އެމެރިކާގެ ރައީސް ޖޯ ބައިޑަން.

އެމެރިކާ

އެހީ ފޯރުކޮށްދޭ މަސައްކަތްތެރިންގެ މަރާ އެކު ބައިޑަން އިޒްރޭލަށް ފާޑުވިދާޅުވެއްޖެ

ވޮޝިންޓަނުން އިޒްރޭލަށް ފާޑުކިޔަމުން ދިޔަ ނަމަވެސް އިޒްރޭލު ޒިންމާދާރު ކުރުވުމަށް އެދެވޭ މަސައްކަތްތަކެއް ނުކުރޭ

ގާޒާގައި އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން ދިޔަ ހަތް މީހަކު އިޒްރޭލުން މަރާލުމާ ގުޅިގެން އެކަމާ "ކޯފާވެ އަދި ހިތްހަލާކުވެފައިވާ" ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.

އިޒްރޭލަށް އަމާޒުކޮށް ބައިޑަން ދެއްވި ބަހުގެ މި ހަމަލާތަކަކީ ގާޒާ ހަނގުރާމައާ ގުޅޭގޮތުން  ވޮޝިންޓަނާއި އިޒްރޭލާ ދެމެދު ފުޅާވަމުން އަންނަ ހިޔާލު ތަފާތުވުންތަކުގެ މިސާލެކެވެ. 

ވައިޓް ހައުސް އިން ރޭ ނެރުނު ބަޔާނެއްގައި، ކުށެއް ނެތް އާންމުންނަށް ރައްކާތެރިކަން ދިނުމަށް އިޒްރޭލުން ކުރަން ޖެހޭ ވަރަށް މަސައްކަތް ނުކުރާކަމަށް ބައިޑަން ވަނީ ތުހުމަތު ކުރައްވާފަ އެވެ.

"ހަނގުރާމައިގެ މައިދާނެއްގައި ފަހުގެ ތާރީހެއްގައި މިހާ ގިނަ އަދަދަކަށް އެހީ ފޯރުކޮށްދޭ މަސައްކަތްތެރިން މަރުވެފައެއް ނެތް. ގާޒާގައި އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރިއަށް ގެންދަން އެހާ އުނދަގޫވާ މައިގަނޑު އެއް ސަބަބަކީ މިއީ. އެހީއަށް ބޭނުން ޖެހިފައިވާ އާންމުންނަށް އެ އެހީ ފޯރުކޮށްދިނުމުގައި އުޅޭ މީހުންނަށް ރައްކާތެރިކަން ދިނުމަށް އިޒްރޭލުން ކުރަން ޖެހޭ ވަރަށް މަސައްކަތް ނުކުރުން،" މަރުވި މީހުންނަކީ "ހިތްހެޔޮ އަދި ހިތްވަރު ގަދަ" ބައެއް ގޮތަށް ސިފަކުރައްވާ ބައިޑަން  ވިދާޅުވި އެވެ.

"އިއްޔެ ހިނގި ކަހަލަ ހާދިސާތައް އެއްގޮތަކަށް ވެސް ހިނގައިގެން ނުވާނެ. އާންމުން ހިމާޔަތް ކުރުމަށް ވެސް ކުރަން ޖެހޭ ވަރަށް އިޒްރޭލުން މަސައްކަތެއް ނުކުރޭ. ހަމާސްއާ ދެކޮޅަށް ކުރަމުން އަންނަ އަސްކަރީ އޮޕަރޭޝަނާއި އިންސާނީ އެހީ ފޯރުކޮށްދިނުމުގެ އޮޕަރޭޝަންތަކާ މަސްހުނި ނުކޮށް އާންމުން މަރުވާ މިންވަރު ހުއްޓުވުމަށް އެމެރިކާއިން ތަކުރާރުކޮށް އިޒްރޭލަށް ބާރު އަޅާފައިވޭ."

އަދި މި ހާދިސާގެ މައްޗަށް އިޒްރޭލުން ހިންގާ ތަހްގީގު "އަވަސް ވާން ޖެހޭ، ޖަވާބުދާރީ ކުރުވާ ކަމަށް ވާން ޖެހޭ، އަދި އެ ހޯދުންތައް އާންމު ކުރަން ވެސް ޖެހޭ" ކަމަށް ވެސް ބައިޑަން ފާހަގަ ކުރެއްވި އެވެ.

އިޒްރޭލާ އެކު ޒަމާންތަކެއް ވަންދެން އެންމެ ގާތް ގުޅުމެއް ބާއްވަމުން އަންނަ އެމެރިކާގެ ރައީސް އިތުރަށް ވިދާޅުވީ "ގާޒާގައި ތިބި ފަލަސްތީނު ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އެމެރިކާއަށް ކުރެވެން ހުރި ކަމެއް ކުރެވެން ހުރި ގޮތަކަށް ކުރަމުން ގެންދާނެ" ކަމަށެވެ.

"އެހީ ފޯރުކޮށްދެވޭ މިންވަރު އިތުރު ކުރުމަށް އަހަރެން އިޒްރޭލަށް ޕްރެޝަރު ކުރަމުން ގެންދާނަން. އަދި ރަހީނުން މިނިވަން ކުރެވޭނެ ގޮތަކަށް ހަމަލާތައް ބަދަލުކުރުން ހުއްޓާލެވޭނެ ގޮތެއް ހެދޭތޯ އަހަރުމެން މިދަނީ މަސައްކަތް ކުރަމުން. މިކަމުގައި އަހަރެން ޓީމެއް މިހާރު ވެސް ކައިރޯގައި އަންނަނީ މަސައްކަތް ކުރަމުން."

ރައީސް ބައިޑަން އެކްސްގައި ޖައްސަވާފައިވާ ޕޯސްޓް.

އެމެރިކާއަށް ނިސްބަތްވާ އެހީދޭ ޖަމިއްޔާއެއް ކަމުގައިވާ ވޯލްޑް ސެންޓްރަކް ކިޗަން (ޑަބްލިއުސީކޭ)ގެ ހަތް މުވައްޒަފަކު މަރުވެފައި ވަނީ އެމީހުން ދަތުރުކުރަމުން ދިޔަ ވެހިކަލްތަކަކަށް އިޒްރޭލުން ދިން ހަމާލާއެއްގައި ހޯމަ ދުވަހުގެ ރޭ އެވެ.

އިޒްރޭލުން އާންމުން ރައްކާތެރި ކުރުމަށް އިތުރު މަސައްކަތްތަކެއް ކުރުމަށް ބައިޑަން ގޮވާލައްވަމުން ގެންދެވި ނަމަވެސް އިޒްރޭލަށް އިތުރު ހަތިޔާރު ފޯރުކޮށްދިނުމަށް ވެސް ބައިޑަން ގެންދަވަނީ މަސައްކަތް ކުރައްވަމުން ނެވެ. މީގެ ތެރޭގައި 18 ބިލިއަން ޑޮލަރުގެ އެފް-15 މަރުކައިގެ ފައިޓާ ޖެޓުތައް ވެސް ހިމެނެ އެވެ.

ކޮންމެ އަހަރަކު އެމެރިކާއިން އިޒްރޭލަށް ފޯރުކޮށްދޭ 3.8 ބިލިއަން ޑޮލަރުގެ އަސްކަރީ ހަތިޔާރުގެ އިތުރުން ހަމާސް-އިޒްރޭލު ހަނގުރާމަ ފެށުނު ފަހުން ދެ ފަހަރެއްގެ މަތިން 250 މިލިއަން ޑޮލަރުގެ އަގުހުރި ހަތިޔާރު އެމެރިކާއިން ވަނީ އިޒްރޭލަށް މިހާތަނަށް ފޯރުކޮށްދީފަ އެވެ.

ގާޒާ ހަނގުރާމައާ ގުޅިގެން އެމެރިކާގައި ބައިޑަންގެ ސިޔާސަތުތަކަށް ފާޑުކިޔަމުންދާ ފަރާތްތައް އަންނަނީ އިތުރުވަމުން ނެވެ. މީގެ ތެރޭގައި ސިޔާސީ ކަނާތު ފިޔައިގެ  ފަރާތްތަކާއި އިންސާނީ ހައްގުތަކާ ބެހޭ އެކްޓިވިސްޓުންނާއި އެމެރިކާގެ އަރަބި މުސްލިމު އާބާދީ ހިމެނެ އެވެ. 

އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ވައިޓް ހައުސްގައި ބާއްވަން އޮތް ރޯދަވީއްލުމަކަށް ދައުވަތު އެރުވުނު މުސްލިމުން، ގާޒާ ހަނގުރާމައާ މެދު ހިތްހަމަނުޖެހުން ފާޅު ކުރުމަށް، އެ ދައުވަތު ގަބޫލު ނުކުރުމުގެ ސަބަބުން އެ ރޯދަވީއްލުން ވަނީ ކެންސަލް ކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް