އެފް-16 ޖެޓު ލަސްނުކޮށް ތުރުކީއަށް ވިއްކަން ހުއްދަ ދިނުމަށް ރައީސް ޖޯ ބައިޑަން ވަނީ ބާރު އަޅުއްވާފައި.

އެމެރިކާ

އެމެރިކާއިން ތުރުކީއަށް ފައިޓާ ޖެޓު ވިއްކަން ރުހުން ދީފި

އެމެރިކާ ސަރުކާރުން މިކަމަށް ރުހުން ދީފައި މިވަނީ ތުރުކީއިން ސްވީޑެން އަށް ނޭޓޯގެ މެމްބަރުކަން ދިނުމަށް ފާސްކުރުމާ އެކު

ތުރުކީއަށް އެފް-16 މަރުކާގެ 40 ފައިޓާ ޖެޓު 23 ބިލިއަން ޑޮލަރަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ނިންމައިފި އެވެ. 

ދިގުލައިގެން ގޮސްފައިވާ މި ހުއްދަ އެމެރިކާގެ ގާނޫނުހަދާ މަޖިލީހުން ދީފައި މިވަނީ ނޭޓޯގެ މެމްބަރުކަން ސްވީޑެންއަށް ދިނުމަށް ތުރުކީީގެ މަޖިލީހުން ފާސްކުރިތާ ހަފްތާއެއް ވެސް ނުވަނީ ހެވެ.

ތުރުކީގެ އިތުރުން ގްރީސްއަށް ވެސް އެފް-35 މަރުކާގެ 40 ފައިޓާ ޖެޓު 8.6 ބިލިއަން ޑޮލަރަށް ވިއްކަން ފާސްކޮށްފައިވާ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް އިން ވަނީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް އަންގާފަ އެވެ.

ފައިޓާ ޖެޓު ގަންނަން ބޭނުންވާކަން އަންގައި ތުރުކީއިން އެމެރިކާ ސަރުކާރުގައި އެކަމަށް ފުރަތަމަ އެދިފައި ވަނީ 2021 ވަނަ އަހަރު އެވެ. ނަމަވެސް މި ހުށައެޅުުމުގެ ހުއްދަ ލަސްވެގެން ގޮސްފައި ވަނީ ސްވީޑެން އިން ނޭޓޯއާ ގުޅުމަށް ހުށައެޅި ބިޑަށް ތުރުކީއިން ހުއްދަ ދޭން ބޭނުން ނުވުމުންނެވެ. 

ތުރުކީއިން ވަކިވެގަންނަން މަސައްކަތް ކުރާ ކުރުދީންނަށް ސްވީޑެން އިން ތާއީދު ކުރާ ކަމަށް އަންކާރާ އިން އޭރު ތުހުމަތުކޮށްފައި ވެ އެވެ. ނަމަވެސް ސްވީޑެން އާއި ތުރުކީއާ ދެމެދު ހުރި މައްސަލަތައް ހައްލުކޮށް ތުރުކީގެ ޕާލިމަންޓުން މި ހުސްވި ހަފްތާ ތެރޭގައި ވަނީ ސްވީޑެންގެ ނޭޓޯ ބިޑަށް ހުއްދަ ދީފަ އެވެ. އަދި ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުގާން ވަނީ އެ ބިލު ތަސްދީގު ކުރައްވާފަ އެވެ. 

އެމެރިކާއިން ތުރުކީއަށް ފައިޓާ ޖެޓު ވިއްކަން ރުހުން ދިނުމާ ގުޅޭ (ވީޑިއޯ/ފްރާންސް24 އިންގްލިޝް)

ރަޝިޔާ އިން ފެބްރުއަރީ 2022ގައި ޔޫކްރެއިނާ ދެކޮޅަށް ފެށި އުދުވާނާ ގުޅިގެން، ކަޅު ކަނޑުގެ ސަރަހައްދުގައި އޮންނަ ތުރުކީގެ މުހިންމުކަން ނޭޓޯއަށް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

"ތުރުކީއަށް އެފް-16 މަރުކާގެ ފައިޓާ ޖެޓުތައް ވިއްކުމަށް އަހަރެން ހުއްދަ ދިނީ އަންކާރާއިން ސްވީޑެންގެ ނޭޓޯ މެމްބަޝިޕްއަށް ހުއްދަ ދޭން ޝަރުތުކޮށްފައި،" އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ މުގައްރިރު ޑިމޮކްރެޓިކް ސެނެޓަރު ބެން ކާޑިން ވިދާޅުވި އެވެ. އެމެރިކާ ސަރުކާރުން ހަތިޔާރު ވިއްކުމަށް، ގާނޫނު ހަދާ މަޖިލީހުގެ ތަފާތު ހަތަރު ކޮމިޓީއެއްގެ ހުއްދަ ބޭނުންވެ އެވެ.

"އެކަމަކު އޮޅުވާ ނުލާތި: މިއީ އަހަރެން ފަސޭހަކަމާ އެކު ނިންމި ނިންމުމެއް ނޫން،" ކާޑިން ވިދާޅުވި އެވެ. ތުރުކީގެ އިންސާނީ ހައްގުތަކުގެ ރެކޯޑު އަންކާރާ އިން ރަނގަޅު ކުރަން ޖެހޭ ކަމަށާއި ޔޫކްރެއިނު ހަނގުރާމައިގައި ރަޝިޔާ ޒިންމާދާރު ކުރުވަން އިތުރު މަސައްކަތްތަކެއް ވެސް ކުރަން ޖެހޭ ކަމަށް ކާޑިން ވިދާޅުވި އެވެ.

ސްވީޑެންގެ ނޭޓޯ ބިޑަށް މިހާރު ހުއްދަ ނުދީ އޮތް ހަމައެކަނި ގައުމަކީ ހަންގޭރީ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް