ނެދަލެންޑްސްގެ ބޮޑުވަޒީރު މާކް ރޫޓާ އަދި ފަރަންސޭސިވިލާދުގެ ރައީސް އެމެނުއެލް މެކޯން
ފަރަންސޭސި އަދި ނެދަލޭންޑްސްގެ ލީޑަރުން އިޒްރޭލަށް ވަޑައިގަންނަވަނީ
ނެދަލޭންޑްސްގެ ބޮޑުވަޒީރު މާކް ރޫޓާ އާއި ފަރަންސޭސިވިލާތުގެ ރައީސް އެމެނުއެލް މެކޯން މި ހަފްތާގައި އިޒްރޭލަށް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފި އެވެ.
މި ދެ ލީޑަރުން ވަޑައިގަންނަވާނީ ހޯމަ ދުވަހާއި އަންގާރަ ދުވަހު ކަމަށާއި މި ޒިޔާރަތުގައި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލު ކުރައްވާނެ ކަމަށް ބޮޑުވަޒީރުގެ އޮފީހުން ނެރެފައިވާ ބަޔާނުގައިވެ އެވެ.
ނެދަލޭންޑްސްގެ ބޮޑުވަޒީރުގެ އޮފީހުން ވަކިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މާކް ރޫޓާ އިޒްރޭލުގެ ބޮޑުވަޒީރު އާއި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއާ ވެސް ބައްދަލު ކުރައްވާނެ ކަމަށެވެ.
ފަރަންސޭސިވިލާތުގެ ރިޔާސީ ގަނޑުވަރުން ވެސް ވަނީ އެގައުމުގެ ރައީސް މެކޯން މި ހަފްތާގައި އިޒްރޭލަށް ދަތުރު ކުރައްވާނެކަމަށް ޔަގީން ކޮށްދީފަ އެވެ.
ޔޫރަޕުގެ ދެ ލީޑަރުން އިޒްރޭލަށް މި ވަޑައިގަންނަވަނީ އެެމެރިކާގެ ރައީސް ޖޯ ބައިޑަން، އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނާކް އަދި ޖަރުމަނުވިލާތުގެ ޗާންސެލަރު އޯލާފް ޝޮލްޒް މިދިޔަ ހަފްތާގައި އިޒްރޭލަށް ވަޑައިގެންފައި ވަނިކޮށެވެ.