މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާގް.

މެލޭޝިއާ

މެލޭޝިއާ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާގުގެ ޖަލު ހުކުމުގެ ބައެއް ކަނޑާލައިފި

މި ލުޔާ އެކު ނަޖީބް އޯގަސްޓް 2028ގައި މިނިވަންވާނެ

ކޮރަޕްޝަން ހިންގި ކަމަށް ސާބިތުވެ މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާގުގެ މައްޗަށް އިއްވާފައިވާ 12 އަހަރު ދުވަހުގެ ޖަލު ހުކުމުން ދެބައިކުޅަ އެއްބައި ކަނޑާލައިފި އެވެ.

މެލޭޝިއާގެ ބޮޑުވަޒީރުގެ މަގާމް 2009 އިން 2018 އަށް ފުރުއްވި ނަޖީބް ކުށްވެރިވާ ކަމަށް ސާބިތުވެފައި ވަނީ މަނީ ލޯންޑަރިން އާއި ނަހަމަ ގޮތުގައި ބާރުގެ ބޭނުން ކުރުމާއި އަދި 1އެމްޑީބީ ފަންޑާ ގުޅޭ ހިޔާނާތްތަކާ ގުޅިގެންނެވެ. 

މެލޭޝިއާގެ ފެޑެރަލް ޓެރިޓަރީސް ޕާޑަން ބޯޑުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ޖަލު ހުކުމުގެ މުއްދަތު ކުރުކުރުމަށް ނަޖީބް ހުށައެޅުއްވުމުން އެގޮތަށް ފާސްކޮށް މުއްދަތު ހަ އަހަރު ދުވަހަށް ވަނީ ކުޑަކޮށްފަ އެވެ.

މީގެ އިތުރުން ނަޖީބު ދެއްކުމަށް އަމުރުކޮށްފައިވާ ޖޫރިމަނާ ވެސް 50 މިލިއަން ރިންގިޓަށް (10.6 މިލިއަން ޑޮލަރަށް) ދަށްކޮށްފައިވާ ކަމަށާއި މިހާރު ނަޖީބު ދޫކޮށްލުމަށް ހަމަޖެހިފައިވާ 23 އޯގަސްޓު 2028 ދުވަހާ ހަމައަށް މި އަދަދު ނުދައްކައިފި ނަމަ ހުކުމުގެ މުއްދަތަށް އިތުރު އެއް އަހަރު ދުވަސް އިތުރުވެގެން ދާނެ ކަމަށް ވެސް މައާފު ދޭ ބޯޑުން ވަނީ ބުނެފަ އެވެ. 

ދައުވާތަކުގައިވާ އެއްވެސް ކުށެއް ނުކުރައްވާ ކަމަށް ނަޖީބު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާފައި ވެ އެވެ. ނަމަވެސް ނަޖީބް އާއި އޭނާގެ ގާތް މީހުން މެލޭޝިއާގެ ސޮވެރިން ވެލްތު ފަންޑުން ފައިސާ އަމިއްލަ ބޭނުމަށް ނަގައި މުއްސަނދި ދިރިއުޅުމަށް ހޭދަކޮށް، އިންތިހާބުތަކަށް ފައިސާ ހަރަދުކޮށްފައިވާކަން ސާބިތުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ. އަދި ހައި ކޯޓުން ވަނީ ދަށު ކޯޓުގެ މި ހުކުމް ދަމަހައްޓާފަ އެވެ.

މެލޭޝިއާ ސަރުކާރުން އެތައް ބިލިއަން ޑޮލަރެއް ވެއްދި 1އެމްޑީބީ ފަންޑު ގާއިމު ކޮށްފައި ވަނީ ނަޖީބް ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވިތާ ލަސްތަކެއް ނުވެ އެވެ. މި ފަންޑު އުފައްދާފައި ވަނީ އެންމެ ބޮޑަށް ތަރައްގީވެފައިވާ ގައުމުތަކުގެ ތެރޭގައި މެލޭޝިއާ ހިމެނުމަށް ކުރަން ޖެހޭ ހަރަދުތަކަށް ފައިސާ ހޯދުމަށެވެ.

ކޮމެންޓް (1)

ތައްޕަޅު

3 ފެބްރުއަރީ 2024
ރާއްޖޭގަވެސް ތިކަހަލަ ނަޖީބެއް އުޅުނު. ޖަލު ގޮޅިން ސަލާމަތްވެ، މިހާރު އޭނަ ހުރީ ގޭބަންދުގަ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް