އީރާގުގެ އަލް-ގާއިމް އަށް އެމެެރިކާއިން ދިން ހަމަލާގެ ތެރެއިން
84 އަމާޒަކަށް ކާމިޔާބު ކަމާ އެކު ހަމަލާ ދެވުނު: އެމެރިކާ އޮފިޝަލުން
ހުކުރު ދުވަހު ސީރިއާ އާއި އީރާގުގެ އަމާޒުތަކަށް ދިން ޖުމްލަ 85 ހަމަލާގެ ތެރެއިން 84 ހަމަލާއެއް ކާމިޔާބު ކަމަށް އެމެރިކާގެ ދިފާއީ ދެ އޮފިޝަލަކު މައުލޫމާތު ދެއްވައިފި އެވެ.
އަމާޒު ކުރެވުނު 85 ތަނުގެ ތެރެއިން އެއް ތަން ފިޔަވާ އެހެން ހުރިހާ ތަނެއް "އެކީ ހަލާކު ކޮށްލެވިފައި ނުވަތަ ބޭނުން ނުކުރެވޭ ވަރަށް ގެއްލުން ލިބިފައިވާ" ކަމަށް އިބްތިދާއީ ރިޕޯޓުތަކަށް ބަރޯސާވެ އެ އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ.
އަދި ހުކުރު ދުވަހުގެ މި ހަމަލާތަކާ ބެހޭ ފުރިހަމަ މައުލޫމާތުތައް މިހާރު އެއް ކުރަމުން އަންނަ އިރު، މި އޮޕަރޭޝަންގައި އީރާނުގެ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސްގެ މެމްބަރަކު މަރުވެފައިވާ ކަމުގެ އެއްވެސް އިޝާރާތެއް އަދި ލިބިފައި ނެތް ކަމަށް ވެސް އެއް އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަން ރިޕޯޓަރުންނަށް މައުލޫމާތު ދެއްވިގޮތުގައި އެމެރިކާގެ އަސްކަރީ ބާރުތަކުން މި ހަމަލާތައް ދިނީ މެދުއިރުމަތީގައި ހަރަކާތްތެރި ވަމުން އަންނަ ހަނގުރާމަވެރި ގްރޫޕުތައް ހުއްޓުވުމަށެވެ.
އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭހަކަށް ދިން ހަމަލާތަކެއްގައި އެމެރިކާގެ ސިފައިންގެ ތިން މީހަކު މަރާލުމާ ގުޅިގެން ރައްދުގައި އެމެރިކާގެ އަސްކަރިއްޔާއިން ހުކުރު ދުވަހުގެ ހަމަލާތައް އަމާޒުކޮށްފައި ވަނީ އީރާނުގެ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް އާއި އީރާގާއި ސީރިއާގައި އީރާނުން މަދަދުވެރިވާ ހަނގުރާމަވެރި ގްރޫޕުތަކުން ބޭނުން ކުރަމުން އަންނަ މަރުކަޒުތަކަށާއި ހަތިޔާރުތަކަށެވެ.
މިއީ ސީރިއާ އާއި އީރާގަށް އެމެރިކާއިން އެއް ވަގުތެއްގައި ހަމަލާތަކެއް އަމާޒު ކުރި ފުރަތަމަ ފަހަރެވެ. އީރާގުގައި އެމެރިކާގެ ހަމަލާތައް އަރާފައި ވަނީ ސީރިއާގެ ބޯޑަރު ކައިރީގައި އޮންނަ އަލް-ގާއިމް އާއި އަކާޝަތު އަށެވެ. އަދި ސީރިއާއަށް ދިން ހަމަލާތައް އަރާފައި ވަނީ އަލް-ބަރޫމް، ދެއިރް އެޒް-ޒޫރް އަދި އަލް-މަޔާދިން އަށެވެ.
އޮފިޝަލުން މައުލޫމާތު ދެއްވިގޮތުގައި މި ހަމަލާތައް އަމާޒު ކުރީ މި ސަރަހައްދުތަކުގައި ހުރި ކޮންޓްރޯލް ސެންޓަރުތަކަށާއި ޖާސޫސީ ސެންޓަރުތަކަށާއި އަދި ރޮކެޓް، މިސައިލް، ޑްރޯން ރައްކާކުރާ ގުދަން ތަކަށާއި އަދި އެހެނިހެން ތަންތަނަށެވެ.
އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭހަށް ދިން ހަމަލާއާ ގުޅިގެން އެމެރިކާގެ އަސްކަރިއްޔާއިން ދިން ރައްދު ހަމަލާތައް ލަސް ކަމަށް ބުނެ ބައިޑަންގެ ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެެފަ އެވެ.
ނަމަވެސް ހުކުރު ދުވަހުގެ ހަމަލާތަކަކީ އެމެރިކާ އިން ދޭ ރައްދުގެ ފެށުން ކަމަށް ރައީސް ބައިޑަން އާއި އެމެރިކާގެ ދިފާއި ސެކްރެޓަރީ ލޮއިޑް އޮސްޓިން ވަނީ ވިދާޅުވެފަ އެވެ.