ހަމަލާތައް ބަދަލުކުރުން ހުއްޓާލާ ޑީލަކާ މެދު މަޝްވަރާކޮށް ރަހީނުން ދޫކޮށްލާނެ ގޮތާމެދު ވެސް މަޝްވަރާ ކުރެވުނު ކަމަށް ގަތަރުގެ ބޮޑުވަޒީރު ޝެއިހް މުހައްމަދު ބިން އަބްދުލްރަހްމާން ބިން ޖަސީމް އަލް ތާނީ ވިދާޅުވި.
ގާޒާ ޑީލުގެ މަޝްވަރާތަކަށް ރަނގަޅު ކުރިއެރުންތަކެއް ލިބިއްޖެ: ގަތަރުގެ ބޮޑުވަޒީރު
އިޒްރޭލު-ހަމާސް ހަނގުރާމައިގައި ހަމަލާތައް ބަދަލުކުރުން ހުއްޓާލާ ރަހީނުކޮށްފައި ތިބި މީހުން މިނިވަން ކުރާނެ ގޮތަކާ މެދު މަޝްވަރާކުރުމަށް ހުސްވި ހަފްތާ ބަންދުގައި އެމެެރިކާ، އިޒްރޭލު، އަދި މިސުރުގެ އޮފިޝަލުން ބޭއްވި ބައްދަލުވުންތަކުގައި "ރަނގަޅު ކުރިއެރުންތަކެއް" ލިބިފައިވާ ކަމަށް ގަތަރުގެ ބޮޑުވަޒީރު ވިދާޅުވެއްޖެ އެވެ.
އޮކްޓޯބަރު 7 ވަނަ ދުވަހު ހަނގުރާމަ ފެށުނު ފަހުން ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް ކުރިއަށް ގެންދާ މަޝްވަރާތަކުގައި ބައިވެރިވަމުން އަންނަ ތިން ގައުމުގެ ޖާސޫސީ އިދާރާތަކުގެ ވެރިން މި ހުސްވި ހަފްތާ ބަންދުގައި މަޝްވަރާތައް ބާއްވާފައި ވަނީ ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިސްގަ އެވެ.
މި މަޝްވަރާތަކުގައި ހަމާސް އިން ރަހީނުކޮށްފައި ތިބި އިޒްރޭލު މީހުންގެ ތެރެއިން އަންހެނުންނާއި ކުޑަކުދިން ފުރަތަމަ މިނިވަންކޮށް ދެން ތިބި މީހުން ހަރުފަތްތަކަކަށް ބަހާލައިގެން މިނިވަން ކުރުމަށާއި ގާޒާއަށް އިންސާނީ އެހީތެރިކަން ވެއްދުމާ މެދު މަޝްވަރާ ކުރެވުނު ކަމަށް ގަތަރުގެ ބޮޑުވަޒީރު ޝެއިން މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖަސީމް އަލް ތާނީ ވަނީ ހޯމަ ދުވަހު ކަށަވަރު ކޮށްދެއްވާފަ އެވެ.
"މި ޕްރޮޕޯސަލް ހަމާސް އަށް ހުށައަޅާ އެމީހުން މިއާ މެދު ރަނގަޅު ބިނާކުރަނިވި ގޮތަކަށް ވިސްނާނެ ކަމަށް އަހަރުމެން އުއްމީދު ކުރަން،" އެމެރިކާގެ ވޮޝިންޓަން ޑީސީގައި އެޓްލާންޓިކް ކައުންސިލް އިން ބޭއްވި އިވެންޓެއްގައި އަލް ތާނީ ވިދާޅުވި އެވެ.
މަޝްވަރާތައް ފެއްޓުމަށް ދާއިމީކޮށް ހަމަލާތައް ބަދަލުކުރުން ފުރަތަމަ ހުއްޓާލަން ޖެހޭ ކަމަށް ހަމާސް އިން ޑިމާންޑު ކުރި ކަމަށް ވެސް ގަތަރުގެ ބޮޑުވަޒީރު ވަނީ ފާހަގަ ކުރައްވާފަ އެވެ. ނަމަވެސް މުސްތަގުބަލުގައި ހަމަލާތައް ބަދަލުކުރުން ހުއްޓާލެވޭނެ ހިސާބަކަށް ދެވޭނެ ނަމަ އެ ގޮތަށް ކުރިއަށް ދިޔުމަށް މި ޝަރުތު ބަދަލުވެފައިވާ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
އަލް ތާނީ ވިދާޅުވިގޮތުގައި މީގެ ހަފްތާތަކެއް ކުރިން މަޝްވަރާތައް އޮތް ހިސާބާ އަޅާ ބަލާއިރު އެންމެ ފަހުން ބޭއްވުނު ވާހަކަތައް އޮތީ މާ ބޮޑަށް ވެސް ރަނގަޅު ހިސާބެއްގަ އެވެ.
ގަތަރާއި އެމެރިކާ އިސްވެ ހުރެ އިޒްރޭލާއި ހަމަށް އާ ދެމެދު ހެދުނު ފުރަތަމަ ޑީލުގެ ދަށުން ހަފްތާއަކަށް ހަމަލާތައް ބަދަލުކުރުން ހުއްޓާލާ އިޒްރޭލުގެ 100 އަށް ވުރެ ގިނަ ރަހީނުން މިނިވަންކޮށް، ފަލަސްތީނުގެ 200 އަށް ވުރެ ގިނަ މީހުން އިޒްރޭލު ޖަލުތަކުން މިނިވަންކޮށްފައިވެ އެވެ.
އިޒްރޭލު ސިފައިން ގާޒާއިން ފަައިބާ ފަލަސްތީނު މީހުން މިނިވަންކޮށް، ގާޒާގައި އޮތް ހަމާސްގެ ވެރިކަން ބަލައިގަންނަ ނަމަ ރަހީނުން ދޫކޮށްލާ ހަނގުރާމަ ހުއްޓާލުމަށް ހަމާސް އިން ހުށައެޅި ޕްރޮޕޯސަލް އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ މިދިޔަ ހަފްތާގައި ބޭރުކޮށްލައްވާފަ އެވެ.