ބެލަރޫސްގެ ލީޑަރު އެލެގްޒެންޑާ ލުކަޝެންކޯ.

ބެލަރޫސް

ރަޝިޔާއިން ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުމަށް އެމެރިކާއިން އަންނަނީ މަޖުބޫރު ކުރުވަމުން: ލުކަޝެންކޯ

ޔޫކްރެއިނުގެ ރައްދު ހަމަލާތައް ނާކާމިޔާބު ވެފައިވާ ކަމަށް ލުކަޝެންކޯ ވިދާޅުވި

އެމެރިކާއިން ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށްދީ ނިއުކްލިއާ ހަތިޔާރު ބޭނުންކުރުމަށް ރަޝިޔާއަށް މަޖުބޫރު ކުރުވަމުން އަންނަ ކަމަށް ބެލަރޫސްގެ ލީޑަރު އެލެގްޒެންޑާ ލުކަޝެންކޯ ހުކުރު ދުވަހު ވިދާޅުވެއްޖެ އެވެ.

"އަހަންނަށް ހީވާގޮތުން - މީ އަހަންނަށް ފެންނަ ގޮތް. އެމެރިކާއިން އަންނަނީ އެންމެ ބިރުވެރި ހަތިޔާރު ބޭނުންކުރުމަށް ރަޝިޔާއަށް މަޖުބޫރު ކުރުވަމުން. އެމީހުން އަންނަނީ ވޮލޮޑްމިއާ އޮލެކްސެންޑްރޮވިޗް ޒެލެންސްކީ އާއި އޭނާގެ ފައުޖުތަކަށް ދިގު ރާސްތާ މިސައިލުތައް ދެމުން. މީގެ ތެރޭގައި 300 ކިލޯމީޓަރަށް ދަތުރުކުރާ މިސައިލުތައް ވެސް އެބަހުރި،" ބްރެސްޓް ސަރަހައްދުގައި ހުރި އަސްކަރީ މަރުކަޒަކަށް ވަޑައިގެން ހުންނަވާ ލުކަޝެންކޯ ވިދާޅުވި އެވެ.

ލުކަޝެންކޯ ވިދާޅުވީ މީގެން މިސައިލެއް ރަޝިޔާގެ ސަރަހައްދަކަށް އަރައިފި ނަމަ ރަޝިޔާއިން އެކަމަށް ރައްދު ދޭން މަޖުބޫރު ވާނެ ކަމަށެވެ.

"މީގެން އެންމެ ހަމަލާއެއް ރަޝިޔާގެ ސަރަހައްދަކަށް އަރަން ޖެހޭނީ. ނަތީޖާ ވަރަށް ހިތިވާނެ. އެހެންނޫނީ ކޮބާ މި (ނިއުކްލިއާ) ހަތިޔާރުތަކުގެ ބޭނުމަކީ؟" ލުކަޝެންކޯ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ގައުމުތަކުގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމާ ގުޅިގެން ވެސް ރަޝިޔާއިން "ރަތް ފިތް އޮންނަ ރިމޯޓު [ނިއުކްލިއާ ހަމަލާ ލޯންޗުކުރާ ރިމޯޓު] މޭޒު މައްޗަށް ނަގާފާނެ" ހާލަތަކަށް ދިޔުން އެކަށީގެންވާ ކަމަށެވެ. އަދި އެމެރިކާއިން މިކަމާ ބިރު ނުގަންނަކަމަށާއި ސަބަބަކީ އެމީހުން ތިބީ "ކަނޑެއްގެ އަނެއް ފަރާތުގައި" ކަމަށް ލުކަޝެންކޯ ފާހަގަކުރެއްވި އެވެ.

ލުކަޝެންކޯ މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފައި މިވަނީ ނިއުކްލިއާ ހަތިޔާރު ޓެސްޓުކުރުން މަނާކުރާ ގަރާރެއް އުވާލެވިދާނެ ކަމަށް ރަޝިޔާ ރައީސް ލަޑަމިއާ ޕޫޓިން ބުރާސްފަތި ދުވަހު ވިދާޅުވެފައި ވަނިކޮށެވެ. 

އަދި މިކަމާ ބެހޭގޮތުން ދެން އޮންނަ ބައްދަލުވުމެއްގައި މަޝްވަރާކުރާނެ ކަމަށް ރަޝިޔާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފަ އެވެ.

އިއްޔެ ލުކަޝެންކޯ ދެއްކެވި ވާހަކަފުޅުގައި އެމެރިކާއިން ޔޫކްރެއިނަށް ފޯރުކޮށްދެމުން އަންނަ އެހީތައް އެމެރިކާގެ ކޮންގްރެސް އިން ވަގުތީ ގޮތުން ހުއްޓުވުމަކަށް ގެނައުމާ މެދު ވެސް ވާހަކަދައްކަވާފައިވެ އެވެ. މިއާ އެކު ޔޫކްރެއިނުގެ "ރައްދު ހަމަލާތައް އަވަސް ކުރުމަށާއި އިތުރު ޒުވާނުންތައް ހަނގުރާމަައިގެ ތެރެއަށް ނެރެ އެއްލާލުމަށް" ލުކަޝެންކޯ ގޮވާލެއްވި އެވެ.

"މީޑިއާގެ ހުރިހާ ހިސާބެއްގައި އެވާހަކަ އެބައޮތް. ރައްދު ހަމަލާތައް ލަސްވުމުގެ ޒިންމާ އެމީހުން އަޅުވަނީ ޒެލެންސްކީ ބޮލުގައި. ރައްދު ހަމަލާތައް ވަނީ ނާކާމިޔާބު ވެފައި،" މި ހަމަލާތަކުގައި ބައިވެރިވަމުން އަންނަނީ އުމުރުން ދުވަސްވީ ފިރިހެނުން ކަމަށް ފާހަގަކުރައްވާ ލުކަޝެންކޯ ވިދާޅުވި އެވެ.

އަދި ޔޫކްރެއިނުގެ ރައްދު ހަމަލާތައް ކާމިޔާބު ވުމަށް އެމެރިކާއިން އެހާ ބޮޑަށް ބޭނުން ވަނީ ރައީސް ޖޯ ބައިޑަންގެ މަގުބޫލުކަން އެމެރިކާގެ އާންމުން މެދުގައި މައްޗަށް ޖެއްސުމަށް ކަމަށް ވެސް ލުކަޝެންކޯ ވިދާޅުވި އެވެ.

"ސިޔާސީ މާހައުލު އޮތް ގޮތުން މި ހަނގުރާމައިގެ ސަަބަބުން ބައިޑަން އާއި އެމެރިކާ ސަރުކާރަށް ލިބެންޖެހޭ ބާރެއް ނުލިބޭ. ހިޔާލު ހޯދުމުގެ ހުރިހާ ވޯޓުތަކަކުން އޭނާ (ބައިޑަން) އުޅެނީ ފަހަތުގައި. އޭނާ އެބަ ބޭނުންވޭ ކޮންމެ ވެސް ކަހަލަ ކާމިޔާބީ އެއް ހޯދަން. މޭޒު މައްޗަށް ކޮންމެ ވެސް އެއްޗެއް ގެންނަން ޖެހޭ މޮޅު ވާން،" ލުކަޝެންކޯ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް