(ކ-ވ) ޕޯލެންޑުގެ ބޮޑުވަޒީރު ޑޮނަލްޑް ޓަސްކް، ޖަރުމަނު ޗާންސެލަރު އޯލާފް ޝޮލްޒް އަދި ފްރާންސްގެ ރައީސް އެމެނުއެލް މެކޯން.
ޔޫރަޕުގައި އޮތް ހަނގުރާމައިގެ ބިރަކީ ހަގީގަތެއް ކަމަށް ޕޯލެންޑްގެ ބޮޑުވަޒީރު އިންޒާރު ދެއްވައިފި
ޔޫރަޕު އޮތީ ހަނގުރާމައެއްގެ ތުންފަތްމަތީގައި ކަމަށާއި ޔޫރަޕުގެ މުސްތަގްބަލަށްޓަކައި ޔޫކްރެއިން ހަނގުރާމައިން ރަޝިޔާއަށް ކާމިޔާބި ލިބުނަ ދީގެން ނުވާނެ ކަމަށް ޕޯލެންޑުގެ ބޮޑުވަޒީރު ޑޮނަލްޑް ޓަސްކް އިންޒާރު ދެއްވައިފި އެވެ.
ޓަސްކް އިތުރަށް ވިދާޅުވީ ހަނގުރާމައަކީ ހަމައެކަނި "ތާރީހުގައި ހިނގާފައި އޮތް ކަމެއް ނޫން" ކަމަށާއި "އެއީ ހަގީގަތެއް އަދި އެކަން ފެއްޓުނީ ދެ އަހަރު ކުރިން" ކަމަށެވެ.
ޓަސްކް މިގޮތަށް ވިދާޅުވެފައި މިވަނީ ޔޫކްރެއިނުގެ ހަކަތަ އުފައްދާ ތަންތަނަށް ރަޝިޔާއިން ވަރުގަދަ ހަމަލާތަކެއް ބުރާސްފަތި ދުވަހު ދީފައި ވަނިކޮށެވެ.
މޮސްކޯއިން ނޭޓޯގެ ގައުމުތަކާ މެދު "ހަރުކަށި ވިސްނުމެއް ނުގެންގުޅޭ" ކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވަނީ މި ހަފްތާގައި ވިދާޅުވެފަ އެވެ.
އަދި ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް ނިއުކްލިއާ ހަތިޔާރު ހުރި އެއް ގައުމު ކަމުގައިވާ ރަޝިޔާއިން، ޔޫކްރެއިނާ ހިލާފަށް ނޭޓޯއަށް ނިސްބަތްވާ ޕޯލެންޑް ނުވަތަ ބޯލްޓިކް ގައުމަކަށް ނުވަތަ ޗެކް ރިޕަބްލިކަށް ހަމަލާ ދޭނެ ކަމަށް ބުނުމަކީ އެއްގޮތަކަށް ވެސް ހަމަޖެހޭ ވާހަކައެއް ނޫން ކަމަށް ޕޫޓިން ވިދާޅުވެފައި ވެ އެވެ.
ނަމަވެސް ޔޫކްރެއިނުން އެފް-16 މަރުކާގެ ފައިޓާ ޖެޓުތައް އެހެން ގައުމުތަކުގެ ބަނދަރުތަކުން އުދުއްސާލައިގެން ބޭނުންކުރަމުންދާ ނަމަ، އެ ބަނދަަރުތަކަށް ހަމަލާ ދިނުމަށް ރަޝިޔާއަށް ހަައްގެއް އޮންނާނެ ކަމަށް ވެސް ޕޫޓިން ފާހަގަ ކުރެއްވި އެވެ.
ފެބްރުއަރީ 2022 ގައި ރަޝިޔާއިން ފެށި ޔޫކްރެއިނު ހަނގުރާމައާ ގުޅިގެން މޮސްކޯ އާއި ހުޅަނގާ ދެމެދު ގުޅުންތައް ވަނީ ފިނި ހަނގުރާމައިގެ ދުވަސްވަރުގެ ފަހުން ނުފެންނަހާ ދަށު ދަރަޖައަކަށް ވެއްޓިފަ އެވެ.
ބުރާސްފަތި ދުވަހު ރަޝިޔާއިން ޔޫކްރެއިނަށް ދިން ހަމަލާތަކުގައި 100 ވަރަކަށް މިސައިލާއި ޑްރޯން ބޭނުންކޮށްފައި ވެ އެވެ. މިއީ ހަފްތާއެއްހާ ދުވަހުގެ ތެރޭ ޔޫކްރެއިނުގެ ދިފާއުތައް ފޫއަޅުވާލުމަށް އެއްފަހަރާ މިހާ ގިނަ އަދަދަކަށް ހަމަލާތައް ރަޝިޔާއިން ފޮނުވާލި ދެވަނަ ފަހަރެވެ.
ރަޝިޔާގެ މި އުކުޅުތައް ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމިއާ ޒެލެންސްކީ ސިފަކުރައްވާފައި ވަނީ "މިސައިލުގެ ބިރުވެރިކަމު"ގެ ގޮތުގަ އެވެ. އަދި ހައިޑްރޯ-އިލެކްޓްރިކް ބާރު އުފައްދާ ކާރުހާނާތަކަށް ހަމަލާ ދިނުމުން ތިމާވެށީގެ ބޮޑު ކާރިސާއެއް ކުރިމަތިވެދާނެ ކަމަށް ޒެލެންސްކީ ވަނީ އިންޒާރު ދެއްވާފަ އެވެ.
ޔޫކްރެއިނަށް އަސްކަރީ އެހީތެރިކަން އަވަހަށް ބޭނުންވާކަން ފާހަގަކުރައްވާ ޕޯލެންޑުގެ ބޮޑުވަޒީރު ޓަސްކް ވިދާޅުވީ، ކުރިއަށް އޮތީ މި ހަނގުރާމައިގައި ހުރިހާ ކަމެއް ވަކި ގޮތަކަށް ނިމިގެންދާނެ ދެ އަހަރު ކަމަށެވެ. އަދި "އަހަރެމެން ދިރިއުޅެމުން މިދަނީ ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން މިހާތަނަށް ކުރިމަތިވި އެންމެ ނާޒުކު ދުވަސްވަރުގައި" ކަމަށާއި ޔޫރަޕުގެ ގައުމުތަކުން ދިފާއު ވަރުގަދަ ކުރުމަށް ޓަސްކް ވަނީ ޔޫރަޕުގެ ލީޑަރުންނަށް ގޮވާލައްވާފަ އެވެ.
ނޭޓޯ ފަދަ އިތުރު އިއްތިހާދެއް ޔޫރަޕުން ހަދަން ނުޖެހޭ ކަމަށާއި އަސްކަރީ ގޮތުން ޔޫރަޕުގެ ބޭނުންތައް އަމިއްލައަށް ފުއްދޭ ނަމަ ޔޫރަޕަކީ އެމެރިކާއަށް މުހިންމު ބައިވެރިއަކަށް ވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޓަސްކް ވިދާޅުވީ މި އަހަރުގެ ނޮވެމްބަރު މަހު އޮންނަ އެމެރިކާގެ ރިޔާސީ އިންތިހާބު ކޮންމެ ކޮޅަކަށް ދިޔަޔަސް އެންމެ ރަނގަޅު ކަމަށެވެ.
ޕޯލެންޑުން މިހާރު އަންނަނީ ގައުމުގެ ޖީޑީޕީގެ %4 ދިފާއުއަށް ހަރަދު ކުރަމުންނެވެ. ނަމަވެސް ޔޫރަޕުގެ އެހެން ގައުމުތަކުން އުޅެނީ ނޭޓޯ އިން މި އަދަދު އޮންނަން ޖެހޭނެ ކަމަށް ކަނޑައަޅާފައިވާ %2އާ ހަމައަށް ވެސް ވާސިލު ނުވެގެންނެވެ.
ކުރިން ޔޫރަޕިއަން ކައުންސިލުގެ ރައީސްކަން ވެސް ކުރައްވާފައިވާ ޓަސްކު އިތުރަށް ވިދާޅުވީ ހަނގުރާމައަކަށް ޔޫރަޕުން ދުރާލާ ތައްޔާރުވެފައި އޮންނަން ޖެހޭ ކަމަށެވެ. އަދި "ހަނގުރާމަ" މި ބަސް ބޭނުންކުރުމުން އާންމުންގެ ހިތްތަކަށް ބިރުވެރިކަން ވަންނަ ކަމަަށާއި މި ބަސް ބޭނުން ނުކުރުމަށް ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް އީޔޫގެ ލީޑަރުން އަރިހު އެދިވަޑައިގެންނެވިކަން ޓަސްކު ހާމަ ކުރެއްވި އެވެ.
ރައްދުގައި ހަނގުރާމަ އަކީ ދުރު ވިސްނުމެއްގައި އޮތް ކަމެއް ނޫން ކަމަށާއި "ކޮންމެ ފަދަ ގޮތެއް ވެސް ވުން އަކަށީގެންވާ" ކަމަށް ސަންޗޭޒް އަރިހު ދެންނެވިކަމަށް ޓަސްކް ވިދާޅުވި އެވެ.
ޓަސްކް ވަނީ ޕޯލެންޑުގެ ބޮޑުވަޒީރުގެ މަގާމު 2007 އިން 2014 އަށް ވެސް ފުރުއްވާފަ އެވެ. އޭރު، ޕޯލެންޑް އާއި ބޯލްޓިކްގެ ގައުމުތައް ފިޔަވައި، ރަޝިޔާއަކީ ބިރެއް ކަމަށް ބަލައިގެންފައި ވަނީ ޔޫރަޕުގެ މަދު ލީޑަރުންތަކެއް ކަމަށް ޓަސްކް ވިދާޅުވި އެވެ.