އިނގިރޭސިވިލާތުގެ ރޯޔަލް އެއާފޯސްގެ ޓައިފޫން ޖެޓެއް ހޫތީންނަށް ހަމަލާ ދިނުމަށް ނައްޓާލަން ތައްޔާރުވަނީ.
ޔަމަނުގެ ހޫތީންނަށް އަމާޒުކޮށް ހުޅަނގުން އަނެއްކާ ވެސް ހަމަލާތަކެއް ދީފި
އެމެރިކާ އަދި އިނގިރޭސިވިލާތުގެ އަސްކަރީ ޖެޓުތަކުން ޔަމަނުގައި ތިބި ހޫތީންގެ 18 ތަނަކަށް ހަމަލާތައް ދީފައިވާ ކަމަށް އެމެރިކާގެ ޕެންޓަގަން އިން ހާމަކޮށްފި އެވެ.
މިއީ ހުޅަނގުގެ އަސްކަރިއްޔާތަކުން ހޫތީންނަށް މިފަދަ ހަމަލާތަކެއް މިފަހުން ދިން ހަތަރު ވަނަ ފަހަރެވެ.
މިފަހަރުގެ ހަމަލާތައް އަމާޒުކުރީ ގުދަންތަކާ، ޑްރޯންތަކާ، ވައިގެ ދިފާއީ ނިޒާމުތަކާ، ރާޑަރުތަކާ އަދި ހެލިކޮޕްޓަރަކަށް ކަމަށް އެމެެރިކާއިން ވަނީ ބުނެފަ އެވެ.
ހުޅަނގުން މަސައްކަތް ކޮށްފައި ވަނީ ހޫތީންގެ ގާބިލުކަން "އިތުރަށް ދަށް ކުރުމަށް" ކަމަށް އިނގިރޭސިވިލާތުން ވަނީ ބުނެފަ އެވެ.
ޔަމަނުގެ ވެރިރަށާއި އިތުރު ގިނަ ސަރަހައްދުތަކެއްގެ ކޮންޓްރޯލު އޮތް ހޫތީން އަންނަނީ ރެޑް ސީ ކަނޑުން ދަތުރުކުރަމުން އަންނަ ހުޅަނގުގެ ބޯޓުތަކަށް އަމާޒުކޮށް ހަމަލާތައް ދެމުން ނެވެ. މިއީ ހަމާސް-އިޒްރޭލު ހަނގުރާމައާ ގުޅިގެން ފަލަސްތީނަށް އޮތް ސާބިތުކަން ދެއްކުމަށް ހިންގާ ހަމަލާތަކެއް ކަމަށް ހޫތީން ބުނެފައިވެ އެވެ.
ބައިނަލްއަގްވާމީ ވިޔަފާރިއާ ގުޅޭ ގިނަ ކަނޑު ދަތުރުތަކެއް ހިނގަމުން އަންނަ ރެޑް ސީ ކަނޑުގައި ހޫތީން ހިންގަމުން އަންނަ މި ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ސަޕްލައިތަކަށް ބުރޫ އަރާ، ކަނޑުމަގުން މުދާ އުފުލާ ބައެއް ކުންފުނިތަކުން އަންނަނީ ބޯޓުތައް އެހެން މަގުތަކުން ފޮނުވަމުން ނެވެ. މިއާ އެކު ދުނިޔޭގެ ބާޒާރުގައި މުދަލުގެ އަގުތައް އަންނަނީ އުފުލެމުން ނެވެ.
ޕެންޓަގަން އިން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ނޮވެމްބަރު މަހުގެ މެދުތެރެއިން ފެށިގެން ތަފާތު 45 ބޯޓަކަށް ހަމަލާތައް އަމާޒުކޮށްފައިވާ ހޫތީންނަކީ ސަރަހައްދީ ސަލާމަތާއި ހަމަޖެހުމަށް އަދި ބައިނަލްއަގްވާމީ އިގްތިސާދަށް އޮތް ބިރެކެވެ.
އަދި އިއްޔެ ހޫތީންގެ އަމާޒުތަކަށް ދިން ހަމަލާގައި "އޮސްޓްރޭލިއާ، ބަހްރެއިން، ކެނެޑާ، ޑެންމާކް، ދަ ނެދެލޭންޑްސް އަދި ނިއުޒީލެންޑުގެ އެހީތެރިކަން" ލިބިފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.