
ގާޒާއަށް ތެޔޮ ފޯރުކޮށްދޭ ލޮރީއެއް، މިސްރާ ގުޅުނު ސަރަހައްދީ ރޮނގު ކައިރީގައި
ދުވާލަކު 2 ލޮރީގެ ތެޔޮ ގާޒާއަށް ވައްދަން އިޒްރޭލުން ހުއްދަދީފި
އެެމެރިކާއިން ޕްރެޝަރު ކުރުމުގެ ސަބަބުން ގާޒާއަށް ދުވާލަކު ދެ ލޮރީގެ ތެޔޮ ވެއްދުމުގެ ހުއްދަ އިޒްރޭލުން ދީފި އެވެ.
ގާޒާއަށް ކޮންމެ ދެ ދުވަހަކުން 140،000 ލީޓަރުގެ ތެޔޮ ވައްދާނެ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ. އޭގެ ބޮޑު ބައެއް ބޭނުންކުރާނީ ގާޒާގެ ތެރޭގައި އާންމުންނަށް އެހީ ފޯރުކޮށްދޭ ލޮރީތަކަށާއި އދ. އިން ދޭ ފެނާއި ނަރުދަމާގެ ނިޒާމަށް ކަމަށް ވެސް އެ އޮފިޝަލު ވިދާޅުވި އެވެ.
މީގެ އިތުރުން މިހާރު މެދުކެނޑިފައިވާ ފޯނާއި އިންޓަނެޓުގެ ހިދުމަތްތައް އަލުން ފަށަން ވެސް މި ތެޔޮ ބޭނުންކުރާނެ އެވެ.
ބުރާސްފަތިދުވަހު ގާޒާގެ މުވާސަލާތީ ހިދުމަތްތައް މެދުކެނޑުނު ނަމަވެސް، އދ. އިން ފަލަސްތީނުގެ ރެފިއުޖީންނަށް ކަނޑައަޅާފައިވާ އުންރުވާ އެޖެންސީ އިން ފޯރުކޮށްދިން ތެލާ އެކު މުވާސަލާތީ ހިދުމަތްތައް ވަނީ ހުކުރު ދުވަހު އަލުން ފަށައިފަ އެވެ.
އެމެރިކާގެ އޮފިޝަލް ވިދާޅުވީ ގާޒާއަށް ތެޔޮ ވައްދަން އިޒްރޭލު އެއްބަސް ކުރުވަން ވޮޝިންޓަނުން ވަރަށް ބޮޑު ޕްރެޝަރެއް ކުރި ކަމަށެވެ. އަދި ތެޔޮ ވައްދަން ހުއްދަ ދިނުމަށް މީގެ ހަފްތާތަކެއް ކުރިން އެއްބަސްވި ނަމަވެސް އިޒްރޭލުން އެކަން ތަންފީޒު ކުރުން ލަސްކުރީ ދެ ސަބަބަކާ ހުރެ ކަމަށް އެމެރިކާގެ އޮފިޝަލް ވިދާޅުވި އެވެ. އެއީ ދެކުނު ގާޒާއިން ކުރިން ތެޔޮ ހުސްވެފައި ނުވާތީ އާއި ހަމާސް އިން ރަހީނުކޮށްފައި ތިބި މީހުން ދޫކުރުމުގައި ކުރިމަގެއް ލިބޭތޯ ކަމަށް ވެސް އެ އޮފިޝަލް ފާހަގަކުރެއްވި އެވެ.
ތެޔޮ ހުސްވުމުގެ ސަބަބުން ހުރިހާ އޮޕަރޭޝަންތަކެއް ހުއްޓާލަން ޖެހިދާނެ ކަމަށް އދ.ގެ އުންރުވާ އެޖެންސީ އިން ވަނީ ބުރާސްފަތި ދުވަހު އިންޒާރު ދީފަ އެވެ. އަދި އެންމެ އަސާސީ އޮޕަރޭޝަންތަކަށް ވެސް ދުވާލަކު 160،000 ލީޓަރުގެ ތެޔޮ ބޭނުންވާ ކަމަށް އުންރުވާއިން އެންމެ ފަހުން ނެރުނު ރިޕޯޓުގައި ވެއެވެ. މިއީ މިހާރު އެއްބަސް ވެފައިވާ މިންވަރަށް ވުރެ ދެ ގުނަ އިތުރު އަދަދެކެވެ.
ގާޒާއަށް ތެޔޮ އެތެރެކުރުން އިޒްރޭލުން މަނާކުރީ އެ ތެޔޮ ހަމާސްއިން އަސްކަރީ ކަންކަމަށް ބޭނުންކޮށްފާނެތީ އެވެ.
ކޮމެންޓް