ސަޕްލައިގެ ބިރުތަކާ އެކު ތެލުގެ އަގު އުފުލިއްޖެ.

ތެޔޮ

ހަމާސް-އިޒްރޭލް ހަނގުރާމައާ ހެދި ތެލުގެ އަގު އުފުލިއްޖެ

ތެލުގެ އަގުތައް މައްޗަށް މި ދަނީ އިޒްރޭލު-ހަމާސްގެ ހަނގުރާމަ އިތުރު ސަރަހައްދުތަކަށް ފެތުރިދާނެ ކަމުގެ ބިރަށް

އިޒްރޭލާއި ހަމާސްގެ ހަނގުރާމައާ ގުޅިގެން، ދުނިޔޭގައި ތެލުގެ ސަޕްލައިތަކަށް ބުރޫ އަރާނެކަމުގެ ބިރާ އެކު ތެލުގެ އަގުތައް މިއަދު %4 މައްޗަށް ޖެހިލައިފި އެވެ.

އެމެރިކާގައި ތެލުގެ އަގު ދެނެގަންނަ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް (ޑަބްލިއުޓީއައި) މިންގަނޑު ދައްކާ ގޮތުން ތެޔޮ ފީފާއެއްގެ އަގު ވަނީ 86 ޑޮލަރަށް ވުރެ މައްޗަށް ގޮސްފަ އެވެ.

އޭޝިއާގެ މާކެޓުތަކުގައި ބްރެންޓް ކްރޫޑްގެ އަގުތައް ވެސް ވަނީ އުފުލިފަ އެވެ.

އިޒްރޭލާއި ފަލަސްތީނަކީ ތެޔޮ އުފައްދާ ގައުމުތަކެއް ނޫނެވެ. ނަމަވެސް، މި ދެ ގައުމު އޮންނަ މެދުއިރުމައްޗަކީ ދުނިޔެއަށް ބޭނުންވާ ތެލުގެ ތިންބައި ކުޅަ އެއް ބައި ފޯރުކޮށްދޭ ސަރަހައްދެކެވެ. 

"ތެލުގެ އަގުތައް އުފުލެމުން މި ދަނީ މި ހަމަނުޖެހުން ފުޅާވެ، ތެޔޮ އުފައްދާ ގައުމުތައް ކަމުގައިވާ ސައުދީ އަރަބިއްޔާ އާއި އީރާނަށް ފެތުރިދާނެތީ،" ހަކަތައާ ބެހޭ އެނަލިސްޓެއް ކަމުގައިވާ ސައުލް ކަވޮނިޗް ބީބީސީއަށް ވިދާޅުވި އެވެ.

"ހަމާސްގެ ހަމަލާތަކަށް އެހީތެރިވެދެމުން ދާ ކަމަށް ތުހުމަތު ކުރެވޭ އީރާނަށް މި ހަމަނުޖެހުން ފެތުރިއްޖެ ނަމަ، ދުނިޔޭގެ ތެލުގެ ސަޕްލައިގެ %3އަށް އެ އޮތީ ނުރައްކާވެފައި."

އީރާނުގެ ދެކުނަށް އޮންނަ 'ސްޓްރެއިޓް އޮފް ހޮރްމޫޒް' ކަނޑުގެ ސަރަހައްދު ބަންދުކޮށްފި ނަމަ، ދުނިޔެއަށް ބޭނުންވާ ތެލުގެ ސަޕްލައިގެ %20އަށް ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ކަވޮނިޗް ވިދާޅުވި އެވެ.

މެދުއިރުމައްޗާއި ގަލްފުގެ ސަރަހައްދުގައި ހިމެނޭ ތެލާއި ގޭސް އުފައްދާ ގައުމުތަކަށް ސްޓްރެއިޓް އޮފް ހޯރްމޫޒް އަކީ ވަރަށް މުހިންމު ސަރަހައްދެކެވެ. 

މިދިޔަ އަހަރު ރަޝިޔާއިން ޔޫކްރެއިނާ ދެކޮޅަށް ހަނގުރާމަ ފެށުމާ އެކު، ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ވަނީ 120 ޑޮލަރުން މައްޗަށް އަރާފަ އެވެ. ނަމަވެސް، އޭގެ ފަހުން ތެލުގެ އަގު ދަށަށް ގޮސް، މިދިޔަ މޭ މަހު 70 ޑޮލަރާ ހަމައަށް ވެސް ތެލުގެ އަގު ވެއްޓިފައިވެ އެވެ.

ތެލުގެ އަގުތައް މާ ދަށްވިޔަ ނުދީ ހިފެހެއްޓުމަށް ސައުދީ އަރަބިއްޔާއިން ވަނީ ތެޔޮ އުފައްދާ މިންވަރު ދުވާލަކަށް 1 މިލިއަން ފީފާ މަދުކުރާނެކަން މިދިޔަ ޖުލައި މަހު އިއުލާނުކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް