ގާޒާގައި އިޒްރޭލު ހަމަލާއެއް އެރި ވޯލްޑް ސެންޓްރަލް ކިޗަން ޖަމިއްޔާގެ ވެހިކަލެއް.

އިނގިރޭސިވިލާތް

އިޒްރޭލަށް ހަތިޔާރު ވިއްކުން ހުއްޓާލަން އިނގިރޭސި ގާޒީންތަކެއް ގޮވާލައްވައިފި

އިނގިރޭސި ހަތިޔާރު ބޭނުންކޮށް އިޒްރޭލުން އިންސާނީ ހައްގުތަކަށް އަރައިގަންނަމުންދާ ކަމަށް އިނގިރޭސިވިލާތުން ކަންބޮޑުވޭ

އިނގިރޭސިވިލާތުން އިޒްރޭލަށް ހަތިޔާރު ފޮނުވައިގެން ބައިނަލްއަގްވާމީ ގާނޫނުތަކާ ހިިލާފުވަމުންދާ ކަމަށް ބުނެ ލިޔެފައިވާ ސިޓީއެއްގައި އިނގިރޭސިވިލާތުގެ ސުޕްރީމް ކޯޓުގެ ކުރީގެ ތިން ގާޒީއަކު ސޮއިކުރައްވައިފި އެވެ.

އެ ސިޓީގައި ބުނެފައި ވަނީ އިޒްރޭލަށް ހަތިޔާރު ވިއްކުން ހުއްޓާލަން ޖެހެނީ ގާޒާގައި އިޒްރޭލުން ހިންގަމުން ދަނީ "ގަތުލުއާންމަކަށް ވުމުގެ ފުރުސަތު" އޮތުމުން ކަމަށެެވެ.

އިޒްރޭލު ހަމަލާއެއްގައި ގާޒާގައި އެހީގެ މަސައްކަތް ކުރަމުން ދިޔަ ހަތް މީހަކު މަރުވުމާ ގުޅިގެން ސިޔާސީ ވެރިންގެ ފަރާތުން އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނާކްއަށް އޮތް ޕްރެޝަރުތައް ވަނީ އިތުރުވެފަ އެވެ.

އަންގާރަ ދުވަހު ސުނާކް ވަނީ އިނގިރޭސިވިލާތުން ހަތިޔާރު ވިއްކަމުން އަންނަނީ "ވަރަށް ފަރުވާތެރިކަމާ" އެކު ބަލަންޖެހޭ ކަންކަމަށް ބަލާފައިކަމަށް ވިދާޅުވެފަ އެވެ.  

ގާޒާގައި މަސައްކަތް ކުރަމުން ދިޔަ އެހީދޭ ބަޔަކަށް އިޒްރޭލުން ދިން ހަމަލާ މިނިވަންކަމާ އެކު ތަހްގީގު ކުރުމަށް ސަން ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ސުނާކް ވަނީ ގޮވާލައްވާފަ އެވެ. އަދި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކަށް އިޒްރޭލުން ބޯލަނބަން ޖެހޭނެ ކަމަށް އިނގިރޭސިވިލާތުން މެދުނުކެނޑި ބުނަމުންދާ ކަމަށް ވެސް ސުނާކް ވިދާޅުވި އެވެ. ނަމަވެސް އިޒްރޭލަށް ހަތިޔާރު ވިއްކުން ހުއްޓާލަން ޖެހޭކަމަށް އޭނާ ވިދާޅުވެފައެއް ނުވެ އެވެ.

ގަތުލުއާންމާ ބެހޭ ގާނޫނާއި ބައިނަލްއަގްވާމީ އިތުރު ގާނޫނުތަކާ ހިލާފު ނުވުމަށްޓަކައި އިނގިރޭސިވިލާތުން "ސީރިއަސް ފިޔަވަޅުތަކެއް" އަޅަން ޖެހޭ ކަމަށް ބުނެ ލިޔެފައިވާ 17 ގަނޑުގެ ސިޓީއެއްގައި އިނގިރޭސިވިލާތުގެ 600 އަށް ވުރެ ގިނަ ވަކީލުންނާއި އިލްމުވެރިންނާއި ރިޓަޔާ ކުރައްވާފައިވާ ސީނިއާ ގާޒީން ވަނީ ސޮއިކޮށްފަ އެވެ. މީގެ ތެރޭގައި ސުޕްރީމް ކޯޓުގެ ކުރީގެ ރަައީސް ލޭޑީ ހޭލް، ސުޕްރީމް ކޯޓުގައި ކުރިން ގާޒީކަން ކުރެއްވި ލޯޑް ސަމްޝަން އަދި ލޯޑް ވިލްސަން ހިމެނިވަޑައިގަންނަވަ އެވެ.

އެހީގެ ގާފިލާއަށް އިޒްރޭލުން ދިން ހަމަލާގައި އިނގިރޭސި ދެ ރައްޔިތަކު ވެސް ވަނީ މަރުވެފަ އެވެ. މީގެ އިތުރުން މަރުވެފައި ވަނީ  އޮސްޓްރޭލިއާ، ފަލަސްތީން، އެމެރިކާ-ކެނެޑާ އަދި ޕޯލެންޑު ރައްޔިތުންނެވެ. 

މިއީ އޮޅިގެން ދެވުނު "ހިތާމަވެރި" ހަމަލާއެއް ކަމަށް ވިދާޅުވެ މިކަމުގެ މައްޗަަށް މިނިވަން ތަހްގީގެއް ހިންގަވާނެ ކަމަށް އިޒްރޭލު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ވިދާޅުވެފަ އެވެ.

އިޒްރޭލުން ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފުވަމުން ދޭތޯ ބެލުމަށް ޝަރުއީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް އިނގިރޭސި ލޭބާ ޕާޓީއިން ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.

"އިނގިރޭސިވިލާތުން ވިއްކާ ހަތިޔާރުތައް ބޭނުންކޮށް ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފުވަމުން ދާނަމަ އެފަދަ ވިޔަފާރިތައް ހުއްޓަން ޖެހޭ ވަގުތު މިއޮތީ އައިސް ޖެހިފައި،" ޝެޑޯ ފޮރިން ސެކްރެޓަރީ ޑޭވިޑް ލަމީ ވިދާޅުވި އެވެ.

އަދި ކުރީގެ އިނގިރޭސި ބޮޑުވަޒީރުން ކަމުގައިވާ މާގަރެޓް ތެޗާ އާއި ޓޯނީ ބްލެއާ މިގޮތަށް އަމަލުކުރައްވާފައިވާ ކަމަށް ވެސް ލަމީ ފާހަގަކުރެއްވި އެވެ.

ހަތިޔާރު ވިއްކުން ހުއްޓުވަން މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމުގައިވާ ކެމްޕެއިން އަގެއިންސްޓް އާމްސް ޓްރޭޑް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން 2008 ވަނަ އަހަރުގެ ފަހުން އިނގިރޭސިވިލާތުން އިޒްރޭލަށް ވިއްކާފައި ވަނީ 574 މިލިއަން ޕައުންޑުގެ ހަތިޔާރެވެ.

އަދި 2022 ވަނަ އަހަރު އިނގިރޭސިވލާތުން އިޒްރޭލަށް ވިއްކާފައި ވަނީ އެންމެ 42 މިލިއަން ޕައުންޑުގެ ހަތިޔާރުކަމަށާއި މިއީ އެ އަހަރު އިޒްރޭލުން އިމްޕޯޓު ކުރި އަސްކަރީ ސާމާނުގެ އެންމެ %0.02 ކަމަށް، އިނގިރޭސި ވިޔަފާރިއާ ބެހޭ ވަޒީރު ގްރެގް ހޭންޑްސް ވަނީ މަޖިލީހުގެ މެމްބަރުންނަށް މައުލޫމާތު ދެއްވާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް