އެހީދޭ ފަރާތްތަކުން ދޫކުރާ ކާއެއްޗެހި ހޯދުމަށް ގާޒާގެ ކުޑަކުދިންތަކެއް އެއްވެގެން.

ގާޒާއަށް އެހީ ވައްދަން އިޒްރޭލުގެ މައްޗަށް އދ. ގެ ކޯޓުން އަމުރުކޮށްފި

ގާޒާއަށް އެހީވައްދަން ހުރަސްތައް ކުރިމަތި ކުރުވާކަމަށް ބުނާ ތުހުމަތުތައް އިޒްރޭލުން ދޮގުކުރޭ

ގާޒާގައި ތިބި އާންމުން ބަނޑަށްޖެހުމުގެ ހާލަތެއް ކުރިމަތިވުން ހުއްޓުވުމަށް ހުރަސްތަކެއް ނެތި ގާޒާއަށް އެހީވެއްދޭނެ ގޮތް ހެދުމަށް އދ.ގެ އެންމެ މަތީ ކޯޓުން އިޒްރޭލުގެ މައްޗަށް އަމުރުކޮށްފި އެވެ.

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގެ ފަނޑިޔާރުން އިއްތިފާގުވި މި ނިންމުމުގައި، "ލަސްތަކެއް ނުވެ" ގާޒާގެ ރައްޔިތުންނަށް ބޭނުން ޖެހިފައިވާ "އަސާސީ ހިދުމަތްތަކާއި އިންސާނީ އެހީ" ވެއްދުމުގެ ހުއްދަ އިޒްރޭލުން ދޭން ޖެހޭނެ އެވެ.

އައިސީޖޭގެ އަމަރު އައިސްފައި މިވަނީ ގާޒާގެ ރައްޔިތުން ބަނޑަށްޖެހުމުގެ ހާލަތަކާ ކުރިމަތިވާން އުޅޭކަމަށް ބުނެ ފާއިތުވެދިޔަ ހަފްތާތަކުގައި އެކި ފަރާތްތަކުން ގިނަ އިންޒާރުތަކެއް ދީފައި ވަނިކޮށެވެ.

ނަމަވެސް ގާޒާއަށް ވައްދަން މަސައްކަތް ކުރާ އެހީތަކަށް ހުރަސް އަޅާކަމަށް ބުނާ ތުހުމަތުތައް އިޒްރޭލުން ދޮގުކުރެ އެވެ.

އައިސީޖޭއަށް ރައްދު ދެމުން އިޒްރޭލުގެ ހާރިޖީ ވުޒާރާއިން ބުނީ ގާޒާއަށް "އެއްގަމާއި، ވަޔާއި، ކަނޑުމަގުން" ހުއްޓުމެއް ނެތި އެހީގެ ސާމާނު ވެއްދުމަށް "އާ ގޮތްގޮތް ޕްރޮމޯޓުކޮށް، ކުރިން ހުރި ގޮތްތައް ފުޅާކުރަން" އިޒްރޭލުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މި މަސައްކަތުގައި އދ. އާއި އެހެން ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރާ ކަމަށާއި، ގާޒާއަށް ކުރިމަތިވެފައިވާ ހާލަތުގެ ޒިންމާ ނަގަން ޖެހޭނީ ހަނގުރާމަ ފެއްޓި ހަމާސްއިން ކަމަށް އެ ވުޒާރާއިން ބުންޏެވެ. 

ނެދަލޭންޑްސްގެ ދަ ހޭގުގައި ހުންނަ އައިސީޖޭ ކޯޓުގެ އެންމެ ފަހުގެ އަމުރު އައިސްފައި މިވަނީ، ގާޒާގައި ގަތުލުއާންމެއް އިޒްރޭލުން ހިންގަމުންދާ ކަމަށް ތުހުމަތުކޮށް ސައުތު އެފްރިކާއިން ހުށައެޅި މައްސަލައިގައި ޖަނަވަރީ މަހު އެ ކޯޓުން ނިންމި ނިންމުންތައް ތަންފީޒު ކުރުމަށް އެދި ސައުތު އެފްރިކާއިން އަލުން އެދުމާ ގުޅިގެންނެވެ.

އައިސީޖޭގެ އަމުރުތަކަކީ ގާނޫނީ ގޮތުން އަމަލުކުރަން މަޖުބޫރުވާ ނިންމުންތަކެއް ކަމުގައިވީ ނަމަވެސް އެފަދަ ކަންކަން ތަންފީޒު ކުރުމުގެ ބާރެއް އެ ކޯޓަކަށް ލިބިފައެއް ނެތެވެ.

އދ.ގެ ވޯލްޑް ފުޑް ޕްރޮގްރާމް އާއި އިތުރު ޖަމިއްޔާތަކެއް ގުޅިގެން މިދިޔަ ހަފްތާގައި ނެރުނު 'އިންޓަގްރޭޓެޑް ފުޑް ސެކިއުރިޓީ ފޭސް ކްލެސިފިކޭޝަން ގްލޯބަލް އިނީޝިއޭޓިވް' ރިޕޯޓުގައި ގާޒާގައި "ނުރައްކާތެރި" ހާލަތެއް އުފެދެމުން އަންނަ ކަމަށް އިންޒާރު ދީފައިވެ އެވެ. ގާޒާގައި ތިބި 2.2 މިލިއަން މީހުންނަށް ކާބޯތަކެތީގެ  ޔަގީންކަން މަތީ މިންވަރަކަށް ގެއްލިފައިވާ ކަމަށާއި، އުތުރު ގާޒާގެ ސަރަހައްދުތަކަށް މޭ މަސް ނިމުމުގެ ކުރިން ބަނޑަށް ޖެހުމުގެ ހާލަތަކާ ކުރިމަތިވާނެ ކަމަށް އެ ރިޕޯޓުގައި ވެއެވެ.

ގާޒާއަށް އެހީ ވައްދަން ހުރަސް ނޭޅުމަށް އިޒްރޭލުގެ މައްޗަށް އދ.ގެ ކޯޓުން އަމުރު ކުރުމާ ގުޅޭ (ވީޑިއޯ/ވިއޯން)

އައިސީޖޭއިން ނެރުނު އަމުރުގައި ގާޒާގެ އާންމުން ބަނޑަށް ޖެހުމުގެ ބިރާ ހަމައެކަނި ކުރިމަތިވެފައި ވަނީ ނޫން ކަމަށާއި، ބަނޑަށްޖެހުމުގެ ހާލަތެއް މިހާރު ވެރިވާން ފަށާފައިވާ ކަމަށް ބުނެފައި ވެއެވެ. އަދި 27 ކުޑަކުއްޖަކު ހިމެނޭ ގޮތަށް ޖުމްލަ 31 މީހަކު މެލްނިއުޓްރިޝަން އަދި ޑީހައިޑްރޭޝަންއާ ގުޅިގެން މަރުވެފައިވާ ކަމަށް އދ. ގެ އޮބްޒާވަރުން ފާހަގަކޮށްފައިވާ ކަމަށް އެ ކޯޓުން ބުނެފައި ވެއެވެ.

މީގެ އިތުރުން ވެސް އދ. ގެ ގަތުލުއާންމާ ބެހޭ ގާނޫނުތަކުގެ ދަށުން ގާޒާގައި ތިބި ފަލަސްތީނު ރައްޔިތުންގެ އެއްވެސް ހައްގަކަށް އަރައިގަންނަ ކަމެއް އިޒްރޭލުގެ އަސްކަރިއްޔާއިން ނުކުރޭތޯ އިޒްރޭލުން ކަށަވަރު ކުރުމަށް ވެސް އައިސީޖޭ އަމުރުގައި ވެއެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް