ޑެންމާކް އާއި އަވަށްޓެރި ސްވީޑެންގައި ގުރުއާން އެންދުމާ ގުޅިގެން އެ ދެ ގައުމާއި މުސްލިމު ގިނަ ގައުމުތަކެއްގައި ގިނަ މުޒާހަރާތަކެއް ވަނީ ބާއްވާފައި

ޑެންމާކް

ޑެންމާކުގައި ގުރުއާން އެންދުން މަނާކުރާ ގާނޫނެއް ފާސްކޮށްފި

ސްވީޑެން އިން ވެސް އަންނަނީ މިފަދަ ގާނޫނެއް ފާސްކުރުމަށް ވިސްނަމުން

ދީނީ ފޮތްތަކަށް އިހްތިރާމް ކުޑަވާ އަމަލުތައް މަނާކުރާ ބިލެއް ޑެންމާކްގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި އެވެ.

ޑެންމާކުގައި "ގުރުއާނާ ބެހޭ ގާނޫނުގެ" ގޮތުގައި މަޝްހޫރުވެފައިވާ މި ގާނޫނުގެ ދަށުން، ކުށްކުރާ މީހުންނަށް ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް ނުވަތަ ޖޫރިމަނާއެއްގެ އަދަބު ކަނޑައެޅޭނެ އެވެ.

ޑެންމާކުގައި މިފަދަ ބިލެއް ފާސްކޮށްފައި މިވަނީ އެ ގައުމާއި އަވަށްޓެރި ސްވީޑެންގައި ގުރުއާން އެންދުމުގެ އަމަލުތަކެއް ތަކުރާރުކޮށް ހިންގައި ގިނަ މުޒާހަރާތަކެއް ބާއްވާފައި ވަނިކޮށެވެ.

ޑެންމާކުގެ ގާނޫނު ހަދާ މަޖިލީހުގެ 94 މެމްބަރަކު ވަނީ މި ބިލް ފާސްކުރުމަށް ވޯޓުދީފަ އެވެ. ބިލާ ދެކޮޅަށް 77 ވޯޓު ލިބިފައިވެ އެވެ.

ބިލު ފާސްކުރުމަށް އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި ގިނަ މެމްބަރުންތަކެއް ވަނީ މި ބިލާ ދެކޮޅަށް ވާހަކަ ދައްކަވާފަ އެވެ.

"ތާރީހުގައި އަހަރެމެން ލިޔެވިގެން ދާނީ ހަރުކަށި ގޮތަކަށް. އަދި އެކަމަށް ރަނގަޅު ސަބަބެއް ވެސް އެބަ އޮތް. ވިސްނަންވީ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސް އަޅަން މި އުޅެނީ އަހަރެމެންތޯ ނުވަތަ ބޭރުގެ ނުފޫޒުންތޯ،" ޑެންމާކް ޑިމޮކްރެޓްސްގެ ލީޑަރު އިންގާ ސްޓޯޖްބާގް ވިދާޅުވި ކަމަށް ރޮއިޓާސް އިން ރިޕޯޓުކޮށްފައި ވެ އެވެ.

ނަމަވެސް ބޮޑުވަޒީރު މެއްޓެ ފްރެޑެރިކްސަންގެ ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވަކާލާތު ކުރެއްވިގޮތުގައި މި ބިލާ އެކު ވެސް ދީނަށް ފާޑުކިޔުމަށް އަދިވެސް އެއްވެސް ހުރަހެއް ނެތެވެ. އަދި މި ބިލުގެ ސަބަބުން ކުރާ އަސަރު ވަރަށް ކުޑަވާނެ ކަމަށް އެ މެމްބަރުން ފާހަގަކުރެއްވި އެވެ.

ޑެންމާކުގެ ސަރުކާރުން މި ބިލު މަޖިލީހަށް ހުށައެޅުމަށް ތައްޔާރުވަމުން ދިޔައިރު މަދު ހަފްތާތަކެއްގެ ތެރޭގައި 170 މުޒާހަރާއެއް އެ ގައުމުގައި ބޭއްވި އެވެ. މި ބިލުން ދުނިޔެއަށް ސިގްނަލެއް ފޮނުވުމަށް ބޭނުންވާ ކަމަށް ޑެންމާކު ސަރުކާރުން އޯގަސްޓު މަހު ބުނެފައިވެ އެވެ.

އެ ގައުމުގެ ޖާސޫސީ އިދާރާތަކުން ވަނީ ޓެރަރިސްޓު ހަމަލާތަކުގެ ބިރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އޭރު އިންޒާރު ދީފަ އެވެ.

އަވަށްޓެރި ސްވީޑެންގައި ވެސް ގުރުއާން އެންދުމުގެ ހަރުކަށި އަމަލުތަކެއް ހިންގުމުގެ ސަބަބުން އެ ގައުމުގެ ހަމަޖެހުމަށް ވަނީ ވަރަށް ބޮޑަށް ބުރޫއަރާފަ އެވެ. އަދި އިރާގުގައި ހުންނަ ސްވީޑެންގެ އެމްބަސީ ދޮށުގައި މިދިޔަ ޖުލައި މަހު މުޒާހަރާ ކުރި އިރު އެ ތަނުގައި ވަނީ ހުޅުޖަހާފަ އެވެ.

ޑެންމާކުގެ މަޖިލީހުން ފާސްކުރި ފަދަ ބިލެއް ތައާރަފް ކުރުމަށް ސްވީޑެންގެ ސަރުކާރުން ވެސް އަންނަނީ ވިސްނަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް