ގާޒާ ދެކުނުގައި އޮންނަ ރަފާއަށް އިޒްރޭލުން ދިން ހަމަލާތަކެއްގައި ފުނޑުފުނޑުވި އިމާރާތެއް ފަލަސްތީނު ބަޔަކު ބަލާލަނީ

ގާޒާ ހަމަލާތައް ހުއްޓާލުމުގެ މަޝްވަރާތައް މިއަދު އަލުން ފަށަނީ

ހަމަލާތައް ކިތަންމެ ގިނަ ދުވަހަކަށް ހުއްޓާލާފައި އޮތަސް ހަމާސް ނައްތާ ނުލަނީސް ހަނގުރާމަ ހުއްޓާ ނުލާނެ ކަމަށް އިޒްރޭލުން ބުނެފައިވޭ

ގާޒާ ހަނގުރާމައިގައި ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް ގޮވާލާ އދ. އިން ގަރާރެއް ފާސްކުރިތާ މަދު ދުވަސްކޮޅެއް ތެރޭ އިޒްރޭލާއި ހަމާސްއާ ދެމެދު މަޝްވަރާތައް އަލުން ފެށުމަށް ހަމަޖެހިފައިވާ ކަމަށް މިސްރުގެ މީޑިއާއަކުން ރިޕޯޓުކޮށްފި އެވެ.

ހަމާސް އާއި އިޒްރޭލާ ދެމެދު ނުސީދާ މަޝްވަރާތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށް މިސްރުގެ އަލް-ގަހޭރާ ނިއުސް ޓީވީ އިން ހޮނިހިރު ދުވަހު ރިޕޯޓުކޮށްފައި މިވަނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ދެކޮޅަށް އެ ގައުމުގައި ގިނަ މުޒާހަރާތަކެއް ފައްޓާފައި ވަނިކޮށެވެ.

ހަމާސްއާ އެކު އެއްބަސްވުމަކަށް އައިސް ރަހީނުކޮށްފައި ތިބި އިޒްރޭލުގެ ރައްޔިތުން މިނިވަންކުރުމަށް ހުރި މައި ހުރަހަކީ ނަތަންޔާހޫ ކަމަށް އިޒްރޭލުގެ ގިނަ ބަޔަކު ދެކެ އެވެ.

"ރަހީނުކޮށްފައި ތިބި މީހުން ގެނައުމަށް ޑީލެއް ހެދުމަށް މި މީހުން ގޮވާލަމުންދާތާ 175 ދުވަހަށް ވުރެ ދިގު މުއްދަތެއް ކަޑަތުވެއްޖެ. އެ މީހުން ބުނާގޮތުން ނަމަ އިޒްރޭލް ސަރުކާރުގެ ސިޔާސަތުތައް ވަނީ ފޭލުވެފައި،" ތެލް އަވީވްގައި އެތައް ހާސް ބަޔަކު ބައިވެރިވަމުން ދިޔަ މުޒާހަރާއަކުން އަލް ޖަޒީރާގެ ނޫސްވެރިޔާ ހަމްދާ ސަލްހޫތު ރިޕޯޓު ކުރި އެވެ.

ވެރިރަށް ތެލް އަވީވްގެ އިތުރުން ނަތަންޔާހޫ ގެކޮޅު ކައިރީގަ އާއި އިޒްރޭލުގެ އެހެން ސިޓީތަކުގައި ވެސް މުޒާހަރާތައް ކުރިއަށް ގޮސްފައިވެ އެވެ.

ރަހީނުން މިނިވަންކޮށް ހަމަލާތައް ބަދަލުކުރުން ހުއްޓާލާ ޑީލަކާ ހަމައަށް ދެވޭތޯ ގަތަރު، މިސްރު އަދި އެމެރިކާއިން ވެސް ދަނީ މަސައްކަތް ކުރަމުން ނެވެ.

އިޒްރޭލުގެ އޮފިޝަލަށް ރޮއިޓާސް އަށް މައުލޫމާތު ދެއްވިގޮތުގައި، މިސްރުގެ ވެރިރަށް ކައިރޯއަށް މަޝްވަރާތަކުގައި ބައިވެރިވުމަށް އިޒްރޭލުން މިއަދު ވަފުދެއް ފޮނުވާނެ އެވެ. ނަމަވެސް ހަމާސްގެ އޮފިޝަލަކު ރޮއިޓާސް އަށް ވިދާޅުވީ، އިޒްރޭލާ އެކު މަޝްވަރާތައް ބާއްވާ މެދުވެރިއެއްގެ ރޯލު އަދާކުރާ ގައުމުތަކުން ފަހުން ބުނާ އެއްޗަކަށް މަޑުކުރާނެ ކަމަށެވެ. 

އަލް ޖަޒީރާގެ ސަލްހޫތު ރިޕޯޓު ކުރިގޮތުގައި، އިޒްރޭލްގެ ވަފުދުން ކައިރޯ އާއި ދޯހާގައި ބާއްވާ މަޝްވަރާތަކުގައި ބައިވެރިވުމުގެ ހުއްދަ އާއި މަޝްވަރާ ކުރަންވި ކަންތައްތަކުގެ މެންޑޭޓު އެ ވަފުދަށް އަންގާފައިވާ ކަމަށް ނަތަންޔާހޫގެ އޮފީހުން ނެރެފައިވާ ބަޔާނެއްގައި ވަނީ ބުނެފަ އެވެ.

"މެދުވެރިއެއްގެ ރޯލު ކުޅެމުން އަންނަ އެމެރިކާ ފަދަ ގައުމުތަކުން ޑީލަކާ ހަމައަށް އާދެވިދާނެ ކަމަށް ގަބޫލު ކުރޭ. ނަމަވެސް އެއްބަސްވާން އުނދަގޫ ކަންތައްތަކާއި އެއްބަސް ނުވާނެ ކަންތައްތައްތަކެއް ވެސް ދެ ފަރާތުން އެބަ ގެންގުޅޭ،" ސަލްހޫތު ފާހަގަކުރި އެވެ. 

މިހާތަނަށް ހަމާސް އިން މަސައްކަތް ކުރަމުން އައިސްފައި ވަނީ ހަނގުރާމަ އެކީ ހުއްޓާލުމަށާއި، އިޒްރޭލު ސިފައިން ގާޒާއިން އެކީ ފައިބާނެ ޑީލެއް ކަށަވަރު ކުރެވޭތޯ އެވެ. ނަމަވެސް ހަމާސް އެކީ ނައްތާ ނުލެވޭހާ ހިނދަކު ހަމަލާތައް ބަދަލުކުރުން ހުއްޓާލާފައި ކިތަންމެ ދުވަހެއް ވަންދެން އޮތަސް ހަނގުރާމަ ހުއްޓާ ނުލާނެ ކަމަށް އިޒްރޭލުން ވަނީ ބުނެފަ އެވެ.

މިއީ އެއްބަސްވުމަކަށް އަންނަ އުނދަގޫ ކަންތައްތަކެއް ކަމުގައިވީ ނަމަވެސް ދެ ފަރާތުން ވެސް އަލުން މަޝްވަރާތަކުގައި ބައިވެރިވާން ނިންމުމަކީ ރަނގަޅު ނިޝާނެއް ކަމަށް ސަލްހޫތު ފާހަގަ ކުރި އެވެ.

އަނެއްކޮޅުން ބަލާއިރު ގާޒާގައި ހަމަލާތައް ބަދަލުކުރުން "ވަގުތުން އަދި ދާއިމީގޮތަށް" ހުއްޓާލުމަށާއި އިޒްރޭލުގެ ރަހީނުން މިނިވަން ކުރުމަށް ފްރާންސް، މިސްރު އަދި އުރުދުންގެ ހާރިޖީ ވަޒީރުން ވަނީ އިއްޔެ ގޮވާލައްވާފަ އެވެ.

ކައިރޯގައި އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ފްރާންސްގެ ހާރިޖީ ވަޒީރު ސްޓެފާން ސަޖޯން ވިދާޅުވީ ގާޒާ ހަނގުރާމައަށް "ސިޔާސީ" ހައްލެއް ކަނޑައަޅާފައިވާ ގަރާރެއް އދ.ގެ ސަލާމަތީ މަޖިލީހަށް ފްރާންސް އިން ހުށައަޅާނެ ކަމަށެވެ. މި ގަރާރުގައި މިނިވަން ދެ ދައުލަތެއް ގާއިމުކުރުމަށް ހުރި ޝަރުތުތައް ހުންނާނެ ކަމަށް ސަޖޯން ފާހަގަ ކުރައްވާފައިވެ އެވެ. މި ޝަރުތުތަކަކީ ބައިނަލްއަގްވާމީ މުޖުތަމައުއިން ވަރުގަދައަށް ތާއީދުކޮށްފައިވާ ނަމަވެސް ނަތަންޔާހޫގެ ސަރުކާރުން ބަލައިގަންނަ ޝަރުތުތަކެއް ނޫނެވެ.

އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ފަލަސްތީނުގެ ރެފިއުޖީންނަށް އެހީ ފޯރުކޮށްދެމުން އަންނަ އދ.ގެ އުންރްވާ އެޖެންސީއަށް އެހީތައް ދެމުން ގެންދާނެ ކަމަށް ވެސް މި ތިން ގައުމުގެ ވަޒީރުން ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.

"އިޒްރޭލުން ފަލަސްތީނު ރައްޔިތުން ހަމައެކަނި ބަނޑަށް ޖައްސަނީކީ ނޫން، އެކަމު ބަނޑަށްޖެހުމުގެ ހާލަތެއް މެދުވެރިވިޔަ ނުދިނުމަށް މަސައްކަތް ކުރަމުން އަންނަ ހަމަ އެކަނި މުއައްސަސާ (އުންރްވާ) ނައްތާލަން ވެސް މަސައްކަތް ކުރަނީ،" އުރުދުންގެ ހާރިޖީ ވަޒީރު އައިމަން ސަފަދީ ވިދާޅުވެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް