ޑާނާ ސިޓީގެ ބައެއް އަވަށްތައް ވަނީ އެކީ ނެތިގޮސްފައި. އަދި ގެއްލިފައިވާ މީހުންގެ އަދަދު ވެސް އެތައް ހާހަކަށް އަރާ

ލީބިޔާ

ލީބިޔާގެ ފެންބޮޑުވުން؛ ޑާނާގައި މަރުވި މީހުންގެ އަދަދު 11،300 އަށް އަރައިފި

ކާރިސާގެ ސަބަބުން މަރުވި މީހުންގެ ހަށިތައް ނެގުމަށް ގިނަ ގޮންޖެހުންތަކާ ޓީމުތަކަށް ދަނީ ކުރިމަތިވަމުން
17 ސެޕްޓެމްބަރު 2023

ލީބިޔާއަށް ކުރިމަތިވި ފެންބޮޑުވުމުގައި އިރުމަތީ އައްސޭރިފަށުގައި އޮތް ޑާނާ ސިޓީއިން މަރުވި މީހުންގެ އަދަދު 11،300 އަށް އަރާފައިވާ ކަމަށް އދ. އިން ހޮނިހިރު ދުވަހު ނެރުނު ރިޕޯޓެއްގައި ބުނެފި އެވެ. 

މި ކާރިސާގެ ސަބަބުން ދިރިތިބި މީހުންނާއި މަރުވި މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށް ދަމުން އަންނަ އިރު، މަަރުވި މީހުންގެ އަދަދު ވަރަށް ބޮޑުތަން އިތުރުވާނެ ކަަމަށް ވަނީ ބެލެވިފަ އެވެ.

ޑާނާ ސިޓީއިން އެކަނި ވެސް 10،100 މީހުން ގެއްލިފައިވާ ކަމަށް އދ. އިން ބުނެ އެވެ.

"މި އަދަދުތައް އިތުރުވާނެ ކަމަށް ލަފާ ކުރެވެނީ. އަދި ދިރިތިބި މީހުން ހޯދުމަށް އިމަޖެންސީ ހިދުމަތްތަކުން އަންނަނީ ވަރުބަލިކަމެއް ނެތި މަސައްކަތް ކުރަމުން،"  އދ.ގެ ރިޕޯޓުގައިވެ އެވެ.

ތޫފާން ޑެނީލްއާ އެކު ލީބިޔާއަށް ކުރި ބޯވިއްސާރައިގެ ސަބަބުން އުތުރު އިރުމަތީ ސަރަހައްދުތަކުގައި ދިރިއުޅޭ 40،000 އަށް ވުރެ ގިނަ މީހުން ގެދޮރު ދޫކޮށް އެހެން ތަންތަނަށް ގޮސްފައިވާ ކަަމަށް އދ. އިން އަންދާޒާ ކުރެ އެވެ. އަދި މި ތޫފާނުގެ އިންސާނީ ގެއްލުން މިހާ ބޮޑުވެފައި ވަނީ، ވެއްޓެން ކައިރިވެފައި ހުރި ދުވަސްވީ އިމާރާތްތައް ގިނަވުމާއި ވުޒާރާތަކުން ދޭން ޖެހޭ މިންވަރަށް އިންޒާރުތައް ނުދިނުމާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ކަމަށް މާހިރުން ވަނީ ފާހަގަކޮށްފަ އެވެ.

ފެންބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ޑާނާގައި މި ކާރިސާ ހިނގުމުގެ ކުރިން ލައްކައެއްހާ މީހުން ދިރިއުޅެމުން ދިޔަ އެވެ. އަދި މިހާރު މި ސިޓީއިން އެކަނި ވެސް 30،000 މީހުން އެހެން ސަރަހައްދުތަކަށް ބަދަލުވާން މަޖުބޫރުވެފައިވާ ކަމަށް އދ. އިން ވަނީ ބުނެފަ އެވެ.

އަދި އެތައް ހާސް ބަޔަކު މިހާރު އެހެން ސަރަހައްދުތަކަށް ބަދަލުވަމުން އަންނަ އިރު، އެތައް އަހަރެއްގެ ހަމަނުޖެހުންތަކުގައި ލީބިޔާގައި ވަޅުލާފައި ހުރި ލޭންޑް މައިންތަކުގެ ބިރާއި އެހެނިހެން ގޮވާތަކެތީ ބިރު މި މީސް މީހުންނަށް އޮތް ކަމަށް އދ.ގެ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާސް (އޯސީއެޗްއޭ) އިން ވަނީ ބުނެފަ އެވެ.

ތޫފާން ޑެނީލްގެ ފެންބޮޑުވުމުގެ އަސަރުކޮށްފައިވާ 300،000 އެއްހާ ކުޑަކުދިންނަށް ކޮލެރާ، މެލްނިއުޓްރިޝަން، ބޭރަށް ހިންގުން އަދި ޑީހައިޑްރޭޝަން ފަދަ ސިއްހީ ބިރުތައް މިހާރު ވަނީ ކުރިމަތިވެފަ އެވެ. އަދި މީގެ އިތުރުން ވެސް އަނިޔާވެރިކަމާއި މަގުފުރެއްދުން ފަދަ ބިރުތައް ވެސް ކުރިމަތިވުމުގެ ބިރު އެކުދިންނަށް އޮތް ކަމަށް އދ. ގެ ރިޕޯޓުގައިވެ އެވެ. 

ލީބިޔާގެ ފެންބޮޑުވުމާ ގުޅޭ (ވީޑިއޯ/ބީބީސީ ނިއުސް އެފްރިކާ)

މީހުން ސަލާމަތް ކުރުމުގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކުން އަންނަނީ ވެއްޓިފައިވާ އިމާރާތްތަކާއި ކަނޑުގެ ސަރަހައްދުން ދިރިތިބި މީހުން ފެނޭތޯ ހޯދާ ބަލަމުން ނެވެ. އަދި މަރުވެފައިވާ ގިނަ ހަށިތަކެއް ފެންނަމުން އަންނަނީ މެޑިޓެރެނިއަން ކަނޑުން ކަމަށާއި، މި ހަށިތައް ނެގުމަށް އިތުރު އިކުއިޕްމަންޓު ބޭނުންވާ ކަމަށް ބައިނަލްއަގްވާމީ ޓީމުތަކުން ވަނީ ބުނެފަ އެވެ.

"ހަށިތައް ހުންނަނީ ވަރަށް ބޮޑަށް ހަލާކުވެފައި. ވަކި ހިސާބަކުން އެ ހަށިތައް ނަގަން ވެސް އުނދަގޫވާނެ،" ރަޝިޔާ، އަރަބި ގައުމުތައް، ތުރުކީ އަދި އިޓަލީގެ ޓީމުތައް ހިމެނޭ ބައްދަލުވުމެއްގައި ޓިއުނީޝިއާ ޓީމުގެ މީހަކު ބުންޏެވެ.

"އަހަރުމެންނަށް އެހީތެރިކަން ބޭނުންވޭ، އޭރުން އަހަރުމެންގެ މަސައްކަތް ކާމިޔާބު ވާނީ،" އޭނާ ބުންޏެވެ.

މިސުރު އަދި ޔޫއޭއީގެ މިޝަންތަކުން މައުލޫމާތު ދިން ގޮތުގައި ގިނަ ހަށިތަކެއް ފެންނަމުން ދަނީ މެޑިޓެރިނިއަން ކަނޑުގެ އައްސޭރިފަށުގައިވާ ހޮހޮޅަަތަކާ ބޭތަކުން ނެވެ. މި ސަރަހައްދުތަކަަށް ދެވެން އޮންނަ ހަމަ އެކަނި ގޮތަކީ ބޯޓެއް ބޭނުން ކުރުމެވެ.

އަލްޖީރިއާ މިޝަންގެ މީހަކު ބުނި ގޮތުގައި އޭނާގެ ޓީމަށް ވަނީ 50 ވަރަކަށް ހަށިގަނޑު ކްލިފެއް މަތިން ފެނިފަ އެވެ. ނަމަވެސް މި ސަރަހައްދަށް ވެސް ދެވެން އޮތީ ބޯޓެއްގައި ޑައިވަރުންގެ އެހީތެރިކަމާ އެކު ކަމަށް އޭނާ ފާހަގަ ކުރި އެވެ. 

"އަހަރުމެންނަށް ރަނގަޅު ބޯޓުތަކެއް ލިބިއްޖެ ނަމަ ކޮންމެ ދުވަހަކު 100 ހަށިގަނޑު ގެނެވިދާނެ،" މިސުރުގެ ޓީމުގެ މީހަކު ހިއްސާކުރި އެވެ.

ޑާނާގައި މީހުން ދިރިއުޅެމުން އަންނަ ސަރަހައްދުތަކުގައި އުފެދިފައި އޮތް ކިސަޑުގެ ތެރެއިން ވެސް ހަށިތައް ދަނީ ފެންނަމުން ނެވެ. އަދި މިފަދަ ހަށިތައް ގިނަ ދުވަސްވަންދެން ހުރުމުގެ ސަބަބުން ބަލިމަޑުކަމެއް ފެތުރިދާނެކަމުގެ ބިރު ވެސް މިހާރު އޮތީ ހީވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް