އިޒްރޭލުގެ ވައިގެ ހަމަލާއެއް އަމާޒުކުރި ރަފާގެ ގެއެއްގެ ތެރެއިން ބަޔަކު އެއްޗެހިތަކެއް ނެރެނީ.

ފަލަސްތީން

އިޒްރޭލުން ރަފާއަށް ވަނުމުގެ ވިސްނުން ގަތަރުން ކުށްވެރިކޮށްފި

ރަފާއަށް ވަނުމާ ދެކޮޅަށް އެމެރިކާ އާއި ހުޅަނގުގެ ގިނަ ގައުމުތަކަކުން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން
12 ފެބްރުއަރީ 2024

އިޒްރޭލުގެ އަސްކަރިއްޔާ އިން ފަލަސްތީނުގެ ރަފާއަށް އެއްގަމު މަގުން ވަދެގަނެގެން ހިންގަން ރާވަމުންދާ އޮޕަރޭޝަން ގަތަރުން ވަރަށް ހަރުކަށިކަމާ އެކު އިއްޔެ ކުށްވެރިކޮށްފި އެވެ.

އިޒްރޭލުން ރަފާއަށް ވަދެގެންފި ނަމަ "އިސްތިއުމާރު ކޮށްފައި އޮތް ގާޒާގެ އެތައް ލައްކަ އާންމުން އެންމެ ފަހުގެ ހިމާޔަތް ހޯދައިގެން ތިބި [ރަފާ] ސިޓީއަށް އިންސާނީ ބޮޑު މުސީބާތަކާ" ކުރިމަތިވާނެ ކަމަށް ގަތަރުގެ ހާރިޖީ ވުޒާރާގެ ވެބްސައިޓުގައިވާ ބަޔާނެއްގައި ވެ އެވެ.

ގަލްފު ސަރަހައްދަށް ނިސްބަތްވާ ގަތަރުން ވަނީ އިޒްރޭލުގެ އަމަލުތައް ހުއްޓުވުމަށް އދ. ސަލާމަތީ މަޖިލީހަށް ގޮވާލާފަ އެވެ. 

"ރަފާއަށް ވަދެގަނެ އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކުން ހިންގަން އުޅޭ ނަސްލު ނައްތާލުމުގެ އަމަލު ހުއްޓުވުމަށް ވީ އެންމެ އަވަހަކަށް" ފިޔަވަޅު އެޅުމަށާއި "ބައިނަލްއަގްވާމީ ގާނޫނުތަކާއި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކުގެ ދަށުން އާންމުން ވީ އެންމެ ފުރިހަމައަކަށް ރައްކާތެރި ކޮށްދިނުމަށް" ގަތަރުން ވަނީ އދ. އަށް ގޮވާލާފަ އެވެ.

ހަމާސް-އިޒްރޭލު ހަނގުރާމައިގައި ގަތަރުން އަންނަނީ މުހިންމު މެދުވެރިއެއްގެ ދައުރު  އަދާކުރަމުންނެވެ. ނޮވެމްބަރު މަހުގެ ފަހުކޮޅު ހަމާސް އާއި އިޒްރޭލާ ދެމެދު ހެދި ފުރަތަމަ އެއްބަސްވުމުގައި ގަތަރުގެ ބޮޑު ބައިވެރިވުމެއް އޮތެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ރަފާއަށް ނުވަނުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ގޮވާލަމުން އަންނަ އިރު ރަފާއަށް ނުވަނުމަށް ގޮވާލުމަކީ ހަނގުރާމަ އިން ނާކާމިޔާބު ހޯދުމަށް ގޮވާލުން ފަދަ ކަމެއް ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ސިފަކުރައްވާފަ އެވެ.

އަދި އިޒްރޭލުގެ އަސްކަރިއްޔާއިން ރަފާގައި އެއްގަމުގެ އޮޕަރޭޝަނެއް ވަރަށް އަވަހަށް ފަށާނެ ކަަމަށާއި އެތަނުގައި ތިބި އާންމުން ރައްކާތެރިކޮށް ނުކުންނާނެ ފުރުސަތު ދޭނެ ކަމަށް ނަތަންޔާހޫ ވަނީ ވިދާޅުވެފަ އެވެ.

"ނަސްރު ލިބެން ކައިރި ވެއްޖެ. އަހަރެމެން އެކަން ކުރާނަން. ރަފާގައި ތިބި ހަމާސްގެ އެންމެ ފަހު ޓެރަރިސްޓުން ހޯދާނަން، އެއީ އެންމެ ފަހު ހަނގުރާމަވެރިން. އެކަން ކުރާނަން،" އޭބީސީ ނޫހަށް ދެއްވި އިންޓަވިއުއެއްގައި ނަތަންޔާހޫ ވިދާޅުވެފައި ވެ އެވެ.

އިޒްރޭލުން ރަފާއަށް ވަދެގަތުމާ ދެކޮޅަށް އެމެރިކާ އާއި ހުޅަނގުގެ ގިނަ ގައުމުތަކަކުން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް