ކެމްބޯޑިއާގައި ހުޅުވި އާ އެއާޕޯޓު ސިއެމް-ރީޕް-އަންގްކޯ އިންޓަނޭޝަނަލް އެއާޕޯޓުގެ ކުރެހުމެއް.

ކެމްބޯޑިއާ

ޗައިނާގެ އެހީއާ އެކު ހެދި ކެމްބޯޑިއާގެ ބައިނަލްއަގްވާމީ އެއާޕޯޓް ހުޅުވައިފި

މި އެއާޕޯޓު މެނޭޖުކުރުމަށް ހަމަޖައްސާފައި ވަނީ ޗައިނާގެ ކުންފުންޏަކުން
19 އޮކްޓޯބަރު 2023

ކެމްބޯޑިއާގައި އަލަށް ހެދި އެގައުމުގެ އެންމެ ބޮޑު އެއާޕޯޓު ކޮމާޝަލް އޮޕަރޭޝަންސްތަކަށް މިހަފްތާގައި ހުޅުވާލައިފި އެވެ.

ޗައިނާގެ އެހީއާ އެކު ހެދި ސިއެމް-ރީޕް-އަންގްކޯ އިންޓަނޭޝަނަލް އެއާޕޯޓް ހުންނަނީ ކެމްބޯޑިއާއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ މެދުގައި މަޝްހޫރު ތާރީހީ ތަނެއް ކަމުގައިވާ އަންގްކޯ ވަތުއާ 40 ކިލޯމީޓަރު ދުރުގަ އެވެ. 

ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން 1.1 ބިލިއަން ޑޮލަރު ހަރަދުކޮށްގެން ހެދި މި އެއާޕޯޓުގައި 3،600 މީޓަރުގެ ރަންވޭއެއް އޮންނަ އިރު، އަހަރީ ކެޕޭސިޓީ އުޅެނީ ހަތް މިލިއަން ފަސިންޖަރުން ގަ އެވެ. މިއީ ކެމްބޯޑިއާގައި މިހާތަނަށް ބޭނުންކުރަމުން އައިސްފައިވާ  ސިއެމް ރީޕް އިންޓަނޭޝަނަލް އެއާޕޯޓުގެ އަހަރީ ކެޕޭސިޓީއަށް ވުރެ ދެ މިލިއަން އިތުރު އަދަދެކެވެ.

ކެމްބޯޑިއާގައި ހުންނަ ޗައިނާގެ އެމްބަސީއިން މައުލޫމާތު ދިން ގޮތުގައި މިއީ ޗައިނާއިން "ބިނާކޮށް، އޮޕަރޭޓުކޮށް-ބަދަލުކުރާ" ގޮތަށް ބޭރު ގައުމެއްގައި ބިނާ ކުރެވުނު ފުރަތަމަ އިންޓަނޭޝަނަލް އެއާޕޯޓެވެ. މި އެއާޕޯޓު އޮޕަރޭޓު ކުރާނީ ޔުނާން އޭވިއޭޝަން އިންޑަސްޓްރީ އިންވެސްޓްމަންޓް ގްރޫޕުން ކަމަށް ވެސް ޗައިނާ އެމްބަސީ އިން މައުލޫމާތު ދީފައިވެ އެވެ.

"4އީ އެއާޕޯޓް" އެއްގެ ގޮތުގައި ކަނޑައެޅާފައިވާ މި އެއާޕޯޓްގައި ބޮޑެތި ފްލައިޓުތައް ވެސް މެނޭޖު ކުރެވޭނެ އެވެ. މީގެ ތެރޭގައި ދުރު ހިސާބުތަކުން އަންނަ ފްލައިޓުތައް ވެސް ހިމެނެ އެވެ. 

ސިއެމް ރީޕް-އަންގްކޯ އިންޓަނޭޝަނަލް އެއާޕޯޓު (ވީޑިއޯ/ކެމްބޯޑިއަނެސް)

ސިއެމް ރީޕް-އަންގްކޯ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވުމާ އެކު އެ އެއާޕޯޓަށް ޖެއްސި ފުރަތަމަ ބޯޓަކަށް ވެފައި ވަނީ ތައިލެންޑުގެ ބެންކޮކް އެއާވޭސްގެ ފްލައިޓެކެވެ. 

ކެމްބޯޑިއާގެ ތާރީހީ އާކިޓެކްޗާ ދައްކުވައިދޭ ގޮތަށް ފަރުމާކޮށް ހުޅުވި މި އެއާޕޯޓުގެ ކޮންސްޓްރަކްޝަން މަސައްކަތް ފައްޓާފައި ވަނީ 2020 ވަނަ އަހަރު އެވެ. 

މިހާތަނަށް ކެމްބޯޑިއާގައި ބޭނުން ކުރަމުން އައިސްފައި ވަނީ 1932 ވަނަ އަހަރު ހުޅުވި ސިއެމް ރީޕް އިންޓަނޭޝަނަލް އެއާޕޯޓެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް