ކޮލަމްބިއާގެ ހާރިޖީ ވަޒީރު އަލްވާރޯ ލެއިވާ. (ފޮޓޯ/ރޮއިޓާސް)

ކޮލޮމްބިއާ

ކޮލަމްބިއާގެ ފޮރިން މިނިސްޓަރު 3 މަހަށް ސަސްޕެންޑްކޮށްފި

25 ޖެނުއަރީ 2024

ކޮލަމްބިއާގެ ޕާސްޕޯޓް އުފެއްދުމަށް ބަޔަކު ހޯދުމަށް ހިންގި ބީލަމުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ބެލެވޭތީ، އެ ގައުމުގެ ހާރިޖީ ވަޒީރު އަލްވާރޯ ލެއިވާ ތިން މަސްދުވަހަށް މަގާމުން ސަސްޕެންޑްކުރަން އެ ގައުމުގެ އިންސްޕެކްޓަރު ޖެނެރަލް އިއްޔެ ނިންމަވައިފި އެވެ.

މިދިޔަ އަހަރު ލެއިވާ އެ ބީލަމުގެ މަރުހަލާ ބާތިލު ކަމަށް ކަނޑައެޅީ އެންމެ ކުންފުންޏަކުން ބީލަން ހުށަހެޅުމުން ކަމަށް ވިދާޅުވެ އެވެ. އޭރު ތޯމަސް ގްރެގް އެންޑް ސަންސް އިން ދިޔައީ ޕާސްޕޯޓްތައް އުފައްދަމުންނެވެ.

ޕާސްޕޯޓް އުފައްދަން ސަރުކާރުން ކުއްލި ފިޔަވަޅުތަކެއް އަޅައި ތޯމަސް ގްރެގް އެންޑް ސަންސްއަށް ޕާސްޕޯޓުތައް ޕްރިންޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ފުރުސަތު ދިން އިރު، ކަމާ ބެހޭ ފަރާތްތަކުން ދިޔައީ އާ ބީލަމަކަށް ހުޅުވާލަން ތައްޔާރުވަމުންނެވެ.

މިނިސްޓަރު ކުރެއްވި ކުށަކީ، އިންސްޕެކްޓަރު ޖެނެރަލް ވިދާޅުވި ގޮތުގައި، ބިޑް ކުރުމުގެ މަރުހަލާ ބާތިލު ކަމަށް ކަނޑައެޅި އިރު، ޕާސްޕޯޓް އުފެއްދުން ވެސް ކުރިއަށް ގެންދިއުމަށް ނިންމުމެވެ.

މިކަމާ ގުޅިގެން ކޮލަމްބިއާގެ ހާރިޖީ ވުޒާރާގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ރައީސް ގުސްޓާވޯ ޕެޓްރޯ ވިދާޅުވީ ސަސްޕެންޝަނަކީ އޭނާގެ ސަރުކާރު ހުއްޓުވުމުގެ ސްޓްރެޓެޖީއެއް ކަމަށެވެ.

ތޯމަސް ގްރެގް އެންޑް ސަންސް އިން މިދިޔަ އަހަރު ކޮލަމްބިއާގެ ސަރުކާރާ ދެކޮޅަށް ދައުވާކޮށްފައިވެ އެވެ. އެއީ ޕާސްޕޯޓުގެ ކޮންޓްރެކްޓަށް ބީލަން ހުށަހެޅުން މެދުކަނޑާލުމުން ގެއްލުމުގެ ބަދަލެއްގެ ގޮތުން 29.7 މިލިއަން ޑޮލަރު ހޯދުމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް