އޫރު ކިޑްނީއެއް ޓްރާންސްޕްލާންޓް ކުރެވުނު ބަލިމީހާ ރިކް ސްލޭމަން (އިށީނދެގެން) އޭނާގެ ބައިވެރިޔާ އާއި ޑޮކްޓަރުންނާ އެކު.

އޫރު ކިޑްނީއެއް ލެއްވި ބަލިމީހާ ހޮސްޕިޓަލުން ދޫކޮށްލައިފި

މީގެ ކުރިން އޫރެއްގެ ގުނަވަންތައް އިންސާނުންނަށް ޓްރާންސްޕްލާންޓް ކުރުމަށް ހަދާފައިވާ އޮޕަރޭޝަންތައް ވަނީ ފެއިލުވެފައި

ޖެނެޓިކަލީ މޮޑިފައި ކޮށްފައިވާ އޫރު ކިޑްނީއެއް ޓްރާންސްޕްލާންޓް ކުރެވުނު ފުރަތަމަ ބަލިމީހާ ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.

ރިކް ސްލޭމަން، 62،ގެ ހަށިގަނޑަށް އޫރު ކިޑްނީއެއް ލެއްވުމުގެ އޮޕަރޭޝަން ކޮށްފައި ވަނީ މީގެ ދެ ހަފްތާ ކުރިން އެމެރިކާގެ މަސަޗޫސެޓްސް ޖެނެރަލް ހޮސްޕިޓަލް (އެމްޖީއެޗް) ގަ އެވެ.

މީގެ ކުރިން ޖެނެޓިކަލީ މޮޑިފައިކޮށްފައި ހުންނަ އޫރުގެ ގުނަވަންތައް އިންސާނެއްގެ ހަށިގަނޑަށް ލެއްވުމަށް ހަދާފައިވާ އޮޕަރޭޝަންތައް ވަނީ ފެއިލުވެފަ އެވެ. ނަމަވެސް މި ފަހަރުގެ އޮޕަރޭޝަން ކާމިޔާބުވުމަކީ ޓްރާންސްޕްލާންޓް ކުރުމަށް ލިބުނު ތާރީހީ ބޮޑު ކާމިޔާބީއެއް ކަމަށް ސައިންސްވެރިން ވަނީ ވިދާޅުވެފަ އެވެ.

ސްލޭމަންގެ ކާމިޔާބު އޮޕަރޭޝަންއާ ބެހޭ ހަބަރު އެމްޖީއެޗް ހޮސްޕިޓަލުން އިއުލާނުކޮށްފައި ވަނީ ބުދަ ދުވަހު ނެރުނު ނޫސް ބަޔާނެއްގަ އެވެ. އެމްޖީއެޗް ހޮސްޕިޓަލަކީ އެމެރިކާގެ ބޮސްޓަން ސިޓީގައި ހުންނަ ހާވަޑް ޔުނިވާސިޓީއިން ކިޔަވާދޭ އެންމެ ބޮޑު މެޑިކަލް ސްކޫލެވެ.

އެމްޖީއެޗް އިން ނެރުނު ނޫސް ބަޔާނުގައި، ބަލިމީހާ ސްލޭމަން އަށް އޫރު ކިޑްނީއެއް ޓްރާންސްޕްލާންޓް ކުރީ އޭނާ ކިޑްނީ ބައްޔާ ހަނގުރާމަ ކުރަމުން ދިޔުމުން ކަމަށް ބުނެފައިވެ އެވެ. އަދި ހަތަރު ގަޑިއިރުގެ މި ޓްރާންސްޕްލާންޓް އޮޕަރޭޝަން ޑޮކްޓަރުން ކޮށްފައި ވަނީ މާޗް 16 ވަނަ ދުވަހު ކަމަށާއި ޓްރާންސްޕްލާންޓް ކުރެވުނު ކިޑްނީ މިހާރު ރަނގަޅަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ބަޔާނުގައިވެ އެވެ.

މި އޮޕަރޭޝަންއާ ބެހޭގޮތުން ވާހަކަ ދައްކަމުން ސްލޭމަން ބުނީ މިއީ އޭނާގެ ހަޔާތަށް ކުރިމަތިވި "އެންމެ އުފާވެރި އެއް ދަނޑިވަޅު" ކަމަށެވެ. 

"އެތައް އަހަރެއް ވަންދެން އަހަރެންގެ ހަޔާތަށް ނޭދެވޭ އަސަރުތަކެއް ކުރަމުން ދިޔަ ޑައިލިސިސްގެ ފަރުވާތަކުން ސަލާމަތްވެ ލޯބިވާ މީހުންނާއި ރަހުމަތްތެރިންނާއި އާއިލާއާ އެކު ވަގުތު ހޭދަކުރުން ފުރުސަތު ލިބުނީތީ އަހަރެން އުފާކުރަން."

މީގެ ހަ އަހަރު ކުރިން 2018ގައި ވެސް ސްލޭމަން ވަނީ ކިޑްނީ ޓްރާންސްޕްލާންޓް އޮޕަރޭޝަނެއް ކޮށްފަ އެވެ. އެފަހަރު އޭނާ ހަށިގަނޑަށް ލައްވާފައި ވަނީ މަރުވި އިންސާނެއްގެ ކިޑްނީ އެވެ. އަދި އެ ކިޑްނީ މިދިޔަ އަހަރު ފޭލުވާން ފެށުމުން އޫރެއްގެ ކިޑްނީ ލެއްވުމާ ބެހޭ ހިޔާލު ޑޮކްޓަރުން އޭނާއަށް ހުށައެޅި އެވެ.

"އަހަންނަށް އެ ހުށައެޅުން ފެނުނީ ހަމައެކަނި އަހަންނަށް ފައިދާތަކެއް ކުރުވާނެ ކަމެއްގެ ގޮތުގައެއް ނޫން، އެކަމު ދިރިތިބުމަށްޓަކައި ޓްރާންސްޕްލާންޓް އަކަށް ބޭނުންޖެހިފައި ތިބި އެތައް ހާސް ބަޔަކަށް އުއްމީދެއް ލިބިގެންދާނެ ކަމެއްގެ ގޮތުގައި،" ސްލޭމަން ބުންޏެވެ.

ސްލޭމަންގެ ހަށިގަނޑަށް ލެއްވި އޫރު ކިޑްނީ މޮޑިފައި ކޮށްފައި ވަނީ އިނގިރޭސިވިލާތުގެ ކެމްބްރިޖްއަށް ނިސްބަތްވާ އީޖެނެސިސް ފާމަަސޫޓިކަލް ކުންފުނިން އެވެ. އެ ކުންފުނިން ވަނީ އެ ކިޑްނީގައި ހުރި އޫރާ ބެހޭ ނުރައްކާތެރި ޖީންތައް ނައްތާލާ އިންސާނާގެ ހަށިގަނޑާ ގުޅޭނެ ޖީންތައް ހިމަނާފަ އެވެ.

އޫރު ކިޑްނީ ލެއްވި ބަލިމީހާ ހޮސްޕިޓަލުން ދޫކޮށްލައިފި (ވީޑިއޯ/ޑަބްލިއުސީވީބީ ޗެނަލް 5 ބޯސް)

ދުނިޔޭގައި އެންމެ ފުރަތަމަ ފަހަރަށް ކާމިޔާބު ކަމާ އެކު ގުނަވަނެއް ޓްރާންސްޕްލާންޓް ކުރުމުގެ އޮޕަރޭޝަން ވެސް ހަދާފައި ވަނީ އެމްޖީއެޗް ހޮސްޕިޓަލުގައި 1954 ވަނަ އަހަރު އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް