ބިންހެލުމާ އެކު އަރިއަޅާލާފައިވާ އިމާރާތެއް.

ޓައިވާން

ޓައިވާނަށް ބާރުގަދަ ބިންހެލުމެއް އައިސް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

މިއީ 25 އަހަރުތެރޭ ޓައިވާނަށް އައި އެންމެ ބާރުގަދަ ބިންހެލުން

ޓައިވާނުގެ އިރުމައްޗަށް މިއަދު ބާރުގަދަ ބިންހެލުމެއް އައިސް މަދުވެގެން ހަތަރު މީހަކު މަރުވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

މިއަދު ރިކްޓާ މިންގަނޑުން 7.4ގެ ބާރުމިނުގައި އައި މި ބިންހެލުމާ އެކު އެޕިސެންޓަރާ އެންމެ ކައިރީގައި އޮތް ހުއަލިއެން ސިޓީގެ ގިނަ އިމާރާތްތަކެއް ވަނީ ވެއްޓިފަ އެވެ. 

ފާއިތުވެ ދިޔަ 25 އަހަރުތެރޭ ޓައިވާނަށް ކުރިމަތިވި އެންމެ ބާރުގަދަ މި ބިންހެލުމުގެ އަސަރު ދުރުގައި ހުންނަ ފަރުބަދަމަތީ ސަރަހައްދުތަކަށް ވެސް ވަނީ ކޮށްފަ އެވެ. އަދި ބިންހެލުމުގެ ލޮޅުންތަކާ އެކު  ބައެއް ސަރަހައްދުތަކުގެ ބިންގަނޑު ވެސް ވަނީ ކަނޑައިގެން ގޮސްފަ އެވެ.

މިއަދުގެ ބިންހެލުން ކުރިމަތިވި ވަގުތު ވެރިރަށް ޓައިޕޭގައި ހުރި އިމާރާތްތައް ތެޅެމުން ދިޔަ މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުން ނެވެ. އަދި ވެއްޓިފައިވާ އިމާރާތްތަކާއި ސްކޫލުތަކާއި ގެތަކުން މީހުން ހުސްކުރަމުންދާ މަންޒަރު ފެންނަ ވީޑިއޯތައް ވެސް އަންނަނީ ދައުރުވަމުން ނެވެ.

"ބިންހެލުން އައިސްފައި ވަނީ އެއްގަމާ ކައިރި ތިލަ ހިސާބަކުން. މުޅި ޓައިވާނަށާއި ކައިރީގައި ހުރި ރަށްތަކަށް ވެސް އިހްސާސް ކުރެވުނު. މިއީ 25 އަހަރުތެރޭ އައި އެންމެ ބާރުގަދަ ބިންހެލުން،" ޓައިވާނުގެ ސެއިސްމޮލޮޖީ ސެންޓަރުގެ ޑިރެކްޓަރު ވޫ ޗިއެން ފޫ ވިދާޅުވި އެވެ.

ޓައިވާނުގެ ނެޝަނަލް ފަޔާ އެޖެންސީއިން މައުލޫމާތު ދިންގޮތުގައި ބިންހެލުމާ ގުޅިގެން ތިން މީހަކު މަރުވެފައި ވަނީ ޓަރޯކޯ ނެޝަނަލް ޕާކު ކައިރިން ނެވެ. އަދި 50 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށާއި އިމާރާތްތަކާއި ޓަނަލްތައް ފަދަ ތަންތަނުގައި ބައެއް މީހުން ތާށިވެފައި ތިބި ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެ އެވެ.

މިއަދު ބިންހެލުން އައިސްފައި ވަނީ ޓައިވާނުގެ އިރުމަތީ ފަރާތުގައި އޮންނަ ހުއަލިއެން ސިޓީ ކައިރިއަށް.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން މައުލޫމާތު ދިންގޮތުގައި މިއަދުގެ ބިންހެލުން އައިސްފައި ވަނީ ހެނދުނު 7:58ގައި ހުއަލިއެން ސިޓީއާ 18 ކިލޯމީޓަރު ދެކުނުން ބިމުގެ 15.5 ކިލޯމީޓަރު އަޑިންނެވެ.

ހުއަލިއެން ސިޓީ އޮންނަނީ ޓައިވާނުގެ އިރުމަތީ އޮންނަ ފަރުބަދަމަތީ ސަރަހައްދެއްގަ އެވެ. މިއަދުގެ ބިންހެލުމާ ގުޅިގެން މީހުން މަދު މި ސަރަހައްދަށް ވަދެވެން ހުރި މަގުތައް މިހާރު ބަންދުކޮށްފައި ވާއިރު، އިމަޖެންސީ މަސައްކަތްތެރިން މި ސަރަހައްދަށް ވަންނާނެ ކަމަށް ބެލެވިފައި ވަނީ ވައިގެ މަގުން ނެވެ.

މީގެ 25 އަހަރު ކުރިން 1999 ގެ ސެޕްޓެމްބަރު މަހު ޓައިވާނަށް އައި 7.6ގެ ބާރުމިނުގެ ބިންހެލުމުގައި 2،400 މީހަކު މަރުވެ 5،000 އެއްހާ އިމާރާތް ހަލާކުވެފައިވެ އެވެ.

ޓައިވާނަށް މިއަދު އައި ބިންހެލުމާ ގުޅިގެން އަވަށްޓެރި ޖަޕާނާއި ފިލިޕީންސް އިން ސުނާމީގެ އިންޒާރުތަކެއް ވެސް ނެރެފައިވެ އެވެ. ނަމަވެސް މިހާރު މި އިންޒާރުތައް ވަނީ ނަގާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް