ޓިކްޓޮކް
އިޖުތިމާއީ އެއްބައިވަންތަކަމަށް ބުރޫ އަރާ ކަމަށް ބުނެ، އެކަން ކޮންޓްރޯލް ކުރުމަށް ގޮވާލައި އަޑުތައް ގަދަވަމުންދާ ކަމަށް ބުނެ، މަޝްހޫރު ވީޑިއޯ ޝެއާކުރާ އެޕްލިކޭޝަން ޓިކްޓޮކް މަނާކުރާނެ ކަމަށް ނޭޕާލުން ބުނެފި އެވެ.
ނޭޕާލްގެ ކޮމިއުނިކޭޝަންސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓަރު ރޭކާ ޝަރުމާ ވިދާޅުވީ ޓިކްޓޮކް މަނާކުރަން ނިންމީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.
ޝަރުމާ ވިދާޅުވީ އެގޮތަށް ނިންމީ "އިޖުތިމާއީ އެއްބައިވަންތަކަމަށް ބުރޫއަރައި އާއިލީ ގުޅުންތަކާއި އިޖުތިމާއީ ގުޅުންތަކަށް ބުރޫއަރާ ފަދަ ކޮންޓެންޓްތައް ހިއްސާ ކުރުމަށް ޓިކްޓޮކް އަބަދުވެސް ބޭނުންކުރާތީ" ކަމަށެވެ.
"ޓެކްނިކަލް ގޮތުން އެ އެޕް މަނާކުރުމުގެ މަސައްކަތް ދަނީ ކުރަމުން،" މަނާކުރީ ކޮން ސަބަބަކާ ހުރެ ކަމެއް ހާމަނުކޮށް އޭނާ ވިދާޅުވި އެވެ.
މިހާރު ވެސް އެހެން ބައެއް ގައުމުތަކުގައި ވަނީ ޓިކްޓޮކް އެއްކޮށް ނޫނީ ބައެއް މަނާކޮށްފަ އެވެ.
ނޭޕާލްގައި ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ޓިކްޓޮކާ ގުޅުން ހުރި 1600އަށް ވުރެ ގިނަ ސައިބާ ކްރައިމް މައްސަލަ ރަޖިސްޓްރީކޮށްފައިވާ ކަމަށް އެ ގައުމުގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ނޭޕާލް ޓެލެކޮމް އޮތޯރިޓީގެ ޗީފް ޕުރުޝޮތަމް ހާނާލް ވިދާޅުވީ އިންޓަނެޓްގެ ހިދުމަތް ދޭ ކުންފުނިތަކަށް އެޕް ބަންދުކުރަން އަންގާފައިވާ ކަމަށެވެ.
ނޭޕާލުގެ އިދިކޮޅު ލީޑަރުން ވަނީ އެ ކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެ ބޭފުޅުން ވިދާޅުވީ އެ ކަމުގައި ޒިންމާދާރު ކަމެއް ނެތް ކަމަށެވެ.