ރަފާގައި ގިނަ ކުޑަކުދިންތަކެއް ހިމެނޭ ގޮތަށް 1.5 މިލިއަން ފަލަސްތީނު ރައްޔިތުން ހިމާޔަތް ހޯދައިގެން ތިބިކަމަށް ވަނީ ލަފާ ކުރެވިފައި.

އިޒްރޭލުން ރަފާއަށް ނުވަނުމަށް ގޮވާލާ އަޑުތައް ގަދަވަނީ

ރަފާއަށް ވަދެ ނުގަތުމަށް ސައުދީ އަރަބިއްޔާއިން ވެސް އިއްޔެ ވަނީ އިންޒާރު ދީފައި
11 ފެބްރުއަރީ 2024

ފަލަސްތީނުގެ ގިނަ ރެފިއުޖީންތަކެއް ތޮށްޖެހިގެން ހިޔާވަހިކަން ހޯދައިގެން ތިބި ގާޒާގެ ރަފާއަށް ވަދެ ނުގަތުމަށް ބައިނަލްއަގްވާމީ މުޖުތަމައުއިން އިޒްރޭލަށް ދެމުން އަންނަ އިންޒާރުތަކުގެ އަޑު ގަދަވާން ފަށައިފި އެވެ. 

"ގާޒާގެ އާބާދީގެ ދެބައި ކުޅަ އެއްބައި އެ ސަރަހައްދުގައި ހިޔާވަހިކަން ހޯދައިގެން އެބަތިބި" ކަމަށް އިނގިރޭސި ހާރިޖީ ސެކްރެޓަރީ ޑޭވިޑް ކެމެރޮން ވިދާޅުވެފައިވާ އިރު، މިކަމުގެ ސަބަބުން "ގިނަ އާންމުންތަކެއް މަރުވެދާނެ" ކަމަށް ނެދަލެންޑްސްގެ ހާރިޖީ ވަޒީރު ހަންކޭ ބްރުއިންސް ސްލޮޓް ވަނީ ވިދާޅުވެފަ އެވެ.

އަދި ރަފާއަށް ވަދެގެންފި ނަމަ "ވަރަށް ސީރިއަސް ނަތީޖާތަކަކާ" ކުރިމަތިލާން ޖެހޭނެ ކަމަށް ބުނެ ސައުދީ އަރަބިއްޔާއިން ވަނީ އިންޒާރު ދީފަ އެވެ.

ގާޒާގައި ވެރިކަން ކުރަމުން އަންނަ ހަމާސްގެ ލީޑަރުން ވެސް ވަނީ "އެތައް ހާސް އާންމުންނެއް" މަރުވެދާނެ ކަމަށް ބުނެފަ އެވެ.

ރަފާގައި މިހާރު ތިބި ފަލަސްތީނުގެ ގިނަ ރައްޔިތުންނަކީ މި ހަނގުރާމައިގައި މަދުވެގެން އެއްފަހަރު ގެދޮރުން ނުކުތުމަށް މަޖުބޫރުވި މީހުން ނެވެ.

ބައިނަލްއަގްވާމީ މުޖުތަމައުއިން ރަފާއަށް ނުވަނުމަށް އިންޒާރު ދެމުން މިދަނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ރަފާއަށް ވަނުމަށް ތައްޔާރުވުމަށް އޭނާގެ އަސްކަރިއްޔާއަށް ގޮވާލާފައި ވަނިކޮށެވެ.

"ހަމާސް ނައްތާލުމުގެ އަމާޒު ހާސިލެއް ނުކުރެވޭނެ ރަފާގައި ހަރަކާތްތެރިވާ ހަމާސްގެ ހަތަރު ގޮއްޕެއް ދޫކޮށްލައިގެނެއް. ރަފާގައި ވަރުގަދަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ހަމަލާތައް ބަދަލު ކުރެވޭނެ ސަރަހައްދުތަކުގައި ތިބި އާންމުން ދުރުކުރަން ޖެހޭކަން ސާފު،" ނަތަންޔާހޫގެ އޮފީހުން ބުނެފައިވެ އެވެ.

ގާޒާގައި ހިންގަމުން އަންނަ އޮޕަރޭޝަންގެ ދަށުން އިޒްރޭލުން ރަފާއަށް ވަދެގަތުން ވާނީ "ކާރިސާ އަކަށް" ކަމަށް އެމެރިކާއިން ބުނެފައި ވާއިރު، އީޔޫ އާއި އދ. އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މިސްރުގެ ބޯޑަރާ ޖެހިގެން އޮތް ރަފާގައި ތިބި ހުރިހާ އެންމެން ހުސްކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އެހީދޭ ޖަމާއަތްތަކުން ވަނީ ބުނެފަ އެވެ.

ރަފާގައި ފަލަސްތީނުގެ 1.5 ރައްޔިތުން ތިބިކަމަށް ލަފާ ކުރެވިފައި ވާއިރު މީގެ ތެރެއިން ގިނަ ބަޔަކު ތިބީ ޓެންޓުތަކުގަ އެވެ.

އިޒްރޭލުން ރަފާއަށް ވަދެގަތުމަށް ތައްޔާރުވުމާ ގުޅޭ (ވީޑިއޯ/ސީބީއެސް މޯނިންގްސް)

އިނގިރޭސި ހާރިޖީ ސެކްރެޓަރީ ޑޭވިޑް ކެމެރޮން ސޯޝަލް މީޑިއާގައި ވިދާޅުވީ "ރަފާގައި އަސްކަރީ އޮޕަރޭޝަނެއް ހިންގާފާނެތީ ވަރަށް ކަންބޮޑުވެވަޑައިގަންނަވާ" ކަމަށެވެ.

"އިސްކަމެއް ދޭންވީ ހަމަލާތައް ބަދަލުކުރުން ވަގުތުން ހުއްޓާލާ އެހީ ވެއްދުމަށް އަދި ރަހީނުން މިނިވަން ކުރުމަށް. އެއަށް ފަހު ދެމެހެއްޓެނިވި ދާއިމީ ސުލްހައަކަށް މަސައްކަތް ކުރެވިދާނެ،" ކެމެރޮން ވިދާޅުވެފައިވެ އެވެ.

އަދި ނެދަލެންޑްސްގެ ހާރިޖީ ވަޒީރު ބްރުއިންސް ސްލޮޓް ވިދާޅުވީ އެތައް ބަޔަކު ތޮށްޖެހިފައިވާ ތަނެއްގައި ބޮޑު އަސްކަރީ އޮޕަރޭޝަނެއް ހިންގުމުން ގިނަ އަދަދަކަށް އާންމުން މަރު ނުވާނެ އަދި ބޮޑު އިންސާނީ ކާރިސާއެއް ކުރިމަތި ނުވާނެ ގޮތެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ. 

"މިއީ ބަލައިގަނެވޭނެ ކަމެއް ނޫން،" އޭނާ ވިދާޅުވެފައިވެ އެވެ.

އަނެއްކޮޅުން ސައުދީ ހާރިޖީ ވުޒާރާއިން އިއްޔެ ނެރުނު ބަޔާނުގައި "އިޒްރޭލުގެ ހަރުކަށިކަމުން ސަލާމަތް ވުމަށް އެތައް ލައްކަ ބަޔަކު އެންމެ ފަހު ތަނެއް ގޮތުގައި ހިޔާވަހިކަން ހޯދައިގެން ތިބި ގާޒާގެ ރަފާއަށް" ވަދެގަތުމާ ދެކޮޅަށް އިޒްރޭލަށް ވަރުގަދަ އިންޒާރެއް ދީފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް