ސިންގަޕޫރުގައި ހުންނަ އިންޓަޕޯލްގެ އޮފީސް.

އިންޓަޕޯލް

އޭޝިއާގައި ގޭންގުތަކުން ހިންގާ ސްކޭމް ސެންޓަރުތައް ބައިނަލްއަގުވާމީ ބޮޑު މައްސަލައަކަށް

ހިއުމަން ޓްރެފިކިން މެދުވެރިކޮށް މިފަދަ އޮޕަރޭޝަންތައް ހިންގައިގެން ކޮންމެ އަހަރަކު އެތައް ބިލިއަން ޑޮލަރެއް ހޯދަމުންދާ ކަމަށް އިންޓަޕޯލް އިން ބުނޭ

ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގައި ހިއުމަން ޓްރެފިކިންގްއާ ގުޅިފައިވާ މަކަރާއި ހީލަތުގެ މައްސަލަތައް އިންތިހާ މައްޗަށް ގޮސްފައިވާ ކަމަށާއި މިފަދަ ހަރަކާތްތައް ހިންގާ ގޭންގުތަކުން ކޮންމެ އަހަރަކު 3 ޓްރިލިއަން ޑޮލަރާ ގާތްކުރާ އަދަދަކަށް ފައިސާ ހޯދަމުންދާ ކަމަށް އިންޓަޕޯލްގެ ވެރިޔާ ވިދާޅުވެއްޖެ އެވެ.

އިންޓަޕޯލްގެ ސެކްރެޓަރީ ޖެނެރަލް ޖާގަން ސްޓޮކް ވިދާޅުވިގޮތުގައި، މިފަދަ ހަރަކާތްތައް ހިންގާ އެއް ގްރޫޕުން އަހަރަކު 50 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދަ އެވެ. އަދި މިފަދަ ހަރަކާތްތަކުން ހޯދާ އާމްދަނީގެ ތެރެއިން ދެތިން ޓްރިލިއަން ޑޮލަރު ކޮންމެ އަހަރަކު ބައިނަލްއަގްވާމީ މާލީ ނިޒާމުގެ ތެރެއިން ދައުރުވާކަން ސްޓޮކް ފާހަގަ ކުރެއްވި އެވެ. އަޅާބަލާ ނަމަ ފަރަންސޭސިވިލާތުގެ މުޅި އިގްތިސާދުގެ އަގަކީ 3.1 ޓްރިލިއަން ޑޮލަރެވެ. 

ރާވައިގެން ހިންގާ ކުށްތަކުގެ އާމްދަނީގެ %40 އާއި %70 ވަންނަނީ ޑްރަގު ޓްރެފިކު ކޮށްގެން ކަމުގައި ވާއިރު، ކުށްތަކަށް އަރައިގަންނަ ގްރޫޕުތަކުން ގާނޫނާ ހިލާފަށް އިންސާނުން، ހަތިޔާރު އަދި ވަގަށް ނަގާފައިވާ ސާމާނު ވެސް ޓްރެފިކު ކުރަމުންދާ ކަމަށް ސްޓޮކް ވިދާޅުވި އެވެ.

"އިންޓަނެޓުގެ ނިވާފަތްގަނޑުގައި ތިބެ، އާ ވިޔަފާރި މޮޑެލްތަކުން ހިތްވަރު ލިބިގަނެ އަދި ކޮވިޑާ ގުޅިގެން ހަރަކާތްތައް އިތުރުވެގެން ގޮސްފައިވާ ގްރޫޕުތައް މިހާރު މަސައްކަތް ކުރަމުން ދަނީ މީގެ 10 ވަރަކަށް އަަހަރު ކުރިން ހިޔާލަށް ނުގެނެވޭނެ ދަރަޖައެއްގައި،" އިންޓަޕޯލްގެ ސިންގަޕޫރު އޮފީހުގައި އިއްޔެ ނޫސްވެރިންނަށް ސްޓޮކް ވިދާޅުވި އެވެ.

"މިއަދު ބަޑި ދިއްކޮށްފައި ބޭންކަކުން ނުވަތަ އާންމު ފަރުދެއްގެ އަތުން ވައްކަން ކުރުމަށް ވުރެ ކީބޯޑެއް ބޭނުންކޮށް ދުނިޔޭގެ އަނެއް ފަރާތުގައި ހުރި މީހަކު އެ ބޭންކަކުން ނުވަތަ އާންމު ފަރުދެއްގެ އަތުން ވައްކަން ކުރުން މާ ގާތް.

"ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގައި ފެށުނު ކުށްތަކެއް މިހާރު މިވަނީ ބައިނަލްއަގްވާމީ ޓްރެފިކިންގެ ކާރިސާއަކަށް ވެފައި. މިކަމުގެ ގެއްލުން ލިބޭ އެތައް މިލިއަން ބަޔަކު އެބަތިބި، އެއީ ސައިބާ ސްކޭމް ހިންގާ ސެންޓަރުތަކުގަ އާއި ހަމަލާ އަމާޒުވާ މީހުން ހިމެނޭ ގޮތަށް."

އިންޓަޕޯލް އިން ބުނި ގޮތުގައި 2021 ވަނަ އަހަރު ފެށުނު ފަހުން މިފަދަ އޮޕަރޭޝަންތަކުގައި 3،500 އެއްހާ މީހުން ހައްޔަރުކޮށް 300 މިލިއަން ޑޮލަރުގެ އަގުހުރި އެސެޓުތައް 24 ގައުމަކުން ވަނީ އަތުލައިގަނެވިފަ އެވެ.

ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގައި އިންޓަނެޓުން ފްރޯޑް ހިންގާ ގޭންގުތައް އޮޕަރޭޓު ކުރާ ގޮތާ ބެހޭ މައުލޫމާތުތައް އެފަދަ ގޭންގުތަކުގެ އަތްދަށުން ސަލާމަތްވާ މީހުންނާއި މަދަނީ ޖަމިއްޔާތަކާއި މީޑިއާތަކުން އަންނަނީ ހާމަ ކުރަމުންނެވެ. 

ފްރޯޑް ސްކޭމްތައް ހިންގުމަށް ސެންޓަރުތަކެއް ހަދައި އެ ތަންތަނުގައި މަސައްކަތް ކުރާނެ މީހުން ހޯދުމަށް ގޭންގުތަކުން ކުރާ ކަމަކީ ހުސްވެފައިވާ ސައްހަ ވަޒީފާތަކުގެ އިޝްތިހާރުތައް އިންޓަނެޓުގައި ދައުރު ކުރުމެވެ. އަދި މި ވަޒީފާތަކަށް ކުރިމަތިލާ މީހުން އޮޕަރޭޝަން ހިންގާ ސެންޓަރުތަކަށް ގެނެސް ގަދަބާރުން އެމީހުން ލައްވާ މަސައްކަތް ކުރުވާ، ބައެއް ހާލަތްތަކުގައި އެފަދަ މީހުންނަށް އަނިޔާކޮށް ރަހީނު ވެސް ކުރެ އެވެ. ސަރަހައްދީ އިދާރާތަކުން މިފަދަ ކަންކަން ހުއްޓުވުމަށް މާބޮޑު ފަރުވާލެއް ނުބަހައްޓަ އެވެ.

އދ. އިން މިދިޔަ އަހަރު ނެރެނު ރިޕޯޓެއްގައިވާ ގޮތުން، ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގައި އޮންލައިން ކުށްތައް ހިންގުމަށް ކޮންމެ އަހަރަކު އެތައް ލައްކަ ބަޔަކު އެކަމުގެ ތެރެއަށް ގަދަބާރުން ދަނީ ވައްދަމުންނެވެ.

އދ. އިން އަންދާޒާ ކުރާ ގޮތުގައި ދާހިލީ ހަނގުރާމައެއް ހިނގަމުންދާ މިޔަންމާގައި މިފަދަ ފްރޯޑުތައް ސެންޓަރުތަކުގައި 120،000 އެއްހާ މީހުން މަސައްކަތް ކުރަމުން ދެ އެވެ. އަދި ކެމްބޯޑިއާގައި ވެސް ލައްކައެއްހާ މީހުން ލައްވާ ގަދަބާރުން މިފަދަ ކުށްތައް ކުރުވަމުން ދާނެ ކަމަށާއި މިއީ އިންސާނުން އަޅުވެތި ކުރުމުގެ ހާލަތެއް ކަމަށް އދ. އިން ބުނެ އެވެ.

މިފަދަ އޮޕަރޭޝަންތައް ލާއޮސް، ތައިލެންޑް އަދި ފިލިޕީންސްގައި ވެސް ހިންގަމުން ދެ އެވެ. މި އޮޕަރޭޝަންތަކުން އެންމެ ގިނަ އަދަދަކަށް ފައިސާ ވަންނަނީ އޮންލައިންކޮށް ޖުވާ ކުޅެގެންނާއި ލޯބީގެ ދަންތުރަތައް ޖައްސައިގެންނާއި ކްރިޕްޓޯ ފްރޯޑު ހިންގައިގެން ނެވެ.

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރު ވޮލްކާ ޓާކް މި ރިޕޯޓުގައި ވިދާޅުވެފައިވާ ގޮތުގައި، ފްރޯޑް އޮޕަރޭޝަން ސެންޓަރުތަކުގައި މަސައްކަތް ކުރާ މީހުންނަށް ލާއިންސާނީ އަނިޔާތަކާ ކުރިމަތިލާން ޖެހެ އެވެ. "އެ މީހުންނަކީ އަނިޔާ ލިބޭ ބައެއް، އެމީހުންނަކީ ކުށްވެރިންނެއް ނޫން،" ޓާކް ވިދާޅުވެފައި ވެ އެވެ.

ފިލިޕީންސްގެ ވެރިރަށް މެނީލާއާ 100 ކިލޯމީޓަރު ދުރުގައި ފްރޯޑް ހިންގަމުންދިޔަ ބޮޑު ސެންޓަރެއް މި މަހު ކުރީކޮޅު ފުލުހުން ވަނީ ރެއިޑުކޮށްފަ އެވެ. މި ސެންޓަރު ބޭރުފުށުން ހިންގަމުން ދިޔައީ ކެސީނޯއެއްގެ ގޮތުގަ އެވެ. ނަމަވެސް އަސްލު މިތަނުގައި ހިންގަމުން ދިޔަ އޮޕަރޭޝަނަކީ އިންޓަނެޓު މެދުވެރިކޮށް މީހުން ލޯބީގެ ދަންތުރަތަކުގައި ޖައްސައި އެމީހުންގެ އަތުން ފައިސާ ހޯދުމެވެ. 

މި ސެންޓަރުން ފިލިޕީންސް، ޗައިނާ އަދި އިތުރު ގައުމުތަކުގެ 800 އެއްހާ މީހުން ވަނީ ސަލާމަތްކޮށްފަ އެވެ. މިތަނުން ސަލާމަތްވި މެލޭޝިއާ އަދި ވިއެޓްނާމްގެ ބަޔަކު ކިޔައިދިން ގޮތުގައި، ކޮންމެ ދުވަހަކު އޮންލައިންކޮށް 42،000 ޑޮލަރު ހޯދުމަށް ގޭންގުގެ ބޮސް އޮންނަނީ އަމުރުކޮށްފަ އެވެ. އަދި މި އަމާޒަށް ވާސިލު ނުވެއްޖެ ނަމަ އަނިޔާ ކުރާ ކަމަށް އެމީހުން ކިޔާދިނެވެ.

ދެކުނުއިރުމަތީ އޭޝިއާގައި ހިންގާ ވަޒީފާގެ ސްކޭމްތަކާ ގުޅޭ ގޮތުން މިދިޔަ އަހަރު ނެރެފައިވާ ރިޕޯޓެއް (ސީއެންއޭ)

އާންމުންގެ މައްޗަށް ފްރޯޑާއި ސްކޭމްތައް ހިންގުމުގެ އިތުރުން ބޮޑެތި ކުންފުނިތަކަށް އޮޅުވާލުމަށް ވެސް މިފަދަ ކުށްތައް ހިންގަމުން ދެ އެވެ. ސްކޭމު ކުރާ ބަޔަކު މިފަހުން އޭއައި ޓެކްނޮލޮޖީ ބޭނުންކޮށް ކުންފުންޏެއްގެ އަތުން 25 މިލިއަން ޑޮލަރު ވަނީ ދަމައިގަނެފަ އެވެ.

މި ސްކޭމު ހިންގި މީހުން ވަނީ ފައިސާ ލިބެންޖެހޭ ކުންފުނީގެ ވެރިޔާގެ ސިފަ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ނަކަލުކޮށް، އޮންލައިން ބައްދަލުވުމެއް ބާއްވާ، ފައިސާ ދެއްކި ކުންފުނީގެ ފައިނޭންސް ޑިޕާޓްމަންޓުގެ މުވައްޒަފަކަށް އޮޅުވާލައިގެން ފައިސާ ވަކި އެކައުންޓަކަށް ޖަމާ ކުރުވާފަ އެވެ. މިކަން ކުރި އިރު މި ސްކޭމަރުން ތިބި ތަނެއް އަދި ފައިސާ ދިޔަ ތަނެއް ވެސް އަދި ހޯދިފައެއް ނުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް