ޖަރުމަނުގެ މަނަވަރު ހެސެން

ޖަރުމަންވިލާތް

ހޫތީ ހަމަލާތައް ހުއްޓުވަން ޖަރުމަނުން ވެސް މަނަވަރެއް ފޮނުވަނީ

ރެޑް ސީ ކަނޑުގައި ފޯރިމެރުމަށް ޔޫރަޕުގެ އަސްކަރިއްޔާތަކުން ވަނީ އޮޕަރޭޝަނެއް ފަށާފައި
14 ފެބްރުއަރީ 2024

ރެޑް ސީ ކަނޑުން ދަތުރުކުރާ ބޯޓުތަކަށް އަމާޒުކޮށް ހޫތީން ދެމުން އަންނަ ހަމަލާތައް ހުއްޓުވަން ޔޫރަޕިއަން ޔޫނިއަން އިން ފަށާފައިވާ އަސްކަރީ މިޝަންގަައި ބައިވެރިވާން ޖަރުމަނުން ވެސް މަނަވަރެއް ފޮނުވަން ނިންމާފައިވާ ކަމަށް އެ ގައުމުގެ ކަނޑުގެ އަސްކަރީ އޮޕަރޭޝަންތަކާ ބެހޭ ވެރިޔާ ޔާން ކްރިސްޓިއަން ކާކް ވިދާޅުވެއްޖެ އެވެ.

ރެޑް ސީ ކަނޑުގެ މި އޮޕަރޭޝަނަށް ޖަރުމަނުން ފޮނުވަން ނިންމާފައި ވަނީ ފްރިގޭޓް ބާވަތުގެ މަނަވަރެއް ކަމަށވާް ހެސެން އެވެ.

އޮޕަރޭޝަން އެސްޕިޑެސްގެ ނަން ދީފައިވާ މި މިޝަންގެ ބޭނުމަކީ ރެޑް ސީ ކަނޑާއި ގަލްފް އޮފް އެޑެން ވަށައިގެންވާ ކަނޑުތަކުން ދަތުރުކުރާ މުދާ އުފުލާ ބޯޓުތައް ހިމާޔަތް ކުރުމަށް ކުރިއާލައި އިންޒާރު ދިނުމުގެ ނިޒާމެއް ގާއިމު ކުރުމަށް ޔޫރަޕުގެ މަނަވަރުތައް  ބައިވެރިކުރުމެވެ.

ޖަރުމަނުގެ ވެރިރަށް ބާލިންގައި ހުންނަވާ ކާކް ވިދާޅުވީ މި އޮޕަރޭޝަނަށް ބޭނުންވާ އިތުރު ހަތިޔާރުގެ ނިޒާމުތައް ވަނީ ހެސެން މަނަވަރަށް އަރުވާފައި ކަމަށެވެ.

ރެޑް ސީ ކަނޑުން ދަތުރު ކުރަމުން އަންނަ ބޯޓުތަކަށް ހޫތީން ދެމުން އަންނަ ހަމަލާތަކާ ގުޅޭ (ވީޑިއޯ/ފޮކްސް ނިއުސް) 

ޔަމަނުގެ ބޮޑު ސަރަހައްދެއް ކޮންޓްރޯލު ކުރަމުން އަންނަ އަދި އީރާނުގެ ތާއީދު އޮތް ހޫތީން ގެންދަނީ ގާޒާގައި އިޒުރޭލުން ހަނގުރާމަ ފެށުމާ އެކު ރެޑް ސީ ކަނޑުން ދަތުރުކުރަމުން އަންނަ އެކި ބޯޓުތަކަށް ހަމަލާތައް އަމާޒު ކުރަމުންނެވެ.

ހޫތީންގެ މި ހަރަކާތްތަކާ ގުޅިގެން އެމެރިކާ، އިނގިރޭސިވިލާތް އަދި ހުޅަނގުގެ އިތުރު ގައުމުތައް ގުޅިގެން ވަނީ ޔަމަނުގައި ހުރި ހޫތީންގެ ގިނަ އަމާޒުތަކަށް ވައިގެ ހަމަލާތައް ދީފަ އެވެ. 

މި ހަމަލާތަކާ ގުޅިގެން ނުތަނަވަސްކަން ބޮޑުވެފައި އޮތް މެދު އިރުމަތީގެ މަސްރަހް އިތުރަށް ވަނީ ހޫނުވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް