ވެލިންގްޓަން ކޫ: އޭނާ ވިދާޅުވީ ފޮކްސްކޮންގެ ބާނީ ޓެރީ ގޯ ރައީސްކަމަށް ކުރިމަތިލާން ބެއިޖިން އިން ބޭނުންނުވާ ކަމަށް
ޗައިނާއިން ހިންގާ ފޮކްސްކޮންގެ ތަހްގީގަކީ ސިޔާސީ ކަމެއް ކަމަށް ޓައިވާނުގެ ސެކިއުރިޓީ ވެރިޔާ ވިދާޅުވެއްޖެ
ޓައިވާނުގެ ފޮކްސްކޮން ކުންފުނީގެ ޓެކުހާ ބެހޭ ތަހްގީގެއް ޗައިނާއިން ހިންގަމުންދަނީ ސިޔާސީ ބޭނުމެއްގައި ކަމަށް ޓައިވާނުގެ ގައުމީ ސަލާމަތާ ބެހޭ ވެރިޔާ އިއްޔެ ވިދާޅުވެއްޖެ އެވެ.
ފޮކްސްކޮންގެ އެއް ބާނީ ކަމުގައިވާ، އަދި މީގެ ހަތަރު އަހަރު ކުރިން ކުންފުނި ހިންގެވުމުން ވަކިވެވަޑައިގެންނެވި ބިލިއަނަރު ޓެރީ ގޯ ވަނީ ޖަނަވަރީ މަހު ޓައިވާނުގައި ބާއްވާ ރިޔާސީ އިންތިހާބަށް ނުކުންނަވާފަ އެވެ.
މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި އިންތިހާބުގައި ވާދަކުރައްވާ ގޯގެ ހިއްސާ އޮންނަ ފޮކްސްކޮން އަކީ ކޮންޓްރެކްޓް އުސޫލުން އިލެކްޓްރޯނިކްސް ތައްޔާރު ކޮށްދޭ ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުންޏެވެ. އެޕަލް ކުންފުންޏަށް އައިފޯނު ވެސް ތައްޔާރު ކޮށްދެމުން އަންނަ ފޮކްސްކޮންގެ ޓެކުހާއި ބިމާ ބެހޭ މައްސަލަތަކެއް ޗައިނާގެ އިދާރާތަކުން ތަހްގީގު ކުރަމުންދާ ކަމަށް ސަރުކާރުގެ ގްލޯބަލް ޓައިމްސް ނޫހުން ވަނީ މިދިޔަ މަހު ރިޕޯޓް ކޮށްފަ އެވެ.
މި ތަހްގީގު ޗައިނާ ސަރުކާރުން އަދި ކަށަވަރު ކޮށްދީފައި ނުވި ނަމަވެސް، މިކަމަށް އެއްބާރުލުންދޭނެ ކަމަށާއި ކުންފުނީގެ ހަރަކާތްތަކާ މެދު "ޔަގީންކަން" އެބައޮތް ކަމަށް ފޮކްސްކޮން އިން ވަނީ ބުނެފަ އެވެ.
ޓެރީ ގޯ އިންތިހާބުގައި ބައިވެރިވެވަޑައިގަތުމުން އިދިކޮޅަށް ލިބިގެންދާ ވޯޓުތައް ބައިބައިވެގެން ދާނެ ކަމަށް މާހިރުން ލަފާ ކުރަ އެވެ.
"އެމީހުން [ޗައިނާއިން] ބޭނުމެއް ނުވޭ ޓެރީ ގޯ އިންތިހާބުގައި ވާދަކުރައްވާކަށް،" ރައީސް ޓްސާއި އިންގް-ވެންގެ ބެއްލެވުމުގެ ދަށުން ހިންގާ ގައުމީ ސަލާމަތާ ބެހޭ ކައުންސިލްގެ ވެރިޔާ ވެލިންގްޓަން ކޫ ވިދާޅުވި އެވެ.
"އަހަރެމެންނަށް ފެނިފައިވާ ކަންތައްތަކުން ދޭހަވަނީ، ޗައިނާއިން ބޭނުމެއް ނުވޭ [ޗައިނާއަށް ތާއީދުކުރާ ފަރާތްތަކުގެ] ވޯޓުތައް ބައިބައިވާކަށް."
ކޫ އިތުރަށް ވިދާޅުވީ ފޮކްސްކޮން އިން ޗައިނާ ނޫން އެހެން ގައުމުތަކުގައި ކާރުހާނާތައް އެޅުމަށް ވިސްނަމުން ދިޔުމަކީ ވެސް ޗައިނާއިން މި ތަހްގީގް ފެށުމުގެ ސަބަބަކަށް ވެދާނެ ކަމަށެވެ. އެމެރިކާގެ ވަރުގަދަ ބްރޭންޑުތަކުގެ މުދާ އުފައްދާ ކާރުހާނާތައް ޗައިނާއިން ނުކުންނަ ނަމަ ބެއިޖިންއަށް ބޮޑު ގެއްލުމެއް ލިބޭނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ފޮކްސްކޮން އަކީ ޗައިނާގެ ޕްރައިވެޓް ސެކްޓަރުގައި އެންމެ ގިނަ އަދަދަކަށް މުވައްޒަފުން ގެންގުޅޭ ކުންފުންޏެވެ. ޗައިނާގައި އެކަނި ވެސް ފޮކްސްކޮންގެ އެއް މިލިއަން މުވައްޒަފުން މަސައްކަތް ކުރެ އެވެ.