މަރުވި މީހެއްގެ ހަށިގަނޑު ކޮލޮމްބިއާ ފުލުހުން ގެންދަނީ.

ކޮލޮމްބިއާ

ބިންގަނޑު ކަނޑައިގެން ގޮސް ކޮލޮމްބިއާގައި ގިނަ މަރުތަކެއް

ބޯކޮށް ވާރޭވެހުމާ ގުޅިގެން އުތުރު އިރުމަތީ ކޮލޮމްބިއާގައި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާއެއް ހިނގާ މަދުވެގެން 33 މީހަކު މަރުވެފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

"މި ސަރަހައްދުތަކުން ލިބިފައިވާ އިބްތިދާއީ ރިޕޯޓުތަކުގައިވާ ގޮތުން ގިނަ ކުޑަކުދިންތަކެއް ހިމެނޭގޮތަށް މި ހާދިސާގައި 33 މީހަކު މަރުވެފައި ވާތީ ހިތާމަކުރަން،" ސޯޝަލް މީޑިއާ އެކްސް ޕްލެޓްފޯމްގައި ކޮލޮމްބިއާގެ ނާއިބު ރައީސް ފްރަންސިއާ މާކޭޒް ލިޔުއްވާފައިވެ އެވެ.

"ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތްތައް މިހާރު ވެސް މިދަނީ ކުރަމުން،" އޭނާ ވިދާޅުވެފައިވެ އެވެ.

ހުކުރު ދުވަހުގެ މެންދުރު ފަހު ކިސަޑުފޭބުމުގެ މި ހާދިސާ ހިނގުމާ އެކު ޕެސިފިކް ޕްރޮވިންސުގައި އޮންނަ ޗޯކޯގެ ކީބްޑޯ އާއި މެޑެލިން ސިޓީ ގުޅުވާލަދޭ މަގު ވަނީ ބަންދުވެފަ އެވެ. 

އަދި ބާރު ބޮޑު މަގެއްގައި ދަތުރު ކުރަމުން ދިޔަ ގިނަ ބަޔަކަށް އަނިޔާވެ ކިސަޑު ތެރޭ ތާށިވި ބައެއް ކާރުތަކުގެ ފަސިންޖަރުން ވަނީ ގެއްލިފަ އެވެ. މި މަގުގައި ތާށިވި މީހުން ސަލާމަތްކޮށް މަރުވި މީހުންގެ ހަށިތައް ނެގުމަށް ކޮލޮމްބިއާ ފުލުހުންގެ ހާއްސަ ޓީމަކުން ވަނީ ހޮނިހިރު ދުވަހު މަސައްކަތް ފަށާފަ އެވެ.

ހޮނިހިރު ދުވަހުގެ އިރާކޮޅާ ހަމައަށް މަރުވެފައިވާ 17 މީހެއްގެ ހަށިގަނޑު މެޑެލިން ސިޓީއަށް ގެންދެވިފައިވާ ކަމަށާއި މީގެ ތެރެއިން ތިން މީހެއް ދެނެގަނެވިފައިވާ ކަމަށް އެ ސިޓީގެ އިދާރާތަކުން ވަނީ އޭއެފްޕީ ނޫހަށް މައުލޫމާތު ދީފަ އެވެ.

ގިނަ މަގުތަކެއް ބަންދުވުމާ ގުޅިގެން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރާ ފަރާތްތަކުން މި ހާދިސާގައި އެންމެ ބޮޑަށް ގެއްލުންވި ސަރަހައްދުތަކަށް ދިޔުމަށް ހުރަސްތަކަކާ ކުރިމަތިވެފައިވެ އެވެ.

"ރެއިން ސުރެއް މި އަންނަނީ އިމަޖެންސީ އަދި އެހީދޭ ޖަމިއްޔާތަކާ އެކު ކީބްޑޯ-މެޑެލިން މަގުގައި މަސައްކަތް ކުރަމުން،" ފުލުހުން ބުނެފައިވެ އެވެ. "އަސަރުކޮށްފައިވާ ހުރިހާ ފަރާތްތަކަކަށް އެހީވުމަށް އަހަރުމެން ހުރިހާ ކަމެއް ކުރަމުން މިދަނީ."

"މި ތިހާމަވެރި ހާދިސާއާ ގުޅިގެން ވެދެވެން ހުރި ހުރިހާ އެހީއެއް ޗޯކޯއަށް ދަނީ ފޮނުވެމުން،" ސޯޝަލް މީޑިއާގައި ކޮލޮމްބިއާގެ ރައީސް ގުސްތާވޯ ޕެތުރޯ އާދިއްތަ ދުވަހު ވިދާޅުވެފައިވެ އެވެ.

ކޮލޮމްބިއާގައި ހިނގި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާއާ ގުޅޭ (ވީޑިއޯ/ގްލޯބަލް ނިއުސް)

ޕެސިފިކް ކަނޑުގެ އައްސޭރިފަށުގައި ބޮޑު ޖަންގައްޔަކާ އެކު އޮންނަ ކޮލޮމްބިއާގެ ޗޯކޯގައި ކިސަޑު ފޭބުމުގެ ހާދިސާ ހިނގާފައި ވަނީ 24 ގަޑީރު ވަންދެން ބޯކޮށް ވާރޭ ވެހިފައި ވަނިކޮށެވެ.

މި ސަރަހައްދުގައި 2022ގެ ޑިސެމްބަރު މަހު ހިނގި މިފަދަ އެހެން ހާދިސާއެއްގައި މަދުވެގެން 27 މީހަކު މަރުވެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް