ނެދަލޭންޑްސް އިން ވަގަށް ގެންދިޔަ ލަންކާގެ އާސާރީ ތަކެތި އަނބުރާ ލަންކާއަށް ގެންގޮސްފައި

ސްރީ ލަންކާ

ނެދަލޭންޑްސް އިން ލޫޓުވި ލަންކާގެ އާސާރީ ތަކެތި 200 އަހަރު ފަހުން ރައްދުކޮށްފި

ނެދަލޭންޑްސް އިން ވަނީ އިންޑޮނޭޝިއާ އާއި ސްރީ ލަންކާއިން ފޭރިގަތް އިސްތިއުމާރީ 478 އެއްޗެއް އަނބުރާ އެ ދެ ގައުމަށް ފޮނުވާލަން ނިންމާފައި
6 ޑިސެމްބަރު 2023

މީގެ 200 އަހަރު ކުރިން 1756 ވަނަ އަހަރު ނެދަލޭންޑްސް އިން ސްރީ ލަންކާ އަޅުވެތިކޮށްގެން އުޅުނު ދުވަސްވަރު، ރަސްގެފާނު ކިރްތީ ސްރީ ރާޖަސިންހަގެ ކެންޑީ ގަނޑުވަރުން ނެގި ހަ އާސާރީ ތަކެތި ސްރީ ލަންކާއަށް މިދިޔަ ހަފުތާގައި އަނބުރާ ރައްދުކޮށްފި އެވެ.

އެ ތަކެތީގެ ތެރޭގައި ރަނާއި ރިހި އަދި ޖަވާހިރުން ޒީނަތްތެރިކޮށްފައިވާ ލިއުކޭ ޑިސެވްގެ ޝާހީ ނޫ ކުލައިގެ ބަޑި ހިމެނެ އެވެ. މި ތަކެތި ވަނީ ރިޒްކްސް މިއުޒިއަމް އެމްސްޓަޑަމްގައި ދައްކާލައިފަ އެވެ.

ނެދަލޭންޑްސް އިން ވަގަށް ގެންދިޔަ ލަންކާގެ އާސާރީ ތަކެތި

އެ ތަކެތި ފްރެންކްފާޓުން ސްރީ ލަންކާއަށް ގެންދިޔައީ އެ ގައުމުގެ ގައުމީ އެއާލައިން، ސްރީލަންކަންގެ ފްލައިޓެއްގަ އެވެ. އެ އާސާރީ ތަކެއްޗާ ހަވާލުވުމަށް ނެދަލެންޑްސްގެ ސަފީރު ބޮނީ ހޯރްބަޗްއާ އެކު ލަންކާގެ ކަލްޗަރަލް އެފެއާޒް މިނިސްޓަރު ވިދުރާ ވިކްރަމަނަޔަކަ އާއި ގައުމީ ދާރުލްއާސާރުތަކުގެ ޑިރެކްޓަރު ޖެނެރަލް ސަނޫޖާ ކަސްތޫރިއާރަޗީގެ އިތުރުން ދައުލަތުގެ ބައެއް އޮފިޝަލުން އެއާޕޯޓުގައި ތިއްބެވެ.

އެ ތަކެތި ވަރުގަދަ ސެކިއުރިޓީއަކާ އެކު ކޮލަމްބޯ ނޭޝަނަލް މިއުޒިއަމަށް ވަނީ ގެންގޮސްފަ އެވެ. ލަންކާގެ ޓްރޮޕިކަލް މޫސުމަށް ހޭނެންދެން އެ ތަކެތި ރައްކާކުރަން ޖެހެނީ އެއާކޮންޑިޝަން ސްޓޯރޭޖްތަކުގަ އެވެ.

ނެދަލޭންޑްސްގެ ފަރާތުން އެ ތަކެތި ހަވާލު ކުރުމަށް މިޝަންގައި އިސްކޮށް ހުންނެވީ ނެދަލޭންޑްސްގެ ސަފީރު ފޯ އިންޓަނޭޝަނަލް ކަލްޗަރަލް ކޯޕަރޭޝަން ޑެވީ ވެން ޑި ވީއާޑް އެވެ. 

ނެދަލޭންޑްސްގެ ސްޓޭޓް ސެކްރެޓަރީ ގުނޭ އުސްލޫ މިދިޔަ އޮގަސްޓް މަހު ލަންކާއަށް ކުރެއްވި ޒިޔާރަތެއްގައި ވަނީ ނެދަލޭންޑްސް އިން ވަގަށް ނެގި ލަންކާގެ އާސާރީ ތަކެތީގެ މިލްކުވެރިކަން ބަދަލުކުރުމަށް ރަސްމީކޮށް ސޮއިކުރައްވައިފަ އެވެ.

މި ތަކެތި ދެ ދުވަސް ވަންދެން ކޮލޮމްބޯގެ ގައުމީ ދާރުލްއާސާރުގައި ދައްކާލަން ވަނީ ބަހައްޓާފަ އެވެ.

ލަންކާގައި ހުންނަ ނެދަލޭންޑްސްގެ އެމްބަސީން ބުނީ ނެދަލޭންޑްސް އާއި ލަންކާއާ ދެމެދު އޮތް ސަގާފީ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުން ސަފީރު ވެން ޑި ވީއާޑް މަޝްވަރާ ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ނެދަލޭންޑްސް އިން މީގެ ކުރިން ވަނީ އިންޑޮނޭޝިއާ އާއި ސްރީ ލަންކާއިން ފޭރިގަތް އިސްތިއުމާރީ 478 އާސާރީ ތަކެތި އަނބުރާ އެ ދެ ގައުމަށް ފޮނުވާލަން ނިންމާފައިވާ ކަމަށް ބުނެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް