އެމެރިކާގެ އެހީދޭ ޖަމާއަތެއް ކަމުގައިވާ ވޯލްޑް ސެންޓްރަލް ކިޗަންގެ ވެހިކަލެއް އިޒްރޭލުގެ ހަމަލާއަކަށް ފަހު.

އެހީދޭ މަސައްކަތްތެރިން މަރުވީ އިޒްރޭލުގެ ހަމަލާއެއްގައި ކަމަށް ނަތަންޔާހޫ އިއުތިރާފްވެވަޑައިގެންފި

އިޒްރޭލުގެ މި ހަމަލާ ހުޅަނގުގެ ގިނަ ގައުމުތަކުން ވަނީ ކުށްވެރިކޮށްފައި

ގާޒާގައި ހަރަކާތްތެރިވަމުން އަންނަ އެމެރިކާގެ އެހީ ފޯރުކޮށްދޭ މަދަނީ ޖަމިއްޔާއެއްގެ ވެހިކަލަކަށް ދިން ހަމަލާގެ ޒިންމާ އިޒްރޭލުން ނަގައިފި އެވެ.

އެމެރިކާގެ ވޯލްޑް ސެންޓްރަލް ކިޗަން (ޑަބްލިއުސީކޭ) ޖަމިއްޔާއަށް ނިސްބަތްވާ ވެހިކަލަކަށް އިޒްރޭލުން ދިން ހަމަލާގައި ހަތް މީހަކު ވަނީ މަރުވެފަ އެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިއަދު ވިދާޅުވީ މިއީ އިޒްރޭލުން ގަސްދުގައި ދިން ހަމަލާއެއް ނޫން ކަމަށާއި މިއީ "ހިތާމަވެރި" ހާދިސާއެއް ކަމަށެވެ. އަދި މި ހާދިސާގެ މައްޗަށް މިނިވަން ތަހްގީގެއް ހިންގާނެ ކަމަށް ވެސް ނަތަންޔާހޫ ވިދާޅުވި އެވެ.

"ހިތާމައާ އެކު ބުނެލަން މި ޖެހެނީ މިދިޔަ އެއް ދުވަހުގެ ތެރޭގައި އަހަރެމެންގެ އަސްކަރީ ބާރުތަކުން ވަނީ ގާޒާގައި ހަތިޔާރު ނާޅާ ތިބި ބަޔަކަށް އޮޅިގެން ހަމަލާ ދީފައި،" ނަތަންޔާހޫ ވީޑިއޯ ބަޔާނެއްގައި ވިދާޅުވި އެވެ.

"ހަނގުރާމައިގައި މިކަހަލަ ކަންކަން ވާނެ. އަހަރެމެން މިދަނީ ފުރިހަމަ ތަހްގީގެއް ހިންގަމުން އަދި ސަރުކާރުތަކާ އެކު ވެސް ވާހަކަ ދައްކަމުން. މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އަހަރެމެން ހުރިހާ ކަމެއް ކުރާނަން."

އިޒްރޭލުގެ މި ހަމަލާގައި މަަރުވި މީހުން ނިސްބަތް ވަނީ އޮސްޓްރޭލިއާ، އިނގިރޭސިވިލާތް، ޕޯލެންޑް، ފަލަސްތީނު، އެމެރިކާ އަދި ކެނެޑާ އަށެވެ.

ސެލެބްރިޓީ ޝެފެއް ކަމުގައިވާ ހޯސޭ އަންޑްރޭސް ފެއްޓެވި ޑަބްލިއުސީކޭ އިން ބުނި ގޮތުގައި އިޒްރޭލުގެ ހަމަލާ އަރާފައި ވަނީ އެ ޖަމިއްޔާގެ ތިން ވެހިކަލެއް ދުއްވަމުން ދަނިކޮށް ދެ ވެހިކަލަކަށެވެ.

މި އުޅަނދުތަކަށް ހަމަލާ ދީފައި ވަނީ، ކަނޑުމަގުން ގާޒާއަށް ގެންދިޔަ 100 އަށް ވުރެ ގިނަ ޓަނުގެ އެހީގެ ސާމާނު ދެއިރް އެލް-ބަލާގައި ހުންނަ ގުދަނަކަށް ގެންގޮސް ނިންމާލާފައި އެހެން ތަނަކަށް ދާން ނައްޓާލިތަނާ އެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުތައް ދެނެގަތުމަށް އެންމެ މަތީ ފެންވަރުގައި ތަހްގީގެއް ހިންގަމުން އަންނަ ކަމަށާއި މި މަސައްކަތް ކުރިއަށް ގެންދަނީ "މިނިވަން، ޕްރޮފެޝަނަލް އަދި މާހިރުންގެ" ޓީމަކުން ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ބުނެފަ އެވެ.

އދ.ގެ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން މިދިޔަ ހަފްތާގައި ވަނީ، ގާޒާގެ އާންމުންނަށް ބަނޑަށް ޖެހުމުގެ ހާލަތެއް ކުރިމަތިވިޔަ ނުދިނުމަށް، ގާޒާއަށް ބޭނުން ޖެހިފައިވާ އަސާސީ ކާބޯތަކެތި ފޯރުކޮށްދެވޭނެ ހުރިހާ ގޮތްތަކެއް ފަހިކުރުމަށް އިޒްރޭލުގެ މައްޗަށް އަމުރުކޮށްފަ އެވެ. 

މި އަމުރަށް ރައްދު ދެމުން އިޒްރޭލުގެ އޮފިޝަލުން ވިދާޅުވެފައި ވަނީ، ގާޒާގައި ބަނޑުހައިހޫނުކަމާ ކުރިމަތިވެފައިވާ މީހުންނަށް އެހީ ފޯރަމުން ނުދަނީ އދ. އާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކުގައި އެކަން ކުރުމަށް ބޭނުންވާ ގާބިލުކަން ނެތުމުން ކަމަށާއި އެ ފަރާތްތައް ފޭލުވެފައިވާ ކަމަށެވެ.

ޑަބްލިއުސީކޭ ޖަމިއްޔާގެ ވެހިކަލްތަކަކަށް އިޒްރޭލުން ހަމަލާ ދިނުމާ ގުޅޭ (ވީޑިއޯ/ސްކައި ނިއުސް)

ޑަބްލިއުސީކޭގެ ހަތް މުވައްޒަފަކު މަރުވި ހަމަލާ ދުނިޔޭގެ ގިނަ ގައުމުތަކަކުން އަންނަނީ ކުށްވެރި ކުރަމުންނެވެ. އެގޮތުން އިނގިރޭސިވިލާތުން ވަނީ އެ ގައުމުގައި ހުންނަ އިޒްރޭލުގެ ސަފީރު ހާރިޖީ ވުޒާރާއަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. އަދި ފްރާންސް އިން މި ހަމަލާ ކުށްވެރިކޮށް ބުނެފައި ވަނީ "މިފަދަ ހިތާމަވެރި ހާދިސާއެއް ހިނގަން ޖެހޭ އެއްވެސް ސަބަބެއް ނެތް" ކަމަށެވެ. 

ވޮޝިންޓަނުން މި ހަމަލާ ކުށްވެރި ނުކުރި ނަމަވެސް، އަވަސް، ފުރިހަމަ އަދި މިނިވަން ތަހްގީގެއް ހިންގުމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން ވަނީ ގޮވާލައްވާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް