ތުރުކީގެ ގާނޫނު ހަދާ މަޖިލީސް.
ސްވީޑެން އަށް ނޭޓޯ މެމްބަރުކަން ދޭން ތުރުކީގެ މަޖިލީހުން ފާސްކޮށްފި
ސްވީޑެން އިން ނޭޓޯއާ ގުޅެން ހުށައަޅާފައިވާ ބިޑަށް ރުހުން ދިނުމަށް ތުރުކީގެ ގާނޫނު ހަދާ މަޖިލީހުން އިއްޔެ ފާސްކޮށްފި އެވެ.
ތުރުކީގެ މަޖިލީހުގައި ސްވީޑެންގެ ބިޑަށް ރުހުން ދިނުމަށް ފެންނަ ކަމަށް ވޯޓު ދިނީ 346 މެމްބަރުންގެ ތެރެއިން 287 މެމްބަރުންނެވެ. ނުފެންނަ ކަމަށް 55 މެމްބަރަކު ވޯޓު ދިން އިރު، އެއްވެސް ކޮޅަކަށް ވޯޓު ނުދީ ހަތަރު މެމްބަރަކު ތިއްބެވި އެވެ.
ތުރުކީގެ މަޖިލީހުގެ ފޮރިން އެފެއާސް ކޮމިޝަން އިން ސްވީޑެންގެ ބިޑަށް ހުއްދަ ދީ މަޖިލީހުގެ ތަޅުމަށް ފޮނުވީ މިދިޔަ މަހު އެވެ. އަދި މަޖިލީހުން މި ބިޑު ފާސްކުރުމާ އެކު ދެން އޮންނާނީ ރައީސް ރަޖަބް ތައްޔިބް އުރުދުގާން މި ބިލު ތަސްދީގުކުރެއްވުމެވެ.
ތުރުކީގެ ރުހުން ލިބުމާ އެކު ސްވީޑެންއަށް ނޭޓޯގެ މެމްބަރުކަން ލިބެން ދެން އޮތް ހަމައެކަނި ހުރަހަކީ ހަންގޭރީ އެވެ. ހަންގޭރީ އިން ސްވީޑެންއަށް ރުހުން ދީފައި ނުވާ އިރު އެކަމާ މަޝްވަރާ ކުރެއްވުމަށް ސްވީޑެންގެ ބޮޑުވަޒީރު އުލްފް ކްރިސްޓަސަން ހަންގޭރީއަށް ވަޑައިގަތުމަށް ހަންގޭރީގެ ބޮޑުވަޒީރު ވިކްޓޯ އޯބާން ވަނީ މިދިޔަ އަންގާރަ ދުވަހު ދައުވަތު ދެއްވައިފަ އެވެ.
ރަޝިޔާއިން ޔޫކްރެއިނާ ދެކޮޅަށް ފެބްރުއަރީ 2022ގައި އުދުވާނެއް ފެށުމާ ގުޅިގެން ރަޝިޔާގެ އަވަށްޓެރި ފިންލެންޑް އާއި ސްވީޑެންއިން ނެޓޯއާ ގުޅެން ހުށައެޅީ އޭގެ ތިން މަސް ދުވަސް ފަހުން މޭ މަހު އެވެ. އަދި އެޕްރީލް 2023ގައި ފިންލެންޑުން ވަނީ ނޭޓޯގެ މެމްބަރަކަށް ވެފަ އެވެ. ނަމަވެސް ސްވީޑެން ނޭޓޯގެ މެމްބަރަކަށް ވުމަށް ތުރުކީން ބޭނުމެއް ނުވި އެވެ.
ނޭޓޯގެ މެމްބަރަކަށް އާ ގައުމަކަށް ވެވޭނީ މެމްބަރު ހުރިހާ ގައުމެއް އެއްބަސްވެގެންނެވެ.
ސްވީޑެންގެ ބިޑަށް އެންމެ ބޮޑަށް ހުރަސްއެޅުއްވީ ރައީސް އުރުދުގާން އެވެ. ސްވީޑެންގައި ހަރަކާތްތެރި ވަމުން އަންނަ ތުރުކީއަށް ނިސްބަތްވާ އަސްކަރީ ގްރޫޕުތަކާ ގުޅުން އޮންނަ މީހުންނާ މެދު ހަރުކަށި ނޫން ކަމަށް އުރުދުގާން ތުހުމަތުކުރެއްވި އެވެ. އޭގެ ތެރޭގައި ކުރުދިސްތާން ވޯކާސް ޕާޓީ (ޕީކޭކޭ) ހިމެނެ އެވެ. ނަމަވެސް އެ ފަހުން ސްވީޑެންއިން ވަނީ ޓެރަރިޒަމްގެ ގާނޫނުތައް ވަރުގަދަކޮށް ސެކިއުރިޓީގެ ކަންކަމުގައި ތުރުކީއާ ގާތުން މަސައްކަތްކުރަން އެއްބަސްވެފަ އެވެ.
މީގެ އިތުރުން ސްވީޑެންގެ ނޭޓޯ ބިޑަށް ރުހުން ދީފި ނަމަ އެމެރިކާއިން ތުރުކީއަށް އެފް-16 މަރުކާގެ އަސްކަރީ ޖެޓުތައް ވިއްކާނެ ކަމަށް އުރުދުގާން އުއްމީދުކުރައްވަ އެވެ.
އަސްކަރީ ޖެޓުތައް ތުރުކީއަށް ވިއްކުމާ މެދު ވަކި ގޮތެއް ނިންމަން ފުރަތަމަ ސްވީޑެންއަށް ރުހުން ދިނުމަށް އެމެރިކާ ގާނޫނު ހަދާ މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ މުގައްރިރު ބެން ކާޑިން ވަނީ އިއްޔެ ވިދާޅުވެފަ އެވެ.