
ހަމާސް އިން ރަހީނުކޮށްފައިވާ ފަރާތްތައް ދޫކޮށްލުމާ ގޮވާލާ ބޭއްވުނު އެއްވުމެއް.
ރަހީނުން ދޫކޮށްލުމަށް މިހާރު ހުރީ މަދު ހުރަސްތަކެއް: ގަތަރުގެ ބޮޑުވަޒީރު
ހަމާސް އިން ރަހީނުކޮށްފައި ތިބިި އިޒްރޭލުގެ 200 އަށް ވުރެ ގިނަ މީހުންގެ ތެރެއިން ބައެއް މީހުން ދޫކޮށްލުމާ މެދު އެއްބަސްވުމަކަށް އައުމަށް މިހާރު ހުރީ "މަދު" ހުރަސްތަކެއް ކަމަށް ގަތަރުގެ ބޮޑުވަޒީރު ޝެއިހް މުހައްމަދު ބިން އަބްދުލްރަހްމާން އަލް ތާނީ ވިދާޅުވެއްޖެ އެވެ.
ގަތަރުގެ ހާރިޖީ ވަޒީރުކަން ވެސް ކުރިން ކުރައްވާފައިވާ ޝެއިހް މުހައްމަދު މި އެއްބަސްވުމުގެ މަޝްވަރާތަކާ ބެހޭ ގޮތުން މާ ބޮޑު ތަފްސީލެއް ނުދެއްވަ އެވެ.
"މި މަޝްވަރާތަކުގައި މިހާރު ހުރި ހުރަސްތައް ބޮޑެތި ގޮންޖެހުންތަކަށް ވުރެ ވަރަށް ވެސް ކުޑަ. އޭގައި މިހާރު އޮތީ ލޮޖިސްޓިކަލް ހުރަސްތައް، އަމަލީ ކަންކަން،" ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ހާރިޖީ ގުޅުންތަކާ ބެހޭ ވެރިޔާ ޖޯސެޕް ބޮރެލްއާ އެކު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝެއިހް މުހައްމަދު ވިދާޅުވި އެވެ.
ހަމާސް އިން ރަހީނުކޮށްފައި ތިބި އިޒްރޭލާއި ބޭރު ގައުމުތަކުގެ މީހުން ދޫކޮށްލުމުގެ މަޝްވަރާތަކުގައި ގަތަރުން އަންނަނީ މެދުވެރިއެއްގެ ރޯލު އަދާކުރަމުން ނެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އީޔޫގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ބޮރެލް ވަނީ އެއްވެސް "ޝަރުތަކެއް ނެތި" ރަހީނުން ދޫކޮށްލުމަށް ގޮވާލައްވާ، ހަމާސް އިން 7 އޮކްޓޯބަރު ވަނަ ދުވަހު ދިން ހަމަލާތައް ކުށްވެރި ކުރައްވައިފަ އެވެ.
"ނާންމާންކަމާއި ބިރުވެރި ކަމުގައި ހަރުފަތްތަކެއް ނުހުރޭ. އެއް ބިރުވެރިކަމާ ހެދި އަނެއް ބިރުވެރިކަމެއް ހިނގާކަށެއް ނުޖެހޭ،" މިހާރު ހިނގަމުން އަންނަ ހަމަނުޖެހުންތައް ހުއްޓާލުމަށް ގޮވާލައްވައި، ދެމެހެއްޓެނިވި ސުލްހަމަސަލަސްކަމެއް މެދުއިރުމަތީގައި ގާއިމު ކުރުމަށް ބާރުއަޅުއްވައި ބޮރެލް ވިދާޅުވި އެވެ.
ގާޒާއަށް ބޭނުން ޖެހިފައިވާ އިމަޖެންސީ އެހީތެރިކަން ވެއްދުމަށް ތިން ދުވަހުގެ މުއްދަތަކަށް ހަމަލާތައް ބަދަލުކުރުން ހުއްޓާލައި 50 ރަހީނުން ދޫކޮށްލުމާ ބެހޭ ޑީލެއް ހެދުމުގެ މަޝްވަރާތައް ގަތަރުން ކުރިއަށް ގެންދަމުން އަންނަ ކަމަށް ރޮއިޓާސް ނޫހުން ވަނީ 15 ނޮވެމްބަރުގައި ރިޕޯޓުކޮށްފަ އެވެ.
މި ޑީލުގެ މައިގަނޑު ނުކުތާތަކަށް ހުރިހާ ޕާޓީތަކަކުން އެއްބަސްވެެވިފައިވީ ނަމަވެސް، އިޒްރޭލުން މި ޑީލުގެ ތަފްސީލުތަކާ މެދު މަޝްވަރާ ކުރަމުން އަންނަކަމަށް އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް އިން އޭރު ރިޕޯޓުކޮށްފައިވެ އެވެ.
ރަހީނުކޮށްފައި ތިބި އަންހެނުންނާއި ކުޑަކުދިން ދޫކޮށްލުމަށް އެއްބަސްވާ ގޮތުގައި މަތިން ހަމަލާތައް ދިނުން ހުއްޓާލުމަށް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް އެމެރިކާގެ ވޮޝިންޓަން ޕޯސްޓު ނޫހުން ވެސް ވަނީ ހޮނިހިރު ދުވަހު ރިޕޯޓުކޮށްފަ އެވެ.
ނަމަވެސް މި ރިޕޯޓުތައް ދޮގުކޮށް މަޝްވަރާތައް އަދި ވެސް ކުރިއަށް ދާކަމަށް ވައިޓް ހައުސް އިން ފަހުން ވަނީ ބުނެފަ އެވެ.
"ރަހީނުކޮށްފައި ތިބި މީހުން ސަލާމަތުން އެނބުރި ގެޔަށް ފޮނުވުމަށް ޑީލެއް ގާއިމު ކުރުމާ ވަރަށް ގާތަށް އާދެވިފައިވާކަން އަހަންނަށް މިހާރު ޔަގީންކަމާ އެކު ބުނެވިދާނެ،" ގަތަރުގެ ބޮޑުވަޒީރު މުހައްމަދު ވިދާޅުވެފައިވެ އެވެ.
ކޮމެންޓް