ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް.

ސްޕެއިން

ބައިނަލްއަގްވާމީ ގާނޫނުތަކަށް އިޒްރޭލުން ތަބާވާކަމާ މެދު 'ސީރިއަސްކޮށް ޝައްކު': ސްޕެއިންގެ ބޮޑުވަޒީރު

ސްޕެއިން އިން އަންނަނީ ތަކުރާރުކޮށް އިޒްރޭލުގެ އަމަލުތައް ކުށްވެރިކުރަމުން

އިޒްރޭލުން ގާޒާގައި ހިންގަމުންދާ އޮޕަރޭޝަނުގައި މަރުވެފައިވާ އާންމުންގެ އަދަދު ގިނަކަމުން ބައިނަލްއަގްވާމީ ގާނޫނުތަކަށް އިޒްރޭލުން ތަބާވާކަމާ މެދު "ސީރިއަސްކޮށް ޝައްކު" ކުރައްވާ ކަމަށް ސްޕެއިންގެ ބޮޑުވަޒީރު ވިދާޅުވެއްޖެ އެވެ.

"އަހަރެމެންނަށް ފެންނަމުންދާ ފުޓޭޖުތަކާއި އިތުރުވަމުންދާ ކުޑަކުދިންގެ މަރުތަކުގެ ސަބަބުން، ބައިނަލްއަގްވާމީ އިންސާނީ ގާނޫނުތަކަށް އިޒްރޭލުން ތަބާވަމުންދާ ކަމާ މެދު އަހަރެންގެ ސީރިއަސް ޝައްކުތަކެއް އެބަހުރި،" ސްޕެއިން ސަރުކާރުގެ ޓީވީއީ ބްރޯޑްކާސްޓަރަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި ޕެޑްރޯ ސަންޗޭޒް ވިދާޅުވި އެވެ. "އަހަރެމެންނަށް ގާޒާ އިން ފެންނަމުންދާ ކަންތައްތައް ބަލައެއްނުގަނެވޭނެ."

އެ ވާހަކައާ ގުޅިގެން އިޒްރޭލުން ވަނީ ނުރުހުން ފާޅުކޮށް ސަންޗޭޒް ދެއްވާފައި ވަނީ "ލަދުވެތި ބަޔާނެއް" ކަމަށް ބުނެފަ އެވެ. އަދި އިޒްރޭލުގައި ހުންނަވާ ސްޕެއިންގެ ސަފީރު ހާޒިރުކޮށް މިކަން ކުށްވެރިކޮށް، މެޑްރިޑްގައި ހުންނަ އިޒްރޭލުގެ ސަފީރު އެނބުރި ގައުމަށް މަޝްވަރާތަކަށް ގެނައުމަށް އިޒްރޭލު ސަރުކާރުން ވަނީ ނިންމާފަ އެވެ.

"އިޒްރޭލުން އަމަލު ކުރަމުން ދަނީ އަދި އަމަލު ކުރަމުން ދާނީ ބައިނަލްއަގްވާމީ ގާނޫނުތަކާ އެއްގޮތަށް،" އިޒްރޭލުގެ ހާރިޖީ ވަޒީރު އެލީ ކޮއެން އެކްސްގައި ލިޔުއްވާފައިވެ އެވެ.

އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 15،000 އެއްހާ ފަލަސްތީނު ރައްޔިތުން މަރުވެ، ގާޒާގެ 2.3 މިލިއަން އާބާދީގެ ތިންބައިކުޅަ ދެބައި މީހުންނަށް ވަނީ ގެދޮރު ދޫކޮށް ދިޔުމަށް މަޖުބޫރުވެފަ އެވެ.

ގާޒާގައި އެއްވެސް ހަމައެއްލަމައެއް ނެތި ކުށެއް ނެތް އާންމުން މަރަމުންދާ ކަމަށާއި، މީގެ ތެރޭގައި އެތަކެއް ހާސް ފިރިހެންކުދިންނާއި އަންހެންކުދިން ހިމެނޭ ކަމަށް ވިދާޅުވެ ސަންޗޭޒް ވަނީ މިދިޔަ ހަފްތާގައި އިޒްރޭލު ކުށްވެރި ކުރައްވާފަ އެވެ.

"ހަމަނުޖެހުންތަކުގެ ސަބަބުން އިތުރު ހަމަނުޖެހުންތަކެއް ހިނގާނީ،" މިސުރާއި ރަފަހުގެ ބޯޑަރަށް މިިދިޔަ ހަފްތާގައި ކުރެއްވި ދަތުރުފުޅެއްގައި ސަންޗޭޒް ވިދާޅުވެފައިވެ އެވެ. ހަމަލާތައް ބަދަލުކުރުން ދާއިމީގޮތުން ހުއްޓާލުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.

ސްޕެއިން އިން ދައްކަމުން އަންނަ ވާހަކަތަކާ ގުޅިގެން އިޒްރޭލް ދޮންބޮޑުވެފައި ވާއިރު، ސްޕެއިންގެ ވާހަކަތަކާ ގުޅިގެން، ފަލަސްތީނަށް މިނިވަން ދައުލަތެއް ގާއިމު ކުރުމުގެ މަޝްވަރާތަކަށް ޔޫރަޕުގައި ހިތްވަރު ވަނީ ލިބިގެން ގޮސްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް