެ ތެރެއިން (ވީޑިއޯ/ދަ ޓެލެގްރާމް)

މަޖާރްގެ ވާހަކަތަކަށް ރައްދު ދީ ހަންގޭރީގެ ސަރުކާރުން ބުނީ މަޖާރް އަކީ ސަރުކާރުގެ ގިނަ ކުންފުނިތަކެއްގެ މަގާމުތަކުން ވަކި ކުރުމުން ފުރުސަތުތަކެއް ހޯދުމަށް ބޭނުންވެފައިވާ މީހެއް ކަމަށެވެ. 

ނަމަވެސް އަންނަ ޖޫން މަހު އޮންނަ ޔޫރަޕުގެ ޕާލިމަންޓަރީ އިންތިހާބާ ކައިރިވެފައި ވަނިކޮށް މަޖާރް އަށް އިތުރުވަމުންދާ މަގުބޫލުކަމަކީ ބޮޑުވަޒީރު އޯބާން އަށް ބޮލުގައި ރިހުމަކަށް ވަނީ ވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް