ނޭޓޯގެ މެމްބަރުކަމާ އެކު، ސްވީޑެން އިން ޒަމާންތަކެއް ވަންދެން ގެންގުޅުނު ވަކި ކޮޅަކަށް ނުޖެހުމުގެ ސިޔާސަތު ނިމިގެންދާނެ.
ސްވީޑެން ނޭޓޯއަށް ވައްދަން ހަންގޭރީގެ ޕާލިމަންޓުން ރުހުން ދީފި
ސްވީޑެން އިން ނޭޓޯގެ މެމްބަރަކަށް ވުމަށް ހުށައަޅާފައިވާ އެޕްލިކޭޝަނަށް ހަންގޭރީގެ ޕާލިމަންޓުން ރުހުން ދީފި އެވެ.
ނޭޓޯއާ ގުޅުމަށް އެ އިއްތިހާދުގައި ހިމެނޭ ހުރިހާ ގައުމެއްގެ ރުހުން ހޯދަން ޖެހޭ އިރު، ސްވީޑެންއަށް ރުހުން ނުދީ އޮތް ހަމަ އެކަނި ގައުމަކީ ހަންގޭރީ އެވެ.
ޔޫކްރެއިނާ ދެކޮޅަށް ރަޝިޔާއިން ފެބްރުއަރީ 2022 ގައި އުދުވާނެއް ފެށުމާ ގުޅިގެން ސްވީޑެން އިން ނޭޓޯގެ ހިމާޔަތް ހޯދަން ހުށައަޅާފައި ވަނީ އޭގެ މަދު މަސްތަކެއް ފަހުންނެވެ.
ސްވީޑެންގެ ކެންޑިޑަސީއަށް ހަންގޭރީ އިން މިހާތަނަށް ރުހުން ދީފައި ނުވަނީ ސްވީޑެންގެ ކިބައިގައި ދެކޮޅުވެރިކަމެއް އޮތް ކަމަށް ތުހުމަތުކޮށެވެ. ނަމަވެސް ހަންގޭރީގެ ބޮޑުވަޒީރު ވިކްޓޯ އޯބާން މިދިޔަ ހަފްތާގައި ވިދާޅުވިގޮތުގައި މިހާރު ދެ ގައުމު އޮތީ "އެއް ގައުމު އަނެއް ގައުމަށްޓަކައި ގުރުބާންވާން" ތައްޔާރަށެވެ.
ނޭޓޯގެ އެއްވެސް މެމްބަރު ގައުމަކަށް ބޭރުން ހަމަލާއެއް އަތުވެއްޖެ ނަމަ ނޭޓޯގެ ހުރިހާ މެމްބަރުން އެ ގައުމެއްގެ ދިފާއުގައި ނުކުންނާނެ އެވެ.
ހަންގޭރީގެ ވޯޓާ އެކު އިއްޔެއަކީ "ތާރީހީ ދުވަހެއް" ކަމަށް ސްވީޑެންގެ ބޮޑުވަޒީރު އުލްފް ކްރިސްޓަސަން ވަނީ ވިދާޅުވެފަ އެވެ. އަދި "ޔޫރޯ-އެޓްލާންޓިކް ސެކިއުރިޓީ ބެލެހެއްޓުމުގެ ޒިންމާ ކޮނޑުގައި އަޅަން" ސްވީޑެން އިން ތައްޔާރަށް އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބާގް ވިދާޅުވީ ހަންގޭރީ ޕާލިމަންޓުގެ ވޯޓާ އެކު އެ އިއްތިހާދުގެ "ބާރާއި ރައްކާތެރިކަން އިތުރުވެފައިވާ" ކަމަށެވެ.
ހަންގޭރީގެ ބޮޑުވަޒީރު އޯބާން އަކީ "ގައުމު ފުރަތަމަ" ސިޔާސަތެއް ގެންގުޅުއްވާ އަދި ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ ގާތް ގުޅުމެއް ބާއްވަވާ ބޭފުޅެކެވެ. އޭނާ ގެންދަވަނީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ޔޫކްރެއިނަށް ފޮނުވާ އަސްކަރީ އެހީގެ ޕެކޭޖުތަކަށް ތަކުރާރުކޮށް ހުރަސް އަޅުއްވަމުންނެވެ.
އީޔޫގެ ޑިމޮކްރެޓިކް އުސޫލުތަކަށް ހަންގޭރީއިން ހުރަސް އަޅަމުން ދާ ކަމަށް ބުނެ މިފަހުން ފާޑުކިޔާފައިވާ އީޔޫގެ މެމްބަރު ގައުމުތަކުގެ ތެރޭގައި ސްވީޑެން ވެސް ހިމެނެ އެވެ.
ރައްދުގައި ހަންގޭރީގެ ބޮޑުވަޒީރުގެ ތަރުޖަމާނު ޒޮލްތާން ކޯވަކްސް ވިދާޅުވެފައި ވަނީ، ސްވީޑެންގެ އޮފިޝަލުން "ފުނޑުފުނޑުވަމުންދާ މަތިވެރި އަހްލާގީ ތަހުތެއްގައި" އިށީނދެގެން ތިއްބެވި ކަމަށެވެ.
ނަމަވެސް މިދިޔަ ހަފްތާގައި ހަންގޭރީ އާއި ސްވީޑެންގެ ބޮޑުވަޒީރުން ބައްދަލުކުރައްވައި މަޝްވަރާތައް ވަނީ ބާއްވާފަ އެވެ.
ސްވީޑެންއާ އެކު ނޭޓޯއާ ގުޅުމަށް ހުށައެޅި އަވަށްޓެރި ފިންލެންޑުން މިދިޔަ އަހަރުގެ އޭޕްރިލް މަހު ވަނީ ނޭޓޯއާ ރަސްމީކޮށް ގުޅިފަ އެވެ.