އެމެރިކާއާ އެކު ބޭއްވި އަސްކަރީ ތަމްރީނުތަކެއްގައި ޖަޕާނުގެ ސިފައިންގެ މީހެއް ބައިވެރިވަނީ.

އެމެރިކާ

ޗައިނާގެ ނުފޫޒާ ވާދަކުރުމަށް ޖަޕާނާއި އެމެރިކާއިން އަސްކަރީ ގުޅުން ވަރުގަދަ ކުރަނީ

ޗައިނާގެ ހަރުކަށިކަމާ ދެކޮޅަށް އެމެރިކާއިން އަންނަނީ ފިލިޕީންސްއާ އެކު ވެސް ގުޅުން އިތުރަށް ބަދަހި ކުރަމުން

އިރުމަތީ އޭޝިއާ ސަރަހައްދުގައި ޗައިނާއިން ދައްކަމުންދާ ނުފޫޒާ ވާދަކުރުމަށް ޖަޕާނާއި އެމެރިކާއިން އަސްކަރީ ގުޅުން ވަރުގަދަ ކުރުމުގެ ވާހަކަތައް ފަށައިފި އެވެ.

ވޮޝިންޓަނާއި ޓޯކިޔޯއާ ދެމެދު މަޝްވަރާތައް ކުރިއަށް ދަނީ އެކުވެގެން އަދި ގުޅިގެން މަސައްކަތް ކުރުމަށް ކަމަށް ޖަޕާނު ސަރުކާރުގެ ތަރުޖަމާނު ޔޮޝިމާސާ ހަޔާޝީ އިއްޔެ ވިދާޅުވި އެވެ. ރިޕޯޓުތައް ބުނާގޮތުގައި އެމެރިކާއިން ޖަޕާނުގައި ހިންގާ އޮޕަރޭޝަންތައް މި މަޝްވަރާތަކަށް ފަހު ވަރަށް ބޮޑަށް އިތުރުވެގެން ދާނެ އެވެ.

"އެކުގައި މަސައްކަތް ކުރުމަށާއި ތައްޔާރީ ހާލަތު އިތުރަށް ފުރިހަމަ ކުރުމަށް ކޮމާންޑް އާއި ކޮންޓްރޯލު ވަރުގަދަކުރާނެ ގޮތްތަކާ މެދު ޖަޕާނާއި އެމެރިކާއިން އަންނަނީ މަޝްވަރާކުރަމުން،" ހަޔާޝީ ރިޕޯޓަރުންނަށް ވިދާޅުވި އެވެ. 

އިރުމަތީ އޭޝިއާ ސަރަހައްދުގައި އެމެރިކާއިން ހިންގާ އަސްކަރީ ހަރަކާތްތައް ބަދަލުކުރުމަށް އަންނަ މަހު އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝީޑާ ޕްލޭނެއް ހާމަ ކުރެއްމަށް ހަމަޖެހިފައިވާ ކަމަށް ރޮއިޓާސް އިން ވަނީ ރިޕޯޓުކޮށްފަ އެވެ.

ނަމަވެސް ދެ ލީޑަރުންގެ ބައްދަލުވުމުގެ އެޖެންޑާ އަދި ކަނޑައަޅާފައިނުވާ ކަމަށް ހަޔާޝީ ވިދާޅުވި އެވެ.

"އަހަންނަށް އެނގިފައިވާ ގޮތުގައި، ޖަޕާނުގައި ތިބި އެމެރިކާގެ އަސްކަރީ ބާރުތައް ވަރުގަދަ ކުރުމާއި އެމެރިކާ ފަޅީގެ ބަދަލުތަކާ ބެހޭގޮތުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.

މި ފިޔަވަޅާ ބެހޭގޮތުން އެމެރިކާގެ ޕެންޓަގަން އިން ވެސް އަދި ވަކި ގޮތެއް ނުނިންމާ ކަމަށާއި ނަމަވެސް ޗައިނާގެ ސަބަބުން ކުރިމަތިވެފައި އޮތް ބިރާ ގުޅިގެން ޖަޕާނާއި އެމެރިކާގެ އަސްކަރީ ގުޅުން ވަރުގަދަ ކުރުމަށް ދެ ފަރާތުން ވެސް ވަރަށް ބޭނުންވާ ކަމަށް ދަ ފައިނޭންޝަލް ޓައިމްސް (އެފްޓީ) ނޫހުން ވަނީ ރިޕޯޓުކޮށްފަ އެވެ.

އަދި މިފަދަ ގުޅުމެއް އެކުލަވާލެވިއްޖެ ނަމަ އެކަން ވެގެން ދާނީ 1960 ވަނަ އަހަރު ވޮޝިންޓަނާއި ޓޯކިޔޯއާ ދެމެދު ހެދި ރައްކާތެރިކަމުގެ އެއްބަސްވުމަށް ގެންނަ އެންމެ ބޮޑު ބަދަލަށް ކަމަށް އެފްޓީގެ ރިޕޯޓުގައި ވެ އެވެ.

ސަލާމަތީ މި އެއްބަސްވުމުގެ ތަފްސީލުތައް ބައިޑަން އާއި ކިޝީޑާ ހާމަކުރެއްވުމަށް ހަމަޖެހިފައި ވަނީ 10 އޭޕްރިލްގައި ވައިޓް ހައުސްގައި ބައްދަލުކުރެއްވުމަށް ފަހު އެވެ. އަދި ޖެހިގެން އަންނަ ދުވަހު ޖަޕާނު، އެމެރިކާ އަދި ފިލިޕީންސްއާ ދެމެދު އަސްކަރީ ސަމިޓެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ސައުތު ޗައިނާ ސީ ކަނޑުގައި ފިލިޕީންސް އާއި ޗައިނާގެ ބޯޓުތަކާ ދެމެދު މެދުކެނޑުމެއް ނެތި ކުރިމަތިލުންތައް ދަނީ ހިނގަމުންނެވެ.

މިވަގުތު ބޭރު ގައުމެއްގައި އެމެރިކާގެ ސިފައިން އެންމެ ގިނަ އަދަދަކަށް ތިބީ ޖަޕާނުގަ އެވެ. އެއީ 54،000 ސިފައިންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް