
ގާޒާ ސިޓީ އާއި އުތުރުގެ އެހެން ސަރަހައްދުތަކުން ދެކުނަށް ބަދަލުވަމުންދާ ފަލަސްތީނުގެ އާންމުން
އުތުރު ގާޒާއިން ދެކުނު ސަރަހައްދަށް ކުރަމުންދާ ދަތުރު
ގާޒާގެ އުތުރުން ދެކުނަށް ބަދަލުވަމުން ދިޔަ އެތައް ސަތޭކަ މީހުންގެ ތެރެއިން ސީއެންއެން އިން ވަނީ ބައެއް މީހުންނާ އިއްޔެ ވާހަކަ ދައްކާފަ އެވެ.
ދަބަހާއި ފެނާއި ކާބޯތަކެތި ހިފައިގެން ސަލާހް އަލް-ދީން މަގުން ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިންނާއި މުސްކުޅިން އަދި އަނިޔާވެފައިވާ މީހުން ހިނގަމުން ދިޔައީ ދެކުނަށެވެ.
ބައެއް މީހުން ބުނިގޮތުގައި އެމީހުންގެ ދަތުރު ފަސް ކިލޯމީޓަރަށް ވުރެ ދިގުވާނެ އެވެ.
މި މަގުގެ އެއް ފަރާތުގައި އިޒްރޭލުގެ އަސްކަރީ ޓޭންކުތައް ހަރަކާތްތެރިވަމުން ދިޔަ އިރު، ބައެއް ފަހަރަށް އިވެމުން ދިޔަ ބަޑީގެ އަޑުފައްގަނޑާ އެކު މީހުން ބިރުން ފިތްކަނޑައިގެން ގޮސް ދުވާ މަންޒަރު ވެސް ފެނެ އެވެ. މި ބިރުވެރިކަމުގެ ތެރޭގައި މައިންބަފައިންނާއި ދަރިން ވަނީ އެކަހެރިވެފަ އެވެ.
އުތުރު ގާޒާއިން ބަދަލުވަމުންދާ ގިނަ އަދަދެއްގެ އާންމުންގެ ތެރޭގައި އަލް-ޝިފާ ހޮސްޕިޓަލުގައި މިފަހުން ހިމާޔަތް ހޯދައިގެން ތިބި މީހުން ވެސް ހިމެނެ އެވެ. ގާޒާގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު އަޝްރަފް އަލް-ގިދްރާ އާއި ނޫސްވެރިޔާ އިބްރާހިމް ޝަކޫރާ ވެސް ތިބީ އެ އެންމެންގެ ތެރޭގަ އެވެ.
"އިޒްރޭލު ސިފައިން ވަނީ އަލް-ޝިފާ ހޮސްޕިޓަލުގެ އިންޓެންސިވް ކެއާ ޔުނިޓަށް ބޮން އަޅާފައި. އަދި ތިރީ ފަންގިފިލާއަށް ބޮން އަޅާނެކަމަށް ބުނެ އިޒްރާރު ދިނުމުން އަހަރުމެން ނިންމީ ނުކުންނަން،" ޝަކޫރާ ސީއެންއެންއަށް ކިޔައިދިނެވެ.
"އެތަނަކީ މިހާރު ހޮސްޕިޓަލެއް ނޫން. އެއީ އަސްކަރީ މަރުކަޒެއް. އެތަނުގައި ނެތް އެމީހުންނަށް ހަމަލާދެމުން ދިޔަ ބަޔަކު."
ދަރިއަކު އުރައިގެން ހުރި އަންހެނަކު ވަނީ އޭނާގެ ތަޖުރިބާ ހިއްސާކޮށްފަ އެވެ. ޖަބަލްޔާގައި އޭނާ ހިމާޔަތް ހޯދައިގެން ހުރި ސްކޫލު ބިމާހަމަވި ހާދިސާ ވެސް އޭނާ ކިޔައިދިނެވެ.
"އަހަރެންގެ އަންހެން ދަރިފުޅާއި [އަދި] އަހަންނަށް ބޮޑުދައިތަ ކިޔާ ފިރިހެން ކުއްޖަކު ޝަހީދުވި،" ޝީރީ ޖޫދާ ބުންޏެވެ.
"[އެހެން] ތިން އަންހެން ކުއްޖަކާއި ތިން އަންހެނަކު ވެސް މަރުވި. ވެއްޓުނު އިމާރާތު ބައިތަކުގައި ތެރޭ ދަށުވައި އޮތް މި ކުއްޖާ އަހަރެން ސަލާމަތް ކުރިން. އަހަރެންގެ ހުރިހާ ކުދިން ތިބެނީ ހުސް ފަޔާ. މި ކުދިންތައް ގޮވައިގެން އަހަރެން އެތަނުން ދުވެ ފިލީ."
ސީއެންއެން އިން ވަނީ ޝެއިކް ރަދްވާންއަށް ނިސްބަތްވާ މަންމައަކާ ވެސް ވާހަކަަ ދައްކާފަ އެވެ. އޭނާ އިނީ ތިން ކުދިންނާއި ދެ ދޫނި ކޮށި ކައިރީގައި މަގުގެ އެއް ފަރާތުގައި އިށީނދެލައިގެންނެވެ.
ބަޑީގެ އަޑުފައްގަނޑަށް އޭނާ ސިއްސަސިއްސައިގެން ދެ އެވެ. އޭނާގެ އަންހެން ދަރިފުޅު ކަންފަތުގައި އަތް އަޅާ ނިވާކުރި އެވެ.
"މި ދޫނިތައް އަހަންނަށް ވަރަށް ހާއްސަ. މިއީ މާތް ކަލާނގެ ސަލާމަތް ކުރެއްވި ހުލްގުތަކެއް، އަހަރެމެން ސަލާމަތް ކުރެއްވި ގޮތަށް،" އޭނާ ބުންޏެވެ.
"މި [ދޫނިތައް] ދޫކޮށްލާފައި ދާކަށް ނުކެރުނު."
ކޮމެންޓް