ހަންގޭރީގެ ރައީސް ކަޓަލިން ނޯވަކް ސްވިޓްޒަލެންޑުގެ ޑާވޮސްގައި އޮތް ވޯލްޑް އިކޮނޮމިކް ފޯރަމްގައި.

ހަންގޭރީ

ކުޑަކުދިންގެ ޖިންސީ ގޯނާ މައާފަކާ ގުޅިގެން ހަންގޭރީގެ ރައީސް އިސްތިއުފާ ދެއްވައިފި

ރައީސް އިސްތިއުފާ ދިނުމަށް އާންމުންނާއި އިދިކޮޅު ފަރާތްތަކުން ޕްރެޝަރު ކޮށްފައިވޭ
11 ފެބްރުއަރީ 2024

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ހުކުމް އިއްވާފައި ހުރި މީހަކަށް މައާފު ދިނުމާ ގުޅިގެން އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވާ ހަންގޭރީގެ ރައީސް ކަޓަލިން ނޯވަކް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ސަރުކާރުން ހިންގާ ކުޑަކުދިންގެ ހިޔާއެއްގައި މަސައްކަތް ކުރި ޑިރެކްޓަރަކާ ދެކޮޅަށް އެތަނުގައި ދިރިއުޅޭ ކުޑަކުދިން އުފުލި ޖިންސީ ގޯނާގެ ތުހުމަތައް ހުއްޓުވުމަށް މަސައްކަތް ކުރި މީހަކަށް ރައީސް ނޯވަކް މައާފު ދެއްވީ މިދިޔަ ހަފްތާގަ އެވެ.

މިއާ އެކު ނޯވަކް އިސްތިއުފާ ދެއްވުމަށް ގޮވާލަމުންދާ އަޑުތައް ހަންގޭރީގައި ވަނީ ގަދަވާން ފަށައިފަ އެވެ.

ނޯވަކް ވަނީ އާންމުންގެ ފަރާތުން މައާފަށް އެދިވަޑައިގެން އެ މީހާއަށް އިސްތިއުފާ ދެވުނީ "ގޯހަކުން" ކަމަށް ވިދާޅުވެފަ އެވެ.

ނޯވަކްގެ އިތުރުން މި މައްސަލާގައި މައާފު ދެވުނު މީހާއަށް އެ މައާފު ފާސް ކޮށްދިން ހަންގޭރީގެ ކުރީގެ ޖަސްޓިސް މިނިސްޓަރު ޖޫޑިތު ވާގާ ވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

މި މައްސަލަގަނޑު ތިލަވީ މިދިޔަ އަހަރު ހަންގޭރީއަށް ޕޯޕް ފްރާންސިސް ކުރެއްވި ދަތުރުފުޅާ ގުޅިގެން ރައީސް ނޯވަކް މައާފް ދެއްވި 25 ކުށްވެރިއެއްގެ ނަންތައް ހަންގޭރީގެ މީޑިއާ އިން މިދިޔަ ހަފްތާގައި އާންމު ކުރުމުން ނެވެ. 

މި ލިސްޓުގައި، ވެރިރަށް ބުޑަޕެސްޓް ކައިރީގައި ހުންނަ ކުޑަކުދިންގެ ހިޔާއެއްގެ ޑިރެކްޓަރާ ދެކޮޅަށް އުފުލުނު ޖިންސީ ގޯނާގެ ދައުވާތައް ހިންދާލުމަށް މަސައްކަތް، ކުރި ތިން އަހަރަށް ޖަލަށް ލާފައި ހުރި، އެ ތަނުގެ ޑެޕިއުޓީ ޑިރެކްޓަރެއްގެ ނަން ވެސް ހިމެނުނެވެ.

މި މައްސަލާގައި ހިމެނޭ ޑިރެކްޓަރު ޖަލަށް ލާފައިވަނީ އަށް އަހަރު ދުވަހަ ށެވެ.

މި މައްސަލައާ ގުޅިގެން ރައީސް ނޯވަކް އިސްތިއުފާ ދެއްވުމަށް އިދިކޮޅު ސިޔާސީ ޕާޓީތަކުންނާއި މުޒާހަރާތަކަށް ނުކުމެ އާންމުން ވަނީ ޕްރެޝަރު ކޮށްފަ އެވެ.

ހަންގޭރީގެ ރައީސް އިސްތިއުފާ ދެއްވުމާ ގުޅޭ (ވީޑިއޯ/ވިއޯން)

މަތީ ގިނަ މަގާމުތަކެއް ފިރިހެން ފުރަމުން ފުރަމުން އަންނަ ހަންގޭރީގެ ސަރުކާރު ހިންގަމުން އަންނަ ފިދޭސް ޕާޓީގައި ރައީސް ނޯވަކް އަކީ މަގުބޫލު ބޭކަނބަލެކެވެ. މާ ބޮޑު ބާރުތަކެއް ލިބިފައި ނެތް ހަންގޭރީގެ ރައީސް ކަމުގެ މަގާމާ ނޯވަކް ހަވާލުވެވަޑައިގެންފައި ވަނީ 2022 ވަނަ އަހަރު އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް