ބޮން ގޮއްވާލާފައިވާ މާރުކޭޓަށް ގިނަ ބަޔަކު އެއްވެފައި ތިބި ދަނޑިވަޅެއްގައި.

ސީރިއާ

ސީރިއާގެ އުތުރުގައި ކާރު ބޮމެއް ގޮއްވާލާ 7 މީހަކު މަރާލައިފި

ސީރިއާގެ ދާހިލީ ހަނގުރާމައިގައި ބޮމުގެ ހަމަލާ ހިންގި އަޒާޒް އަކީ މުހިންމު އަވަށެއް

ސީރިއާގެ އުތުރުގައި ހުންނަ މާރުކޭޓަކަށް ދިން ކާރުގެ ބޮމުގެ ހަމަލާއެއްގައި މަދުވެގެން ހަތް މީހަކު މަރާލައިފި އެވެ.

ތުރުކީގެ ބޯޑަރު ކައިރީގައި އޮންނަ އެލެއްޕޯ ޕްރޮވިންސްގެ އަޒާޒް އަވަށުގެ މާރުކޭޓަކަށް ދިން މި ހަމަލާގައި ގިނަ ބަޔަކަށް އަނިޔާ ވެސް ވަނީ ވެފަ އެވެ. 

ސީރިއާގެ ރައީސް ބައްޝާރް އަލް-އަސަދުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުން އަންނަ އަދި ތުރުކީއަށް ތާއީދު ކުރާ ހަނގުރާމަވެރިންތަކެއްގެ އަތް ދަށުގައި އޮތް މި އަވަށަށް ހަމަލާ ދިން ބައެއް އަދި ނޭނގެ އެވެ.

ސީރިއާ އާއި ތުރުކީއިން ހިއްސާ ކުރާ ބޯޑަރު ކައިރީގައިވާ ގިނަ ސަރަަހައްދުތަކަކީ ތުރުކީ ސިފައިންނާއި ތުރުކީއަށް ތާއީދުކުރާ ހަނގުރާމަވެރިންގެ އަތްދަށުގައި އޮތް ސަރަހައްދުތަކެކެވެ. 

އަޒާޒް އަވަށުގެ މާރުކޭޓަކަށް ރޭ ބޮމުގެ ހަމަލާ ދީފައި ވަނީ އާންމުންގެ ގިނަ ބަޔަކު އީދަށް ތައްޔާރުވުމަށް ކުޑަކުދިންނަށް އަންނައުނު ގަތުމަށް އެއްވެ ތިބި ދަނޑިވަޅަކާ ބަލާފަ އެވެ. ސީރިއާރަގައި އޮޕަރޭޓު ކުރަމުން އަންނަ މަދަނީ ޖަމިއްޔާ 'ދަ ވައިޓް ހެލްމެޓްސް' އިން ބުނިގޮތުގައި މި ހަމަލާގައި ދެ ކުޑަކުއްޖަކު ވެސް ވަނީ މަރުވެފަ އެވެ.

މި ހަމަލާއަށް ފަހު ނަގާފައިވާ ފުޓޭޖުތަކުން ގިނަ ބަޔެއްގެ ހަށިގަނޑުތަކެއް ބިންމަތީގައިވާ މަންޒަރާއި އިމާރާތްތަކަށް ލިބިފައިވާ ގެއްލުންތަކާއި ރޯވެފައިވާ ކާރެއް ފެނެ އެވެ.  

މި ހަމަލާގެ ޒިންމާ އަދި އެއްވެސް ގްރޫޕަކުން އުފުލާފައެއް ނުވެ އެވެ.

އަޒާޒް އަކީ ސީރިއާގެ ގާނޫނީ ވެރިކަމަށް ދައުވާ ކުރަމުން އަންނަ އިދިކޮޅު ގްރޫޕެއް ކަމުގައިވާ 'ސީރިއަން އިންޓެރިމް ގަވަމަންޓް' އިން ވެރިކަން ހިންގަމުން އަންނަ އަވަށެވެ.  ތުރުކީ ބޯޑަރާ ކައިރީގައި އޮވެފައި ސަޕްލައިތައް ވައްދަން ފަސޭހަ މަގަކަށް ވުމުން އަޒާޒް އަކީ ސީރިއާގެ ދާހިލީ ހަނގުރާމައިގައި މުހިންމު އަވަށެއް ކަމަށް މާހިރުން ދެކެލައްވަ އެވެ.

ސީރިއާގެ އުތުރުގައި ކާރު ބޮމެއް ގޮއްވާލާ 7 މީހަކު މަރާލުމާ ގުޅޭ (ވީޑިއޯ/ވަންއިންޑިއާ ނިއުސް)

ހުޅަނގު އުތުރު ސީރިއާގައި އާންމުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ހަމަލާތައް ދިނުމަކީ ނާދިރު ކަމެއް ނޫނެވެ. އެގޮތުން 2017 ވަނަ އަހަރު އަޒާޒްގައި ހުންނަ ކޯޓެއްގެ ބޭރުގައި ހިންގި ކާރު ބޮމުގެ ހަމަލާއެއްގައި 40 އަށް ވުރެ ގިނަ މީހުން މަރާލާފައިވެ އެވެ.

އެ ހަމަލާގެ ޒިންމާ އޭރު އުފުލާފައި ވަނީ އައިސިސް އިން ނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް