އެމެރިކާގެ އެހީދޭ ޖަމާއަތެއް ކަމުގައިވާ ވޯލްޑް ސެންޓްރަލް ކިޗަންގެ ވެހިކަލެއް އިޒްރޭލުގެ ހަމަލާއަކަށް ފަހު.

އިޒްރޭލް

އެހީގެ ގާފިލާއަށް ހަމަލާދިން ސިފައިންނަށް އިޒްރޭލުން ފިޔަވަޅު އަޅައިފި

ހަމަލާ ދިން މީހުން ވަނީ ކަނޑައަޅާފައިވަ އުސޫލުތަކާ ހިލާފުވެފައި ކަމަށް އިޒްރޭލުން ބުނޭ

ގާޒާގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް ހަރަކާތްތެރިވަމުން އަންނަ ޖަމިއްޔާއެއްގެ ހަތް މުވައްޒަފުން މަަރުވި ހަމަލާއާ ގުޅިގެން ސިފައިންގެ ދެ މީހަކު ސަސްޕެންޑުކޮށް އިތުރު ތިން މީހަކަށް ފިޔަވަޅު އަޅާފައިވާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާ (އައިޑީއެފް) އިން ބުނެފި އެވެ.

މި މީހުންނާ މެދު ފިޔަވަޅު އެޅީ ނާޒުކު މުހިންމު މައުލޫމާތުތަކެއް ގޯސްކޮށް ބޭނުންކޮށް، ހަމަލާ ދިނުމުގައި އަސްކަރިއްޔާއިން ގެންގުޅޭ ގަވާއިދުތަކާ ހިލާފުވުމުން ކަމަށް އައިޑީއެފް އިން ބުންޏެވެ. 

ހުކުރު ދުވަހު އައިޑީއެފް އިން ހާމަކުރި ގޮތުގައި، އެހީގެ މަސައްކަތްތެރިންނަށް ސިފައިން ހަމަލާ އަމާޒުކުރީ އެއީ ހަމާސްގެ ބައެއް ކަމަށް ގޯސްކޮށް ހީކުރެވުމުން ކަމަށް ތަހުގީގުން އެނގިފައިވާ ކަމަށެވެ.

އެހީ ފޯރުކޮށްދޭ ވޯލްޑް ސެންޓްރަލް ކިޗަން (ޑަބްލިއުސީކޭ) ގެ ތިން ވެހިކަލަކަށް ހަތަރު މިނެޓު ތެރޭ އިޒްރޭލުން ޑްރޯން މެދުވެރިކޮށް ތިން މިސައިލުން ހަމަލާ ދިން ކަމަށާއި، ހަމަލާތަކުގެ ދެމެދު މި ވެހިކަލްތަކުގައި ތިބި މީހުން އެއް ވެހިކަލުން އަނެއް ވެހިކަލަށް ސަލާމަތްވާން ދުވިކަމަށް އައިޑީއެފް އިން ބުންޏެވެ.

މި ހާދިސާގައި މަރުވެފައި ވަނީ އިނގިރޭސިވިލާތުގެ ތިން މީހަކާއި އޮސްޓްރޭލިއާ، އެމެރިކާ، ފަލަސްތީނު އަދި ޕޯލެންޑުން އެކެކެވެ.

"މިއީ އަހަރެމެން ޒިންމާވާން ޖެހޭ ސީރިއަސް ހާދިސާއެއް. މި ހާދިސާ ހިނގައިގެން ނުވާނެ. އަދި މިފަދަ ކަމެއް އަލުން ތަކުރާރު ނުވާނެކަން އަހަރެމެން ކަށަވަރު ކުރާނަން،" އައިޑީއެފްގެ ތަރުޖަމާނު ޑެނިއެލް ހަގާރީ ބުންޏެވެ.

މި ހާދިސާއާ ގުޅިގެން ޑަބްލިއުސީކޭ ޖަމިއްޔާއިން ވަނީ ގާޒާގައި ހިންގަމުން ދިޔަ އެހީގެ ހަރަކާތްތައް ވަގުތީ ގޮތުން މަޑުޖައްސާލައިފަ އެވެ. 

"އިންސާނީ އެހީ ފޯރުކޮށްދޭ މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އިޒްރޭލުން ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ޖެހޭ،" ޑަބްލިއުސީކޭގެ ސީއީއޯ އެރިން ގޯ ވިދާޅުވި އެވެ. 

އިޒްރޭލުން ހިންގި ތަހުގީގަށް ފަހު މި ހަމަލާގައި ހިމެނޭ ސިފައިންގެ ދެ މީހަކު ސަސްޕެންޑު ކުރި ކުރުމަށް އިނގިރޭސިވިލާތުން ވަނީ މަރުހަބާ ކިޔައިފަ އެވެ.

އެެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓު އެންޓޮނީ ބްލިންކެން އިއްޔެ މިކަމާ ބެހޭ ގޮތުން ވިދާޅުވީ "އިޒްރޭލުން މި ހާދިސާއަށް ފުރިހަމައަށް ޒިންމާ ނަގަމުން ދިޔުން ވަރަށް މުހިންމު... [އަދި] މިކަމުގައި ބައިވެރިވާ ފަރާތްތަކަށް ފިޔަވަޅު އެޅުން،" ވެސް މުހިންމު ކަމަށެވެ. 

ނަމަވެސް އިޒްރޭލް ސިފައިން ކުރި ކަމެއްގެ މައްޗަށް އިޒްރޭލަށް ސައްހަ ތަހުގީގެއް ނުހިންގޭނެ ކަމަށާއި، މި ހާދިސާ ތަހުގީގު ކުރުމަށް މިނިވަން ކޮމިޝަނެއް އުފެއްދުމަށް ޑަބްލިއުސީކޭ ޖަމިއްޔާއިން ވަނީ ގޮވާލައިފަ އެވެ.

އަނެއްކޮޅުން ބަލާއިރު އިޒްރޭލު ހަމަލާގައި މަރުވި އެކަކު ނިސްބަތްވާ ޕޯލެންޑުން  ވަނީ އިޒްރޭލުގެ މައްޗަށް ޖިނާއީ ދައުވާއެއް ހިންގަން ހަރުއަޑުން ގޮވާލައިފަ އެވެ. އަދި މި ދައުވާގައި  ޕޯލެންޑުގެ ޕްރޮސެކިއުޓަރުންނަށް ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ވެސް ޕޯލެންޑުން އެދުނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް