ހަމާސްގެ ލީޑަރު އިސްމާއިލް ހާނިޔޭ.

ހަމަލާތައް ބަދަލުކުރުން ހުއްޓާލުމުގެ މަޝްވަރާތަކަށް ހަމާސްގެ ވެރިޔާ މިސުރަށް

ހަމާސް އިން ރަހީނުކޮށްފައި ތިބި މީހުން މިނިވަން ކުރުމަށް އިޒްރޭލަށް އޮތް ޕްރެޝަރު ވަނީ ވަރަށް ބޮޑުވެފައި
21 ޑިސެމްބަރު 2023

ގާޒާގައި ބަދަލުކުރަމުން އަންނަ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކާ މެދު މަޝްވަރާ ކުރެއްވުމަށް ހަމާސްގެ ސިޔާސީ ބިއުރޯގެ ވެރިޔާ މިސުރަށް ވަޑައިގަންނަވައިފި އެވެ.

މަޝްވަރާތަކުގައި މެދުވެރިއެއްގެ ރޯލު އަދާކުރަމުން އަންނަ މިސުރުގެ ޖާސޫސީ އިދާރާގެ ވެރިޔާ އާއި މިސުރުގެ އިތުރު އޮފިޝަލުންނާ ބައްދަލު ކުރެއްވުމަށް ހަމާސްގެ ލީޑަރު އިސްމާއިލް ހާނިޔޭ މިސުރަށް ވަޑައިގެންފައި ވަނީ ބުދަ ދުވަހު އެވެ.

އަނެއްކޮޅުން ބަލާއިރު އެމެރިކާ އާއި ގަތަރާ އެކު އިޒްރޭލުން ކުރިއަށް ގެންދަމުން އަންނަ މަޝްވަރާތަކުގައި ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް ޝައުގުވެރިކަން އޮތް ކަމަށް އިޒްރޭލުގެ އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ.

މަޝްވަރާތަކުގައި ގާޒާގައި އިޒްރޭލުން ދައްކަމުން އަންނަ "ހަރުކަށިކަން ހުއްޓާލުމަށް" ހާނިޔޭ ވިސްނަވާކަމަށް އޭއެފްޕީ ނޫހަށް މައުލޫމާތު ދެއްވި ހަމާސްގެ އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ. ދިހަ ހަފްތާއަށް ވުރެ ދިގުލައިގެން ގޮސްފައިވާ ހަނގުރާމައިގައި 20،000 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާއިރު މި ހަނގުރާމަ ހުއްޓާލުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަނީ އިޒްރޭލަށާއި ފަލަސްތީނަށް ޕްރެޝަރު ކުރަމުން ނެވެ.

މި ހަނގުރާމައިގައި މިހާތަނަށް 7،729 ކުޑަކުދިން މަރުވެފައި ވާއިރު، ގާޒާގެ އާބާދީގެ 1.9 މިލިއަން މީހުން ވަނީ ގެދޮރުން ނުކުތުމަށް މަޖުބޫރުވެ ފެނާއި ކާބޯތަކެއްޗާއި ސިއްހީ ފަރުވާއަށް ޖެހިފަ އެވެ.

ހަނގުރާމައިގައި ހަމަލާތައް ބަދަލުކުރުން ހުއްޓާލެވުނު ފުރަތަމަ ބުރުގައި ނޮވެމްބަރު 24 އިން ޑިސެމްބަރު 1 އަށް ގާޒާއަށް ކޮންމެހެން ބޭނުންޖެހިފައި ހުރި މުހިންމު އެހީގެ ސާމާނުތަކެއް ވަނީ ވެއްދިފަ އެވެ. އަދި އެ ބުރުގައި އިޒްރޭލުން ފަލަސްތީނުގެ 240 މީހުން މިނިވަންކޮށް، ހަމާސް އިން އިޒްރޭލުގެ 100 ރަހީނުން މިނިވަންކޮށްފައިވެ އެވެ.

އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި އިޒްރޭލުގެ 240 މީހުން ހަމާސް އިން ރަހީނު ކުރި އެވެ.

ހަމަލާތައް ބަދަލުކުރުން އަލުން ހުއްޓާލުމަށް ކުރިއަށްދާ މަޝްވަރާތަކުގައި ފަލަސްތީނުގެ އަސީރުން މިފަހަރު ވެސް މިނިވަން ކުރުމަށް މަޝްވަރާ ކުރެވިގެންދާނެ ކަމަށް ހަމާސްގެ އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ.

ހަމާސްގެ ލީޑަރު ހާނިޔޭ މިސުރަށް މަޝްވަރާތަކަށް ވަޑައިގެންފައި މިވަނީ ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެދާނެ ކަމުގެ އިޝާރާތެއް އިޒްރޭލުން ދީފައި ވަނިކޮށެވެ. ހަމާސް އިން ރަހީނުކޮށްފައި ތިބި އިޒްރޭލުގެ 129 މީހަކު މިނިވަންކުރުމަށް އިޒްރޭލުގެ ސަރުކާރަށް އޮތް ޕްރެޝަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.  

އިތުރު އާޓިކަލް

އިތުރު އާޓިކަލް