އިނގިރޭސި ފޮރިން ސެކްރެޓަރީ ޑޭވިޑް ކެމެރަން.

އިނިގރޭސިވިލާތް

ފަލަސްތީނުގެ ދައުލަތެއް ބަލައިގަތުމަށް އިނގިރޭސިވިލާތުން އަންނަނީ ވިސްނަމުން: ޑޭވިޑް ކެމެރަން

އިނގިރޭސި ހާރިޖީ ވަޒީރު ގެންދަވަނީ މެދު އިރުމައްޗަށް ދަތުރުފުޅެއް ކުރައްވަމުން

ފަލަސްތީނުގެ ދައުލަތެއް ރަސްމީކޮށް ބަލައިގަތުމަށް ހުށައަޅަން އިނގިރޭސިވިލާތުން ތައްޔާރުވެފައިވާ ކަމަށް އެ ގައުމުގެ ފޮރިން ސެކްރެޓަރީ ޑޭވިޑް ކެމެރަން ވިދާޅުވެއްޖެ އެވެ.

ކެމެރަން ވިދާޅުވީ މެދު އިރުމަތީގައި ސުލްހަ ގާއިމު ކުރުމަށް ހިތްވަރު ދިނުމަށް ފަލަސްތީނުގެ ރައްޔިތުންނަށް ސިޔާސީ ކުރިމަގެއް ދޭން ޖެހޭ ކަމަށެވެ.

ކެމެރަން މިހާރު އުޅުއްވަނީ މިދިޔަ ނޮވެމްބަރު މަހު އިނގިރޭސި ފޮރިން ސެކްރެޓަރީގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު މެދު އިރުމައްޗަށް ކުރައްވާ ހަތަރުވަނަ ދަތުރުފުޅުގަ އެވެ.

އިޒްރޭލާއި ފަލަސްތީނު ދެ ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށްޓަކައި "ބަދަލުނުކުރެވޭ ކުރިއެރުންތަކެއް" ފަލަސްތީނުގެ ރައްޔިތުންނަށް ދައްކަން ޖެހޭ ކަމަށް ކެމެރަން ވިދާޅުވި އެވެ.

"އެހެން ވެއްޖެ ކަމުގައިވާ ނަމަ، އަހަރެމެން - އެކުވެރި ގައުމުތަކާ އެކު - ފަލަސްތީނުގެ ދައުލަތެއް ބަލައިގަތުމުގެ މައްސަލައަށް ބަލާނަން. އެއީ އދ. ގެ ތެރެއިން ވެސް،" ކޮންޒާވެޓިވް މިޑްލް އީސްޓް ކައުންސިލްއާ މުހާތަބުކުރައްވަމުން ކެމެރަން ވިދާޅުވި އެވެ.

"މި މަރުހަލާ ބަދަލު ނުކުރެވޭނެ ގޮތަކަށް ހެދުމަށް އެހީތެރިވެދޭނެ އެއް ކަމެއް އެއީ."

ގާޒާއަށް އިތުރު އިިންސާނީ އެހީ ވެއްދުމަށް އިޒްރޭލުން ހުއްދަ ދިނުމަށް ކެމެރަން ވަނީ ބާރުއަޅުއްވާފައި.

ކެމެރަން ވަނީ ގާޒާއަށް އިތުރު އިންސާނީ އެހީ ވެއްދުމަށް ހުއްދަ ދިނުމަށް އިޒްރޭލަށް ގޮވާލައްވާފަ އެވެ. އަދި އިނގިރޭސިވިލާތާއި އެހެނިހެން ގައުމުތަކުން ދޭ އެހީތައް ގާޒާގެ ބޯޑަރާ ހަމަައަށް ގޮސް އަނބުރާ ފޮނުވާލަން ޖެހުމަކީ ހިޔާލަށް ގެންނަން އުނދަގޫ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ކެމެރަން އިތުރަށް ވިދާޅުވީ ފާއިތުވެދިޔަ 30 އަހަރު އިޒްރޭލުން އެ ގައުމުގެ ރައްޔިތުންނަށް ރަައްކާތެރިކަން ފޯރުކޮށް ދިނުމަށް ފޭލުވެފައިވާ ކަމަށާއި މި ފޭލުވުން ބަލައިނުގަނެ ސުލްހައެއް އަދި ކުރިއެރުމެއް ނުލިބޭނެ ކަމަށެވެ.

އިނގިރޭސި ހާރިޖީ ވަޒީރު ޑޭވިޑް ކެމެރަން އާއި އިޒްރޭލުގެ ރައީސް އިސާކް ހާޒޮގް ނޮވެމްބަރު 2023ގައި ބައްދަލު ކުރައްވަނީ.

އިޒްރޭލާއި ފަލަސްތީނު ވަކި ދެ ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އިނގިރޭސިވިލާތުން ތާއީދު ކުރާތާ ޒަމާންތަކެއް ވެއްޖެ އެވެ. 

ކެމެރަންގެ ވާހަކަފުޅުން، މަޝްވަރާގެ މަރުހަލާތަކުގައި، އިނގިރޭސިވިލާތުން ފަލަސްތީނުގެ ދައުލަތެއް ބަލައިގަންނަން ތައްޔާރަށް އޮތްކަން ހާމަވެގެން ދެ އެވެ. ކުރިން ނަމަ އިނގިރޭސިވިލާތުން ފަލަސްތީނުގެ ދައުލަތެއް ބަލައިގަންނާނެ ކަމަށް ގަބޫލު ކުރެވިފައި އޮތީ މި މައްސަލައަށް ހުށައެޅޭ ދާއިމީ ސުލްހައިގެ ޝަރުތުތަކާ އެކު އެވެ.

އަދި ހަމަ މިއާ އެކު ވީހާވެސް އަވަހަަކަށް "ރަނގަޅު ލީޑަރުންނާ" އެކު ފަލަސްތީނުގައި ސަރުކާރެއް ގާއިމު ކުރަން ޖެހޭކަން ވެސް ކެމެރަން ފާހަގަ ކުރެއްވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް