ބައިނަލްއަގްވާމީ ޖައްވީ އިދާރާގެ ފޮޓޯއެއް.

ރަޝިޔާ

ޖައްވުގައި ނިއުކްލިއާ ބާރު އުފައްދާ ޔުނިޓެއް ގާއިމް ކުރުމަކީ ރަޝިޔާގެ އަމާޒެއް: ޕޫޓިން

ހަނދުގައި ނިއުކްލިއާ ހަކަތަ އުފައްދާ ރިއެކްޓަރެއް ގާއިމް ކުރުމަށް ރަޝިޔާ އާއި ޗައިނާއިން އަންނަނީ އެކުގައި މަސައްކަތް ކުރަމުން

ޖައްވުގައި ނިއުކްލިއާ ހަކަތަ އުފައްދާ ޔުނިޓެއް ގާއިމް ކުރުން ފަދަ ޖައްވީ ޕްރޮޖެކްޓުތަކަށް އިސްކަންދީ އެފަދަ ޕްރޮޖެކްޓުތަކަށް ބޭނުންވާ ފައިސާ ފޯރުކޮށްދޭން ޖެހޭކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ސަރުކާރު އޮފިޝަލުން އަރިހު ބުރާސްފަތި ދުވަހު ވިދާޅުވެފައިވާ ކަމަށް ރަޝިޔާގެ ޓަސް ނޫސް އެޖެންސީއިން ރިޕޯޓުކޮށްފި އެވެ. 

ރަޝިޔާގެ "ގާބިލު ކަންކަން އެބަހުރި. މީގެ އިތުރުން އަހަރެމެންނަށް ފަހުރުވެރި ވެވޭނެ، މުސްތަގުބަލަށް ބަރޯސާވެވޭނެ ފަދަ ރިޒާވްއެއް ވެސް އެބައޮތް،" ސަރުކާރުގެ ބަޔަކާ އެކު ބޭއްވެވި ބައްދަލުވުމެއްގައި ޕޫޓިން ވިދާޅުވެފައި ވެ އެވެ.

ޖައްވުގައި ނިއުކްލިއާ ހަކަތަ އުފައްދާ ޔުނިޓެއްގެ މިސާލު ނަންގަވަމުން ޕޫޓިން ވިދާޅުވި ކަމަށް ޓަސް އިން ރިޕޯޓުކޮށްފައި ވަނީ އެފަދަ ޕްރޮޖެކްޓަކަށް "ރަނގަޅު ވަގުތުގައި ފައިސާ ހަރަދުކުރަން ޖެހޭ" ކަމަށެވެ.

"އަހަރެމެން އިސް ކުރަން ޖެހޭ ކަންތައްތައް ކަނޑައަޅަން ޖެހޭނީ. އިތުރަށް ސަމާލުކަން ދޭން ޖެހޭ މައްސަލަތައް އެބަހުރި.

"ހީވާގޮތުން އެހެން ގައުމުތަކަށް ލިބިފައި ނުވާ ގާބިލު ކަންތައްތަކަށް އަހަރެމެން މިވަނީ ހޭނިފައި. އެކަމަކު އެ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދީ މުސްތަގްބަލުގައި މިފަދަ ޓެކްނޮލޮޖީތައް ބޭނުންކޮށްގެން ހައްލު ކުރެވޭނެ ގޮންޖެހުންތައް ހައްލު ކުރުމަށް އެފަދަ ގާބިލު ކަންތައްތައް ތަރައްގީކުރަން ޖެހޭ." 

ހަނދުގައި ނިއުކްލިއާ ރިއެކްޓަރެއް ގާއިމް ކުރުމަށް ރަޝިޔާ އާއި ޗައިނާއިން ޕްރޮޖެކްޓެއްގައި އެކުގައި މަސައްކަތް ކުރަމުން އަންނަ ކަމަށް ރަޝިޔާގެ ޖައްވީ އިދާރާ ރޮސްކޮސްމޯސްގެ ވެރިޔާ ޔޫރީ ބޮރިސޯވް މިދިޔަ ހަފްތާގައި ވިދާޅުވި ކަމަށް ޓަސް ނޫސް އެޖެންސީއިން ވަނީ ރިޕޯޓުކޮށްފަ އެވެ.

"2033 އާއި 2035 ވަނަ އަހަރާ ދެމެދު ޗައިނާގެ ބައިވެރިންނާ އެކު މަސައްކަތްކޮށް ހަނދަށް ރިއެކްޓަރެއް ފޮނުވައި އެތަނުގައި އޭތި ހަރު ކުރުމުގެ ޕްރޮޖެކްޓަކާ މެދު އަހަރެމެން މިއަދު މިދަނީ ސީރިއަސްކޮށް ވިސްނަމުން،" 5 މާޗުގައި ބޭއްވި ޔޫތު ފެސްޓިވަލެއްގައި ބޮރިސޯވް ވިދާޅުވެފައި ވެ އެވެ.

ޓަސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ހަނދާ ބެހޭ ބައިނަލްއަގްވާމީ ދިރާސާ ކުރާ ސްޓޭޝަނެއް ގާއިމު ކުރުމަށް ރަޝިޔާ އާއި ޗައިނާގެ ޖައްވީ އިދާރާއިން ވަނީ 2021 ވަނަ އަހަރުގެ މާޗު މަހު އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ.

ޖައްވުގައި ނިއުކްލިއާ ހަކަތަ ގާއިމު ކުރުމުގެ ވާހަކަ ޕޫޓިން ދައްކަވާފައި މިވަނީ ޖައްވީ ނިއުކްލިއާ ހަތިޔާރެއް ގާއިމު ކުރުމަށް ރަޝިޔާއިން މަސައްކަތް ކުރަމުންދާ ކަމަށް ބައެއް ފަރާތްތަކުން ސީއެންއެންއަށް މިދިޔަ މަހު މައުލޫމާތު ދީފައި ވަނިކޮށެވެ. 

ޖައްވާ ބެހޭ އަސްކަރީ މާހިރުން 'އީއެމްޕީ'ގެ ނަމުން ނިސްބަތް ކުރާ މިފަދަ ހަތިޔާރަކުން ނުކުންނަ އިލެކްޓްރޯމެގްނެޓިކް ހަކަތައާ އެކު ދުނިޔެ ވަށައިގެން ދައުރު ކުރާ ސެޓެލައިޓުތައް ހުއްޓުމަކަށް އަންނާނެ އެވެ.

މިފަދަ ހަތިޔާރެއްގެ މަސައްކަތް ރަޝިޔާއިން ކުރަމުން ދިޔަ ނަމަވެސް އެ މަސައްކަތް އަދި ނިމިފައި ނުވާ ކަމަށް އެމެރިކާ ސަރުކާރުގެ އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް