އަލިފާނުގެ ހާދިސާ ހިނގި ނައިޓްކަލްބް ހުންނަ އިމާރާތް.

ތުރުކީ

ތުރުކީގެ ނައިޓްކްލަބެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 29 މީހަކު މަރުވެއްޖެ

މި ހާދިސާއާ ގުޅިގެން 5 މީހަކު ހައްޔަރު ކުރުމަށް އަމުރު ވަނީ ނެރެފައި

ތުރުކީގެ އިސްތަންބުލްގައި ނައިޓްކްލަަބެއްގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައި މަދުވެގެން 29 މީހަކު މަރުވެއްޖެ އެވެ. 

ދަ މަސްކެރާޑް ކްލަބްގައި މި ހާދިސާ ހިނގީ މަރާމާތު ކުރުމަށް އެ ކްލަބް ބަންދުކޮށްފައި ވަނިކޮށެވެ.

އިސްތަންބުލްގެ ގަވަރުނަރު ދާވުތު ގޫލް ވިދާޅުވިގޮތުގައި، މި ކްލަބުގައި ރޯވާން މެދުވެރިވި ސަބަބެއް އަދި އެނގިފައެއް ނުވެ އެވެ. ނަމަވެސް މި ހާދިސާއާ އެ ކްލަބުގައި ކުރަމުން އައި މަރާމާތުގެ މަސައްކަތްތަކާ ގުޅުމެއް އޮތް ކަމަށް ލަފާ ކުރެވޭ ކަމަށް ގޫލް ވަނީ ވިދާޅުވެފަ އެވެ.

އަލިފާނުގެ ހާދިސާ ތަހްގީގު ކުރުމަށް ފަސް މީހަކު ހައްޔަރު ކުރުމަށް އަމުރު ނެރެ، މީގެ ތެރެއިން ތިން މީހަކު މިހާރު ވަނީ ހައްޔަރު ކޮށްފަ އެވެ. މީގެ ތެރޭގައި ނައިޓްކްލަބްގެ މެނޭޖަރާއި މަރާމާތުތަކާ ބެހޭ މެނޭޖަރު ވެސް ހިމެނެ އެވެ.

ދަ މަސްކެރާޑް ކްލަބް ހުންނަނީ އިސްތަންބުލްގެ ގޭރެތެއްޕެ ޑިސްޓްރިކްޓުގައި ހުންނަ 16 ބުރީގެ އިމާރާތެއްގެ އެންމެ ތިރީ ދެ ފްލޯގަ އެވެ. މި އިމާރާތުގައި ދެން ހުންނަނީ މުޅިން ވެސް އާންމުން ދިރިއުޅޭ ފްލޯތަކެވެ.

އިސްތަންބުލްގެ ނައިޓްކްލަބެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭ (ވީޑިއޯ/ވިއޯން)

މި ހަފްތާގައި އަލުން އިސްތަންބުލްގެ މޭޔަރުކަމަށް ހޮވިވަޑައިގެންނެވި އެކްރެމް އިމަމޮގްލޫ ވިދާޅުވީ، ނައިޓްކްލަބްގެ މެނޭޖްމަންޓުން އިމާރާތްކުރުމުގެ މަސައްކަތް ކުރުމުގެ ހުއްދައަކަށް އެދިފައި ނުވާ ކަމަށެވެ.  

"އިމާރާތްކުރުމާ ގުޅޭ މަރާމާތުގެ މަސައްކަތްތަކެއް ކުރުމަށް ހުއްދައަކަށް އެދިފައެއް ނެތް. މި ކްލަބު ހުންނަ، ގްރައުންޑް ފްލޯގެ ތިރިއަށް ހުންނަ ދެ ފްލޯގައި މަސައްކަތްތަކެއް ކުރަމުންދާކަމެއް ފެންނާކަށް ވެސް ނެތް،" އިމަމޮގްލޫ ވިދާޅުވި އެވެ.

މަރުވި މީހުންގެ އާއިލާތަކަށް އިމަމޮގްލޫ ވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ.

އިސްތަންބުލްގެ ގަވަރުނަރުގެ އޮފީހުން ބުނި ގޮތުގައި މި ކްލަބުގައި މަރާމާތުގެ މަސައްކަތް ކުރަމުން ދިޔަ ހުރިހާ އެންމެން ވަނީ މަރުވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް