
ޕޯލެންޑުގެ ބޮޑުވަޒީރު މެތިއުސް މޮރަވިއެކީ.
ޕޯލެންޑުން ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލަނީ
ޔޫކްރެއިނުން މެދުތެރޭ ޔޫރަޕަށް ގޮވާން އެތެރެކުރުމާ މެދު އުފެދިފައިވާ މައްސަލަ ހޫނުވެ، ޕޯލެންޑުން ޔޫކްރެއިނަށް އިތުރަށް ހަތިޔާރު ފޯރުކޮށްނުދޭނެ ކަމަށް މިއަދު އިއުލާނުކޮށްފި އެވެ.
ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށްދިނުމުގެ ބަދަލުގައި އިސްކަމެއް ދޭނީ ޒަމާނީ ހަތިޔާރު ހޯދައި ޕޯލެންޑުގެ ދިފާއު ވަރުގަދަ ކުރުމަށް ކަމަށް އެ ގައުމުގެ ބޮޑުވަޒީރު މަތިއުސް މޮރަވިއެކީ ވިދާޅުވި އެވެ.
ޕޯލެންޑުގެ ނިންމުން އައިސްފައި މި ވަނީ ޔޫކްރެއިނާއި ޕޯލެންޑާ ދެމެދު ނުތަނަވަސްކަން އިތުރުވަމުންދާ ދުވަސްވަރެެއްގަ އެވެ.
ޔޫކްރެއިނުގެ ރައީސް ވޮލޮޑްމިއާ ޒެލެންސްކީ އދ.ގައި ދެއްކެވި ވާހަކަތަކާ ގުޅިގެން ޕޯލެންޑުން ވަނީ އަންގާރަ ދުވަހު ޔޫކްރެއިނުގެ ސަފީރު ހާޒިރުކޮށްފަ އެވެ.
ޔޫކްރެއިނާ އެކު ރަހުމަތްތެރިކަން އޮތްކަން ދެއްކުމަށް ބައެއް ގައުމުތަކުން މަސައްކަތް ކުރާ ކަމަށާއި ހަގީގަތުގައި މިއީ މިކަން އޮތް ގޮތެއް ނޫން ކަމަށް ޒެލެންސްކީ ވަނީ އދ.ގެ އާންމު މެމްބަރުންގެ މަޖިލީހުގައި ވިދާޅުވެފަ އެވެ.
ނަމަވެސް، ޕޯލެންޑާ ބެހޭ ގޮތުން ޒެލެންސްކީ ދެއްކެވީ އިންސާފުވެރި ވާހަކަތަކެއް ނޫން ކަމަށާއި، ހަނގުރާމައިގެ އެންމެ ފުރަތަމަ ދުވަސްތަކުން ފެށިގެން ވެސް ޔޫކްރެއިނަށް ތާއީދު ކުރަމުން އަންނަ ކަމަށް ވޯސޯއިން ވަނީ ބުނެފަ އެވެ.
ޔޫކްރެއިނަށް އިތުރަށް ހަތިޔާރު ފޯރުކޮށް ނުދޭނެކަން ބޮޑުވަޒީރު މޮރަވިއެކީ އިއުލާނު ކުރެއްވީ ބުދަ ދުވަހު ޓީވީއަށް ދެއްވި ތަގްރީރެއްގަ އެވެ.
"އަހަރެމެން ޕޯލެންޑުގެ ދިފާއު ވަރުގަދަ ކުރުމަށް ޒަމާނީ ހަތިޔާރު އިތުރުކުރާތީ ޔޫކްރެއިނަށް އިތުރަށް ހަތިޔާރު ފޯރުކޮށެއް ނުދޭނަން،" މޮރަވިއެކީ ވިދާޅުވެފައި ވެއެވެ.
ޔޫކްރެއިނާ ޔޫރަޕާ ދެމެދު ގޮވާމުގެ މައްސަލަ ޖެހުމަށް މެދުވެރިވީ ހަނގުރާމައިގައި ރަޝިޔާއިން ޔޫކްރެއިނުގެ ބަނދަރުތައް ބަންދުކުރުމާ އެކު ޔޫކްރެއިނުން ގޮވާން ބޭރުކުރުމަށް އެއްގަމުގެ މަގުތައް ބޭނުން ކުރަން ފެށުމުން ނެވެ. އެއާ އެކު، ޔޫކްރެއިނުގެ ގޮވާމާ ބެހޭ ގިނަ އުފެއްދުންތަކެއް ހެޔޮ އަގުތަކެއްގައި މެދުތެރޭ ޔޫރަޕަށް ފޯރުކޮށްދޭން ފަށައި އެ ގައުމުތަކުގެ ދަނޑުވެރިންގެ އުފެންދުންތަކުގެ އަގުތައް ވަނީ ވެއްޓިފަ އެވެ.
މިކަމަށް ހައްލެއް ހޯދުމަށް ޔޫކްރެއިނުގެ އުފެއްދުންތައް ބަލްގޭރިއާ، ހަންގޭރީ، ޕޯލެންޑު، ރޫމޭނިއާ އަދި ސްލޮވާކިއާއަށް ވެއްދުން ވަގުތީ ގޮތުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން މަނާކުރި އެވެ. އަދި މި ފިޔަވަޅު މި މަހުގެ 15ގައި ނިމުމަކަށް އައުމާ އެކު، އިތުރު މުއްދަތަކަށް އެ ނިންމުން އާނުކުރުމަށް އީޔޫއިން ވަނީ ނިންމާފަ އެވެ.
ނަމަވެސް، އީޔޫއަށް ގޮންޖަހައި ހަންގޭރީ، ސްލޮވާކިއާ އަދި ޕޯލެންޑުން ވަނީ މިކަން ދަމަހައްޓާފަ އެވެ. އެއާ އެކު، މިއީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށް ބުނެ، ޔޫކްރެއިނުން ވަނީ ދުނިޔޭގެ ވިޔަފާރިއާ ބެހޭ ޖަމިއްޔާ (ޑަބްލިއުޓީއޯ)އަށް މައްސަލައެއް ހުށައަޅާފަ އެވެ.
އީޔޫގެ ގައުމުތަކުން ވިޔަފާރިއާ ބެހޭ ވަކިވަކި ސިޔާސަތުތަކެއް އަމިއްލައަށް ތަންފީޒު ނުކުރެވޭނެ ކަމަށް އީޔޫއިން ވެސް ވަނީ ތަކުރާރުކޮށް ބުނެފަ އެވެ.
ނަމަވެސް، ޔޫކްރެއިނުން ޑަބްލިއުޓީއޯއަށް ހުށައެޅި ޝަކުވާ ކުށްވެރިކޮށް، ޔޫކްރެއިނުގެ އުފެއްދުންތައް މަނާކޮށްފައި އޮތް އޮތުން ދެމެހެއްޓުމަށް ޕޯލެންޑުން ވަނީ ނިންމާފަ އެވެ. އަދި މި މައްސަލަ އިތުރަށް ބޮޑުކުރާ ނަމަ، ޔޫކްރެއިނުގެ އިތުރު އުފެއްދުންތައް ވެސް މަނާކުރާނެ ކަމަށް ވޯސޯއިން ވަނީ އިންޒާރު ދީފަ އެވެ.
ޔޫކްރެއިނުގެ ގޮވާމުގެ އުފެއްދުންތައް ސްލޮވާކިއާ، ހަންގޭރީ އަދި ޕޯލެންޑުގައި ވިއްކުން މަނާކޮށްފައި އޮތް ނަމަވެސް، އެ އުފެއްދުންތައް މި ތިން ގައުމުގެ ތެރެއިން ލާފައި ޔޫރަޕުގެ އިތުރު ސަރަހައްދުތަކަށް ގެންދިޔުމަށް ފުރުސަތު އޮތީ ދީފަ އެވެ.
ރަޝިޔާގެ އުދުވާނާ ގުޅިގެން ޔޫކްރެއިނަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދީ، އެހެން ގައުމުތަކުން ޔޫކްރެއިނަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޕޯލެންޑުން ވަނީ އިސް ރޯލެއް އަދާކޮށްފަ އެވެ.