އެމެރިކާގެ ރައީސް ޖޯ ބައިޑަން.
އަންނަ ހަފްތާގައި ހަމަލާތައް ހުއްޓާލާނެކަމަށް އުއްމީދުކުރަން: ބައިޑަން
އަންނަ ހޯމަދުވަހާ ހަމައަށް ދާންވާއިރަށް ހަމާސް-އިޒްރޭލު ހަނގުރާމައިގެ ހަމަލާތައް ހުއްޓާލާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.
ބައިޑަން މިގޮތަށް ވިދާޅުވެފައި މިވަނީ، އިޒްރޭލާއި ހަމާސްގެ އޮފިޝަލުންނާ ދެމެދު ނުސީދާ މަޝްވަރާތަކެއް ކުރިއަށްދާ ކަމަށް ބައެއް ފަރާތްތަކުން ރިޕޯޓުކޮށްފައި ވަނިކޮށެވެ.
މި މަޝްވަރާތަކުގައި ގާޒާއަށް އިތުރު އެހީ ވައްދާށާއި، ހަމާސް އިން ރަހީނުކޮށްފައި ތިބި އިޒްރޭލުގެ މީހުން މިނިވަންކުރުމާ ބެހޭ ގޮތުން ވާހަކަތައް ދެކެވޭނެ އެވެ.
މި މަޝްވަރާތަކާ ބެހޭ ގޮތުން އިޒްރޭލުން އަދި ވަކި އެއްޗެއް ހާމަކޮށްފައި ނުވި ނަމަވެސް، އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވި ފަދަ ކުރިއެރުމެއް ނުލިބޭ ކަމަށް ހަމާސްގެ އޮފިޝަލުން ބުނެ އެވެ. މެދުވެރިއެއްގެ ރޯލު އަދާކުރަމުން އަންނަ ގަތަރުން ވެސް ބުނީ އިއުލާނު ކުރާނެ ޑީލެއް އަދި ނެތް ކަމަށެވެ.
ގަތަރުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު މާޖިދް އަލް-އަންސާރީ ވިދާޅުވި ގޮތުގައި ދޯހާއިން މަސައްކަތް ކުރަނީ ރޯދަ މަސް ފެށުމުގެ ކުރިން ހަމަލާތައް މަޑުޖައްސާލެވޭނެ އެއްބަސްވުމަކަށް ދެވޭތޯ އެވެ. އަދި އެގޮތަށް އެކަން ވެދާނެ ކަމާ މެދު އުއްމީދު އޮތް ކަމަށާއި، އެހެން އެކަން ނުވެ ވެސް ހިނގައިދާނެ ކަމަށް އަލް-އަންސާރީ ވިދާޅުވި އެވެ.
މަޝްވަރާތަކާ ބެހޭ މައުލޫމާތު ލިބިފައިވާ ފަރާތަކާ ހަވާލާދީ ރޮއިޓާސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފްރާންސުން ހުށައަޅާފައިވާ ޑީލެއް ހަމާސް އިން އަންނަނީ ދިރާސާ ކުރަމުންނެވެ. މި ޑީލުގައި 40 ދުވަހުގެ މުއްދަތައް އަސްކަރީ ހަރަކާތްތައް ހުއްޓާލާ، މިނިވަންކުރާ އިޒްރޭލުގެ ކޮންމެ ރަހީނަކަށް ފަލަސްތީނުގެ 10 އަސީރުން އިޒްރޭލުގެ ޖަލުތަކުން ދޫކުރުން ހިމެނެ އެވެ.
ގާޒާ ހަނގުރާމައިގައި މިހާތަނަށް 29،878 ފަލަސްތީން ރައްޔިތުން މަރުވެ، 70،215 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށް ހަމާސް އިން ގާޒާގައި ހިންގާ ހެލްތު މިނިސްޓްރީއިން ބުނެ އެވެ.
ނިއު ޔޯކުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބައިޑަން ވިދާޅުވީ ޑީލަކަށް ދެވެން 'ވަރަށް ގާތްވެއްޖެ' ކަމަށެވެ.
"އަދި ނުނިމޭ. އެކަމަކު އަންނަ ހޯމަ ދުވަސް އަންނަން ވާއިރަށް ހަމަލާތައް ހުއްޓާލާނެ ކަމަށް އަހަރެން އުއްމީދު ކުރަން،" ބައިޑަން ވިދާޅުވި އެވެ.
"ރޯދަ މަސް ފެށޭތީ އިޒްރޭލުން އެއްބަސްވެފައި ވަނީ ރޯދަ މަހު އެއްވެސް ހަރަކާތްތަކެއް ކުރިއަށް ނުގެންދަން. މިއާ އެކު ރަހީނުން ސަލާމަތް ކުރާނެ ވަގުތު ވެސް އަހަރެމެންނަށް ލިބިގެން ދާނެ."
ނަމަވެސް ބީބީސީއަށް ހަމާސްގެ އޮފިޝަލަކު ވިދާޅުވީ "އަހަރެމެންނަށް މުހިންމީ ހައްޔަރުގައި ތިބި މީހުން ބަދަލުކުރުމެއް ނޫން، ހަނގުރާމަ ނިންމާލުން،" ކަމަށެވެ.
"މިހާ ވަރަށް މީހުން މަރުވެ މުދަލަށް ގެއްލުންވެފައި ވާއިރު، އެކީ ހަނގުރާމަ ނިންމާލަން އެއްބަސް ނުވާ، އާންމުންނަށް ގެތަކަށް އެނބުރި ނުދެވޭ އަދި ގާޒާ އަލުން އިމާރާތް ނުކުރެވޭ ޑީލަކަށް އެއްބަސްވުމަކީ ހަމަޖެހޭ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.
އެމެރިކާގެ 'ލޭޓް ނައިޓް ވިތު ސެތް މަޔާސް' ޝޯއަށް ދެއްވި ބަސްދީގަތުމެއްގައި ބައިޑަން ވިދާޅުވި ގޮތުގައި ރަފާއަށް ދޭ ހަމަލާތައް އިޒްރޭލުން ވަނީ މަދުކޮށްފަ އެވެ.
"އެމީހުންނަށް މަޖުބޫރުވާނެ. ހަމާސްގެ ބާކީ ތިބި ފަރާތްތައް ނައްތާލުމުގެ ކުރިން ރަފާގައި ތިބި އާންމުންގެ ގިނަ ބަޔަކު ރަފާއިން ނުކުމެވޭނެ ގޮތްތައް ފަހިކޮށްދޭނެ ކަމަށް އިޒްރޭލުން އަހަންނަށް ޔަގީންކަން ދިން،" ބައިޑަން ވިދާޅުވި އެވެ.
ރަފާ އާއި އެހެނިހެން ބައެއް ސަރަހައްދުތަކުން އާންމުން ހުސްކުރާނެ ގޮތްތައް އިޒްރޭލުގެ އަސްކަރިއްޔާއިން ހުށައަޅާފައިވާ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ އޮފީހުން ވަނީ އާދިއްތަ ދުވަހު ހާމަކޮށްފަ އެވެ.
ސީބީއެސްގައި ވާހަކަ ދައްކަވަމުން ނަތަންޔާހޫ ވިދާޅުވީ ހަމަލާތައް ބަދަލުކުރުން ވަގުތީ ގޮތުން ހުއްޓާލަން އެއްބަސްވި ނަމަވެސް ރަފާއަށް އިޒްރޭލު ސިފައިން ވަދެގަންނާނެ ކަމަށެވެ.
"ހަމާސްގެ ފަހު ބާރުކޮޅު ދޫކޮށްލާފައެއް އަހަރެމެންނަކަށް ނުނިކުމެވޭނެ. ޑީލެއް ހެދިއްޖެ ނަމަ އެކަން ލަސްވެދާނެ. އެކަމަކު އެކަން ކުރާނަން. ޑީލެއް ނުހެދުނަސް އަހަރެމެން އެކަން ކުރާން،" ނަތަންޔާހޫ ވިދާޅުވި އެވެ.