ބަހްރެއިންގައި ހުންނަ އިޒްރޭލުގެ އެމްބަސީ.

ބަހްރެއިން

ބަހްރެއިނުން އިޒްރޭލާ އިގްތިސާދީ ގުޅުން ކަނޑާލައިފި

ބަހްރެއިން އާއި އިޒްރޭލާ ދެމެދު ގުޅުން ބަދަހިކުރަން ފެށީ 2020 ވަނަ އަހަރު ސޮއިކުރި އަބްރަހަމް އެކޯޑްއާ އެކު

ބަހްރެއިން އިން އިޒްރޭލަށް ކަނޑައަޅާފައި ހުންނެވި ސަފީރު އެނބުރި ގައުމަށް ވަޑައިގަތުމަށް އަންގައި، އިޒްރޭލާ އެކު އޮތް އިގްތިސާދީ ގުޅުން މެދުކަނޑާލަން ނިންމާފައިވާކަން ބަހްރެއިންގެ ގާނޫނު ހަދާ މަޖިލީހުން މިއަދު އިއުލާނުކޮށްފި އެވެ.

ބަހްރެއިންގެ ގާނޫނު ހަދާ މަޖިލީހުގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން، އިޒްރޭލުން ބަހްރެއިންއަށް ކަނޑައަޅާފައި ހުންނެވި ސަފީރު ވެސް ވަނީ ބަހްރެއިން އިން ފައިބާވަޑައިގެންފަ އެވެ.

އިޒްރޭލަށް ކަނޑައަޅާފައި ހުންނެވި ސަފީރު އަނބުރާ ގެނެސް، އިޒްރޭލާ އެކު އޮތް އިގްތިސާދީ ގުޅުން މެދުކަނޑާލަން ނިންމީ ބަހްރެއިން އިން ޒަމާނުއްސުރެ އަމަލު ކުރަމުން އައި ގޮތަށް "ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާއި ފަލަސްތީނު ރައްޔިތުންގެ އުއްމީދަށް" ތާއީދުކޮށް، ފަލަސްތީނާ އެކު ސާބިތުވެ އޮތްކަން ދެއްކުމަށް ކަމަށް ބަހްރެއިންގެ މަޖިލީހުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވެ އެވެ. 

ބަހްރެއިނާއި އިޒްރޭލާ ދެމެދު ގުޅުން ބަދަހިކުރީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ސޮއި ކުރި އަބްރަހަމް އެކޯޑްސް އެއްބަސްވުމާ އެކުގަ އެވެ. މި އެއްބަސްވުމުގައި ބަހްރެއިންގެ އިތުރުން ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އިން ވެސް ސޮއި ކޮށްފައި ވެ އެވެ. އަދި އޭގެ ފަހުން ސޫދާން އާއި މޮރޮކޯ އިން ވެސް މި އެއްބަސްވުމުގައި އިޒްރޭލާ އެކު ސޮއިކޮށްފައި ވެ އެވެ.

އެމެރިކާ އިން އިސްނަގައިގެން ހެދި މި އެއްބަސްވުމުގެ ބޭނުމަކަށްވީ އަރަބި ދުނިޔޭގައި އިޒްރޭލަށް އޮތް ތާއީދު އިތުރު ކުރުމެވެ. އަދި މި އެއްބަސްވުން ގާއިމު ކުރި ފަހުން ބަހްރެއިން އާއި ޔޫއޭއީ އިން ވަނީ އިޒްރޭލާ އެކު ވިޔަފާރި އަދި އަސްކަރީ ގުޅުން ގާއިމުކޮށް ޑީލުތައް ހަދާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް