
އާދިއްތަ ދުވަހު ހިނގި ހަމަނުޖެހުންތަކުގައި މަދުވެގެން 26 ފުލުހަކަށް އަނިޔާވެފައިވޭ.
ޖަރުމަނުގައި އޮތް އެރިޓްރިއާ އިވެންޓަކުން ގިނަ ބަޔަކު ހައްޔަރުކޮށްފި
އެރިޓްރިއާގެ ރައީސް އިސާއިއަސް އަފްވަރްކީއަށް ތާއީދުކޮށް ސަޕޯޓަރުންތަކެއް ޖަރުމަނުވިލާތުގެ ސްޓުޓްގާޓުގައި ބޭއްވި ސަގާފީ ފެސްޓިވަލެއްގައި ހަމަނުޖެހުން ހިންގި އެރިޓްރިއާގެ ސިޔާސީ އިދިކޮޅު ފަރާތްތަކަށް ތާއީދުކުރާ 200 އަށް ވުރެ ގިނަ ސަޕޯޓަރުން ފުލުހުން ހައްޔަރުކޮށްފި އެވެ.
ހޮނިހިރު ދުވަހު ހިނގި މި ހަމަނުޖެހުންތަކުގައި މަދުވެގެން 26 ފުލުހަކަށް އަނިޔާވެފައި ވާއިރު، ޖަރުމަނުގެ ދާހިލީ ކަންތައްތަކާ ބެހޭ ވަޒީރު ނެންސީ ފައޭސާ ވަނީ މި ހަމަނުޖެހުންތައް ކުށްވެރިކޮށްފަ އެވެ.
"އަހަރުމެންގެ ގައުމުގައި ބޭރުގެ ހަމަނުޖެހުންތައް ހިންގައިގެން ނުވާނެ،" އާދިއްތަ ދުވަހު ފައޭސާ ވިދާޅުވި އެވެ.
މި ހަމަނުޖެހުން ހިނގަން މެދުވެރިވީ އެރިޓްރިއާގެ ރައީސްއަށް ތާއީދުކުރަމުން ދިޔަ ސަޕޯޓަރުންނާއި ފުލުހުންނާ ދިމާލަށް ގަލާއި ފުޅި ފަދަ ތަކެތި އެރިޓްރިއާގެ އިދިކޮޅަށް ތާއީދުކުރާ 200 އެއްހާ ސަޕޯޓަރުން އުކަން ފެށުމުން ނެވެ.
ފުލުހުންގެ އިތުރުން ފެސްޓިވަލުގައި ބައިވެރިވި ހަތަރު މީހަކާއި އިދިކޮޅަށް ތާއީދުކުރާ ދެ މީހަކަށް ވެސް އަނިޔާވެފައިވެ އެވެ.
ހަމަނުޖެހުން މައިތިރިކުރުމަށް 300 އާ ގާތްކުރާ އަދަދަކަށް ފުލުހުން ފޮނުވުނު ކަމަށާއި މި ފުލުހުންނާ ކުރިމަތިވީ އިދިކޮޅު ދެ ގްރޫޕެއްގެ މެދުގައި ހިނގި "ބޮޑު ހަމަނުޖެހުން ގަނޑެއް" ކަމަށް ސްޓުޓްގާޓްގެ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު ކާސްޓެން ހޮފްލޭ ވިދާޅުވި އެވެ.
"ކުރިން އަންދާޒާ ކުރެވިފައެއް ނޫން އޮތީ މިހާ ހޫނުވާނެ ކަމެއް ނުވަތަ ބޮޑުވާނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.
އެރިޓްރިއާގެ ރައީސް އަށް ތާއީދުކުރާ 90 އެއްހާ ސަޕޯޓަރުންނާ ކުރިމަތިލުމަށް އިދިކޮޅަށް ތާއީދުކުރާ އެތައް ސަތޭކަ ބަޔަކު ވަނީ ސްޓުޓްގާޓްގެ މި ސަރަހައްދަށް އެއްވެެފަ އެވެ. އަދި މުޒާހަރާ ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދަށް ދިޔުމަށް ފުލުހުން އިދިކޮޅު ސަޕޯޓަރުންނަށް އެންގުމުން އެމީހުން އެގޮތަށް އަމަލުކޮށްފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި ހަމަނުޖެހުމުގައި ޖަރުމަނުގެ ފުލުހުންނަށް ހަމަލާދީފައި ވަނީ ލަކުނޑިބުރިތަކާއި މޮހޮރާއި ދަނގަޑު ހޮޅިބުރިތަކާއި ފުޅިތަކާއި އަދި ގަލުން ނެވެ.
ޖަރުމަނާއި ދުނިޔޭގެ އެހެން ސަރަހައްދުތަކުގައި ވެސް ބާއްވަމުން އަންނަ އެރިޓްރިއާގެ ސަގާފީ އިވެންޓުތަކުގައި ހަމަނުޖެހުންތައް އަންނަނީ ހިނގަމުން ނެވެ. އެގޮތުން މިއަހަރުގެ ޖުލައި މަހު ވެސް ޖަރުމަނުގެ ގިއްސެން ސިޓީގައި އޮތް އެރިޓްރިއާ ފެސްޓިވަލެއްގައި ހަމަނުޖެހުންތަކެއް ހިނގާ 22 ފުލުހަކަށް އަނިޔާވެފައިވެ އެވެ.
އަދި މިމަހު ކުރީކޮޅު އިސްރޭލުގެ ތެލް އެވީވް ސިޓީގައި ވެސް މިފަދަ ވަރުގަދަ ހަމަނުޖެހުންތަކެއް ހިނގާފައިވެ އެވެ.
ރައީސް އިސާއިއަސްގެ ސަރުކާރުން އަނިޔާވެރިވަމުން އަންނަކަމަށް ތުހުމަތުކޮށް އެރިޓްރިއާގެ އެތައް ހާސް ރައްޔިތުންނެއް ވަނީ ޔޫރަޕަށް ހިޖުރަކޮށްފަ އެވެ.
އިތިއޮޕިއާއިން 1991 ވަނަ އަހަރުގެ މޭ މަހު ވަކިވެ އެރިޓްރިއާ މިނިވަންކަން އިއުލާނުކޮށްފައި ވަނީ 1993ގެ މޭމަހު އެވެ. އަދި އެރިޓްރިއާގައި ވެރިކަން ކުރައްވަމުން އަންނަ އިސާއިއަސް މަޝްހޫރުވެފައި ވަނީ ހުދުމުހުތާރު ހަރުކަށި ވެރިއެއްގެ ގޮތުގަ އެވެ.
ކޮމެންޓް