ސީރިއާގައި އެމެރިކާ ސިފައިން ހަރަކާތްތެރި ވަނީ.
ސީރިއާ އާއި އީރާގުގައި ހުރި އީރާނުގެ އަމާޒުތަކަށް ހަމަލާ ދޭން އެމެރިކާ އިން ފާސްކޮށްފި
ސީރިއާ އާއި އީރާގުގައި ހުރި އީރާނުގެ އަމާޒުތަކަށް ހަމަލާތައް ދިނުމަށް އެމެރިކާއިން ނިންމައިފި އެވެ.
އެމެރިކާގެ އޮފިޝަލުން ވިދާޅުވީ މި ހަމަލާތައް ދޭނީ ދުވަސްތަކަކަށް ބަހާލައިގެން ކަމަށެވެ.
އެމެރިކާ އިން އީރާނުގެ އަމާޒުތަކަށް ހަމަލާ ދޭން ނިންމާފައި މިވަނީ އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ދިން ޑްރޯން ހަމަލާއެއްގައި ސިފައިންގެ ތިން މީހަކު މަރުވެފައި ވަނިކޮށެވެ. އެ ހަމަލާ ދީފައި ވަނީ އީރާނުން މަދަދުވެރިވާ ހަނގުރާމަވެރި 'އިސްލާމިކް ރެސިސްޓަންސް އިން އިރާގް' ގްރޫޕުން ކަމަށް އެމެރިކާއިން ތުހުމަތުކުރެ އެވެ.
ގިނަ ހަނގުރާމަވެރިންތަކެއް ހިމެނޭ މި ގްރޫޕަށް ފަންޑުކޮށް، ހަތިޔާރު ފޯރުކޮށްދީ އަދި ތަމްރީން ދެނީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް ފޯސް އިން ކަމަށް އެމެރިކާއިން ބުނެ އެވެ.
އަނެއްކޮޅުން އުރުދުންގައި ހުންނަ އެމެރިކާގެ މަރުކަޒަށް ދިން ހަމަލާތަކުގައި އީރާނުގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށް އެ ގައުމުން ވަނީ ބުނެފަ އެވެ.
ނަމަވެސް މި ހަމަލާގައި ބޭނުންކުރީ އީރާނުން އުފައްދާފައިވާ ޑްރޯން ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާތަކުން ގަބޫލުކުރެ އެވެ. ޔޫކްރެއިނަށް ހަމަލާ ދޭން ރަޝިޔާއިން ވެސް ބޭނުންކުރަނީ އެފަދަ ޑްރޯންތަކެކެވެ.
އީރާނުން މަދަދުވެރިވާ ގްރޫޕުތަކުން މެދު އިރުމަތީގައި ހުރި އެމެރިކާ އަސްކަރީ މަރުކަޒުތަކަށާއި މަސްލަހަތުތަކަށް ދެމުން އަންނަ ހަމަލާތަކާ ގުޅިގެން އީރާނަށް ހަރުކަށި ރައްދެއް ދިނުމަށް އެމެރިކާގެ ސިޔާސީ ވެރިން ގެންދަވަނީ ރައީސް ބައިޑަންއަށް ޕްރެޝަރު ކުރަމުންނެވެ.
ނަމަވެސް އުރުދުންގެ ޑްރޯން ހަމަލާއަށް ރައްދުދޭނެ ކަމަށް ރައީސް ބައިޑަން އާއި އެމެރިކާގެ ދިފާއީ އޮފިޝަލުން ވިދާޅުވި ނަމަވެސް އީރާނާ އެކު ހަނގުރާމައަކަށް ދާކަށް ބޭނުމެއް ނުވެ އެވެ. އެއީ މެދު އިރުމަތީގެ ހާލަތު މިހާރަށް ވުރެ ގޯސްވެދާނެތީ އެވެ.
"އެއެއް ނޫން އަހަރެން ބޭނުންވާ ގޮތަކީ،" ބައިޑަން ވިދާޅުވި އެވެ.