އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގައި ކުރިއަށް ދިޔަ މުޒާހަރާގެ ތެރެއިން.

ފަލަސްތީން

ފަލަސްތީނަށް ތާއީދުކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުޒާހަރާތަކެއް

އެންމެ ގިނަ ބަޔަކު ބައިވެރިވި މުޒާހަރާ ކުރިއަށް ގޮސްފައި ވަނީ އިނގިރޭސިވިލާތުގެ ލަންޑަންގައި
18 ފެބްރުއަރީ 2024

ގާޒާގެ ދެކުުނުގައި އޮތް ރަފާ ސިޓީއަށް އިޒްރޭލު ސިފައިން ވަދެގަތުމަށް ވިސްނަމުން ދާއިރު، ގާޒާގައި ހިނގަމުން އަންނަ ހަނގުރާމައާ ދެކޮޅަށް އަޑުއުފުލާ ދުނިޔޭގެ އެކި ސިޓީތަކުގައި ބޮޑެތި މުޒާހަރާތަކެއް ކުރިއަަށް ގޮސްފި އެވެ.

އެގޮތުން ސްޕެއިންގެ ވެރިރަށް މެޑްރިޑްގައި އޮތް މުޒާހަރާގައި ފަލަސްތީނުގެ ދިދަ އާއި ބެނާތައް ހިފައިގެން ތިބި އެތައް ހާސް ބަޔަކު ވަނީ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލާފަ އެވެ. 

މި މުޒާހަރާގެ ބައިވެރިން ހިފައިގެން ތިބި ބައެއް ލިޔުންތަކުގައި "ފަލަސްތީނަށް މިނިވަންކަން"، "ފަލަސްތީނަށް ސުލްހަމަސަލަސްކަން" އަދި "ފަލަސްތީނުގެ ހިތާމަތަކަށް އިހްމާލު ނުވޭ"  ޖަހާފައިވެ އެވެ.

މެޑްރިޑުގައި އޮތް މި މުޒާހަރާގައި ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒްގެ ކެބިނެޓުގައި ހިމެނޭ ހަ ވަޒީރަކު ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. 

"ވަގުތުން ހަމަލާތައް ހުއްޓާލަން ޖެހޭ. އަދި އާންމުންގެ މަރުތަކާ އާންމުންނަށް ދެމުން އަންނަ ހަމަލާތައް ވެސް. ރަހީނުން ވެސް މިނިވަން ކުރަން ޖެހޭ،" ސްޕެއިްނގެ ޓްރާންސްޕޯޓާ ބެހޭ ވަޒީރު އޮސްކާ ޕުއެންތޭ ރިޕޯޓަރުންނަށް ވިދާޅުވި އެވެ.

ސްޕެއިންގެ އިތުރުން އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގައި ކުރިއަށް ދިޔަ މުޒާހަރާގައި ގާތްގަނޑަކަށް 250،000 މީހުން ބައިވެރިވެ ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް އަޑު އުފުލިކަމަށް ފަލަސްތީން ސޮލިޑާރިޓީ ކެމްޕެއިން (ޕީއެސްސީ) ޖަމިއްޔާއިން މައުލޫމާތުދެ އެވެ.

އަލް ޖަޒީރާ ނޫހުގެ ހެރީ ފޯސެޓް ލަންޑަންގައި ހުރެ ރިޕޯޓު ކުރެއްވިގޮތުގައި ލަންޑަންގައި ކުރިއަށް ދިޔަ މި މުޒާހަރާ އަކީ ގާޒާ ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް ބޭއްވުނު އެންމެ ބޮޑު އެއް މުޒާހަރާ އެވެ.

އަދި މިއީ ގާޒާގެ ހާލަތާ މެދު އޮތް ކަންބޮޑުވުން އިތުރުވަމުންދާކަމުގެ ނިޝަނަކަށް ވުން އެކަށީގެންވާ ކަމަށް ވެސް އޭނާ ފާހަގަ ކުރި އެވެ.

އިނގިރޭސި ސަރުކާރުގެ 'ޔޫގަވް' ވެބްސައިޓުގައި ނަގަމުން އަންނަ ހިޔާލު ހޯދުމުގެ ވޯޓެއްގެ ނަތީޖާތައް ދައްކާގޮތުން އިނގިރޭސި އާންމުންގެ ތެރެއިން ތިން ބައި ކުޅަ ދެބައި ގާޒާގެ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ތާއީދު ކުރެ އެވެ.

ލަންޑަންގައި ކުރިއަށް ދިޔަ މުޒާހަރާގައި ފޯރިމެރުމަށް 1،500 އެއްހާ ފުލުހުން ވަނީ ނުކުމެފަ އެވެ. އަދި މި މުޒަހަރާ ތެރެއިން ހައްޔަރު ކޮށްފައި ވަނީ އެންމެ 12 މީހެކެވެ.

ފަލަސްތީނަށް ތާއީދުކޮށް ލަންޑަންގައި ކުރިއަަށް ގެންދިޔަ މުޒާހަރާ (ވީޑިއޯ/ސްކައި ނިއުސް އޮސްޓްރޭލިއާ)

ފަލަސްތީނަށް ތާއީދުކޮށް ސްވީޑެން އާއި އެހެނިހެން ގައުމުތަކުގައި ވެސް މުޒާހަރާތަކެއް ވަނީ ބާއްވާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް